By: Asima Nizar
ދާނެ ތަނެއް ނޭނގި ހުއްޓާ އީދު އައިސް ޖެހުނީ އެވެ. ދެން މި ޖެހުނީ މާލެ ބަންދުގައި ހުރެގެން އީދު ފާހަގަކުރާށެވެ. އެކަމަކު، ގޭގައި ބަންދުވެގެން ނުތިބޭށެވެ. މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މާލެ އަދި ހުޅުމާލޭގައި އީދު ފާހަގަކުރަން ގިނަ ހަރަކާތްތަކެއް އެބަ ބާއްވާ އެވެ.
އޭގެ އިތުރަށް އާއިލާ އަދި ރައްޓެހިންނާ އެކު މަޖާކުރަން ބޭނުންވިއަސް ކުރެވިދާނެ ކަންތައް އެބަހުއްޓެވެ.
މާލެއިން ލަކުޑި ފެރީއެއްގައި ވެސް ގަޑިއެއްހާއިރުން ދެވޭ ކުޑަގިރި އަކީ އީދު ބަންދުގައި ޕިކްނިކް ދާން ބޭނުންވާ ނަމަ އޮތް އެންމެ ރަނގަޅު ފުރުސަތެވެ. ބާބަކިއު ހެދުމާއި މޫދު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައް ހިންގަ އެވެ.
ވިލިނގިލީ ބީޗު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހެޔޮ އަގެއްގައި އަދި މާލޭގައި ތިބެގެން ވެސް އީދު ފާހަގަކޮށްލަން ބޭނުންވާ ނަމަ މިއީ ރަނގަޅު ގޮތެކެވެ.
އެގޮތް ވެސް ކަމުނުދާ ނަމަ ފެރީއަށް އަރައިގެން ފަސް މިނެޓުން ދެވޭ ވިލިމާލެ ކިހިނެއް ވާނެ ހެއްޔެވެ؟
މާލޭގެ ހަލަބޮލި މާހައުލުން ދުރަށް ގޮސް، ގަސްތަކުން މުޅި ރަށަށް ހިޔާވަހިކަން ލިބިފައިވާ ވިލިމާލެއަކީ، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެންމެ މަގުބޫލު އެއް މަންޒިލެވެ. ތަފާތުކޮށްލަން ވޯޓަ ސްޕޯޓްސް އެއްގައި ބައިވެރިވުން ވެސް ގޯހެއް ނޫނެވެ.
މޫދުން ދުރަށް ގޮސް ތަފާތު ކަމެއް ތަޖުރިބާކޮށްލަން ލިބޭ ދުