12 Jun 2025

އަބާޔާގެ އަގު މާ ބޮޑުތަ؟

އަބާޔާގެ އަގު މާ ބޮޑުތަ؟

By: Asima Nizar

ގޭގައި ތިބެގެން ނުވަތަ ވަޒީފާއަށް ދަމުން ވެސް އިތުރަށް އާމްދަނީ ހޯދަން ކުރާ މަސައްކަތުގައި އެންމެ ގިނައީ އޮންލައިން ވިޔަފާރިތަކެވެ. އަންނައުނާއި ކޮސްމެޓިކްސް އާއި ތަފާތު އެކި ވައްތަރުގެ ކެއުންތައް ހަދައިގެން ވިއްކާއިރު މިހާރު އެންމެ އާންމު އެއް މުދަލަކަށް "އަބާޔާ" ވެއްޖެ އެވެ.

ނިވާޔަން ބޮޑުކޮށް ހެދުން އެޅުމުގައި އަންހެނުންނަށް އެންމެ ހާއްސަ ހެދުން ކަމަށްވާ އަބާޔާ ވިއްކާ އަންހެނުން ވަރަށް ބޮޑަށް ގިނަވެއްޖެ އެވެ. އިންސްޓަގްރާމްގައި މީގެ ވިޔަފާރިއަށް ހަދާފައިވާ ޕޭޖުތައް ބައިވަރެވެ. ރާއްޖެއިން ބޭރުން ގެނެސްގެންނާއި އަމިއްލައަށް ފަހައިގެން ވެސް މި ވިއްކަ އެވެ.

މި ވިޔަފާރީގެ ފޯރި އޮތް ވަރުން އަބާޔާ އަށް އޮތް ޑިމާންޑު ވަޒަންކޮށްލެވެ އެވެ.

އަރަބި ގައުމުތަކުގައި ވެސް އެންމެ ހިނގާ އަބާޔާތައް، މާ ގިނަ ދުވަހެއް ނުވެ ރާއްޖެއިން ވެސް ލިބެން ހުރެ އެވެ.

އަބާޔާގެ އަގު ބޮޑުކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް

ނަމަވެސް މި ހެދުންތަކުގެ އަގު ބޮޑުކަމުގެ ޝަކުވާ ވެސް އެބަ އޮތެވެ. ބައެއް މީހުންނަށް މި ވާހަކަ ހިތުގައި ނުބޭއްވިގެން ސޯޝަލް މީޑިއާއާ ހަމަޔަށް ވެސް ގެނެސްފި އެވެ.

މިދިޔަ ބޮޑު އީދުގައި ވެސް، އީދު ނަމާދަށް ދާން ހާއްސަކޮށް އަބާޔާ ގަތް މީހުންނާ އެކު މީގެ ޑިމާންޑު ބޮޑުވެގެން ދިޔައިރު

މުހައްމަދު ފާއިގު އަހުމަދުގެ ނަމުގައިވާ ފޭސްބުކް އެކައުންޓަކުން އީދުތެރޭ މިކަމާ ގުޅޭ ގޮތުން ކުރި މަޖާ ޕޯސްޓެއްގައި "އަބާޔާ އިޒް ސޯ މާޝާالله. އެކަމަކު އަގުތައް އަސްތަޣުފިރުالله" އޭ އޮތުމުން އޭގައި އެ ބުނާ އަސްލު ވާހަކަ ގަބޫލުކުރެވިގެންނާއި އެ ބުނި އެއްޗެއްގެ މަޖާ ރާގުން 500 އަށް ވުރެ ގިނަ މީހުން އެ ޝެއާކޮށްފައި އޮތެވެ.

އެންމެ އަގުހެޔޮކޮށް ވެސް އަބާޔާއެއް ގަންނަން ލިބެނީ 600ރ. އިން މަތީގަ އެވެ. ފޮތި ގަނެގެން ފަހަން ބޭނުންވިއަސް، ފަހަން ދާ ހަރަދާ އެކު، އެންމެ ކުޑަވެގެން އަތުން އެ ވަރު ހޭދަވެ އެވެ.

އަބާޔާތަކެއް ކޮނޑެއްގައި އަޅުވައި، ޑިސްޕްލޭ ކޮށްފައި.-- ފޮޓޯ: ހީކް

އަބާޔާގެ ވިޔަފާރިކުރާ މީހަކު ބުނި ގޮތުގައި އޭގެ އަގުބޮޑީ ރާއްޖެއިން ބޭރުން ގެންނާތީ އެވެ. ޝިޕިން ހަރަދާއި ކޮލިޓީ ރަނގަޅު އެއްޗެހި ގަތުމަށް ހަރަދު ބޮޑު ކަމަށް އޭނާ ބުންޏެވެ. އެކަމަކު، އޮންލައިންކޮށް އެ ވިއްކަނީ މާ ބޮޑު ފައިދާއެއް ލައިގެން ނޫން ކަމަށް ބުންޏެވެ.

ރާއްޖޭގައި އާއްމުކޮށް ވިއްކަނީ އެމްބްރޮއިޑެޑް އަދި މިނާ ހަރުކޮށްފައި ހުންނަ އަބާޔާ އެވެ. އޭގެ ތެރެއިން އަގުބޮޑުކޮށް އުޅެނީ މިނާ ހުންނަ ވައްތަރެވެ.

"ގިނަ މީހުން ގަންނަނީ ވެސް މިނާ ހަރުކޮށްފައި ހުންނަ އަބާޔާ،" އޭނާ ބުންޏެވެ.

"އަމިއްލައަށް ޑިޒައިން ދީގެން ބޭރުން މި ފަހަނީ. މިހާރު މި ބޭނުންކުރަނީ ޑަބަލް ޝިފޯން ކިޔާ މެޓީރިއަލް އެއް. އެ ފޮތި ބަރުވާނެ. އެހެންވީމަ، ޝިޕިން އަށް އެބަޖެހޭ ބޮޑު އެއްޗެއް ހަރަދުކުރަން. ޑޮލަރުގެ އަގު ވެސް ބޮޑު."

ގިނަ ތަންތަނުގައި އަބާޔާ ޕްރޮމޯޓުކުރަނީ އެކަމަށް ހާއްސަ ފޮޓޯ ޝޫޓްތަކާ އެކުގަ އެވެ. އެއީ ވެސް ހިނގާ ހަރަދެކެވެ.

"މޮޑެލް އަދި ފޮޓޯ ނެގުމަށް ދާ ހަރަދާއެކީ އަބާޔާއަށް މި އަގު ނަގަނީ،" އޭނާ ބުންޏެވެ.

އެކަމަކު، ހެދުން އެޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެކު، ކިތަންމެ އަގުބޮޑުވިޔަސް އަބާޔާ ގަންނަން ބޭނުންވެ އެވެ. ޓްރެންޑަށް ފެތެނީ އޭރުންނެވެ.

އަންހެނުން ފެޝަން

Popular