ދީނީ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައި ތިބުމުން، ދޮށީ ދަރިފުޅު ހާތިމް ކުރާ ސުވާލުތަކަށް ޖަވާބު ދޭން އާއިޝާ ހުސެއިން ރަޝީދާއި އަހުމަދު ފިރާސްއަކަށް އުނދަގުލެއް ނޫނެވެ.
ދީނީ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައި ތިބުމުން، ދޮށީ ދަރިފުޅު ހާތިމް ކުރާ ސުވާލުތަކަށް ޖަވާބު ދޭން އާއިޝާ ހުސެއިން ރަޝީދާއި އަހުމަދު ފިރާސްއަކަށް އުނދަގުލެއް ނޫނެވެ.
އެކަމަކު، އެ ސުވާލުތަކަށް ޖަވާބު ދިނުމާ އެކު ފޮތް ކިޔުމަށް ލޯބި އަށަގެންނެވުމަށް ހާތިމް ކިޔާނެ ފޮތެއް ގަންނަން ބެލިއިރު އާއިޝާއަށް ފާހަގަވީ ބޮޑުވަމުން އަންނަ މުސްލިމު ކުދިންނަށް، އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް ހުންނަ ފޮތްތައް މަދުކަމެވެ. އަދި މުސްލިމު ފިރިހެން ކުދިންނަށް މިފަދަ ފޮތްތައް މަދުން ވެސް ނުހުންނަކަމެވެ.
އެ ހުސްކަން ފޫބައްދަން ފޮތެއް ލިޔުމުގެ ހިޔާލު ދިނީ، އިނގިރޭސިވިލާތުގައި ހުންނަ އަލް-ސަލާމް އިންސްޓިޓިއުޓުން އާލިމިއްޔާ ސެޓްފިކެޓް ހާސިލްކޮށް ނިމެން އުޅެނިކޮށް ފިރާސް އެވެ. އެއީ ކޮވިޑު ފެތުރެން ފެށި ދުވަސްވަރަށް ވެސް ވުމާ އެކު، ގޭގައި ހުރެގެން އާއިޝާ ފޮތް ލިޔުމުގެ މަސައްކަތް ފެށި އެވެ.
ޕްރީ-ޓީން، 8-13 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ "އާންޓީ އާއިޝާ އާންސާސް" ގެ ފޮތުގައި ބޮޑުވަމުން އަންހެން އަދި ފިރިހެން މުސްލިމް ކުދިންނަށް، އެ ކުދިންގެ ބޮޑުވަމުން އަންނައިރު ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކާއި އެކަންކަމަށް ކުރިމަތިލާނެ ގޮތްތަކާއި ދީނީ ވާޖިބުތައް އަދާކުރުމާ ބެހޭގޮތުން ދީނީ އަދި ތަރުބަވީ ނަޒަރަކުން މައުލޫމާތު ގެނެސްދީފައިވެ އެވެ.
އާއިލާއާ އެކު މެލޭޝިޔާގައި ދިރިއުޅެމުން އަންނަ އާއިޝާ ބުނި ގޮތުގައި، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ދީނީ ފޮތަކަށް ވުމުން އެ ތައްޔާރުކުރުމުގައި ކުދިންނަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށް ލިޔެފައިފައިވާނެ އެވެ.
"މިއީ އަޅުގަނޑު ވެސް މިހާތަނަށް ކުރި އެންމެ އުނދަގޫ އެއް ކަންތައް ހާސިލްކުރަން. ކުޑަކުދިންނަށް ދީނީ ވާހަކަ ކިޔައިދޭން، ކުޑަކުދިން ޝައުގުވެރިވާނެ އަދި އެ ކުދިންނަށް ފަސޭހައިން ވިސްނެން ހުންނާނެ ގޮތަށް. އާއްމުކޮށް ދީނީ ވާހަކަދައްކާއިރު އަރަބި ބަސްތައް ވަރަށް ގިނަ ފަހަރަށް އަންނާނެ. އައީމާ އަޑުއަހާ މީހާ، ހާއްސަކޮށް އަރަބި ނޭނގޭ، އަޑުއަހާ މީހާއަށް ކުޑަކޮށް އޮޅުންއަރާނެ. ބޮޑެތި މީހުންނަށް ވެސް އޮޅުން އަރާ، އެހެންވީމަ ކުޑަކުދިންނަށް ކިހާ ބޮޑަށް އޮޅުންއަރާނެ،" 108 ސޮފްހާގެ ފޮތާ ގުޅޭގޮތުން އާއިޝާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިނގިރޭސި ބަހުން ލިޔެފައިވާ އެ ފޮތުގައި އަރަބި ބަސްތައް، ކޮންމެހެން ހިމަނަން ޖެހިގެން ނޫނީ ބޭނުންކޮށްފައިނުވާނެ ކަމަށެވެ. އަދި އަރަބި ބަހެއް ބޭނުންކުރިއަސް، ކުދިންނަށް ވީހާ ވެސް ބޮޑަށް ނަގައިގަނެވޭނެ ގޮތަށް އޭގެ މާނަ ކިޔައިދީފައި ވެ އެވެ. އޭގެ އިތުރުން އިންސާނުންގެ ތަފާތުތައް ކިޔައިދިނުމަށް ފޮތުގައި ވަނީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މުސްލިމް އެކި ހިސާބުތަކުގައި ހެދުން އަޅާ ގޮތްތައް ވެސް އިލަސްޓްރޭޓްކޮށްފަ އެވެ.
ހަތަރު އަހަރުގެ މަސައްކަތަށް ފަހު މިދިޔަ އަހަރު ނެރުނު އާންޓީ އާއިޝާ ފޮތް ލިޔެފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ހިމެނެނީ ކުޑަކުދިން ކުރާ ބޮޑެތި ސުވާލުތަކަށެވެ. އެ ޗެޕްޓާ ވެސް، ބޮޑީ ޕޮޒިޓިވިޓީ، ނުކުޅެދުންތެރިކަން، އަންހެން އަދި ފިރިހެން ކުދިންގެ ހަށިގަނޑުގެ ތަފާތު، ޕާސަނަލް ކެއާ އަދި އޮޓޮނޮމީ އަދި ހީލިންއަށް ބަހާލާފައިވެ އެވެ.
ހެދިބޮޑުވަމުން އަންނަ އަންހެން އަދި ފިރިހެން ކުދިންނަށް ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާފައިވަނީ ދެ ވަނަ ބައިގަ އެވެ. އެ ބައިގައި، ފުރާވަރަށް އެރުމާއި، އަންހެންވަންތަކަމާއި ފިރިހެންވަންތަކަމާއި އާއިލާއެއް ބިނާކުރުމާއި މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުންގެ ޒިންމާތަކާއި ރޯލުތައް، އަންހެން އަދި ފިރިހެން މީހާގެ ޒިންމާތައް އަދި ބޮޑުވަމުން އަންނައިރު އިހުސާސްވެދާނެ ރޮމޭންޓިކް އެޓްރެކްޝަންތައް ނެވިގޭޓްކުރާނެ ގޮތްތައް ހިމެނެ އެވެ.
ފޮތް ނިންމާލާފައިވަނީ މަރާއި އެއާ ގުޅިގެން ލިބޭ ހިތްދަތިކަމަށާއި އާހިރަތަށް ތައްޔާރުވުމަށްޓަކައި މި ދުވަސްތައް ބޭނުން ކުރާނެ ގޮތަށެވެ. އެއީ ހާތިމް އެދިގެން އައިޝާ އިތުރުކުރި ބައެކެވެ.
"ހާތިމް ބުނީ އެއީ އެ ކުދިންނަށް އަސްލު ކިޔައިދޭ ކަންކަމެއް ނޫނޭ. އެހެންވީމާ، އެ ބައިތައް ވެސް ހިމަނައިދޭށޭ." އައިޝާ ބުންޏެވެ.
އިސްލާމިކް ރިވީލްޑް ނޮލެޖުން މެލޭޝިއާއިން ޑިގްރީ ހާސިލްކޮށްފައިވާ އާއިޝާ ބުނީ ދީނާ ގުޅޭ ކަންކަން ލިޔެފައިވަނީ ހުރިހާ މަޒުހަބަކުން ވެސް އެންމެ ރަނގަޅު ކަމަށް ގަބޫލުކުރާ ހަމަތަކުގެ މައްޗަށް ކަމަށެވެ.
ރަބަތާސް ޑޭބްރޭކް ޕްރެސްއިން ޕަބްލިޝްކުރި އެ ފޮތަށް ވަނީ ބޭރުގެ ތިން އެވޯޑެއްގެ ފައިނަލިސްޓުކަން ލިބި، އެއް އެވޯޑުގައި ރަން އެވޯޑު ލިބިފަ އެވެ. އެއީ މުސްލިމް ބުކްސްޓަގްރަމް އެވޯޑުގެ ނަންފިކްޝަން ކެޓަގަރީގެ ފައިނަލިސްޓުކަމާއި ރީޑާ ވިއުސްގެ ފަސް ތަރީގެ ރިވިއު އެޗީވްމަންޓް އަދި އިންޑެޕެންޑެންޓު ބުކް ޕަބްލިޝާސް އެސޯސިއޭޝަން ބުކް އެވޯޑުގެ ކުޑަކުދިންގެ ނަންފިކްޝަން ކެޓަގަރީއިން ރަން އެވޯޑެވެ.
މާލެ އާއި ސިންގަޕޫރާއި މެލޭޝިޔާ އާއި އެމެރިކާ އަދި އެމެޒޯން އާއި އެހެނިހެން އޮންލައިން ބުކްޝޮޕްތަކުން އިން ވެސް ފޮތް ގަންނަން ލިބޭ، އާންޓީ އާއިޝާގެ ފޮތް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ފާސްކޮށްފަ އެވެ.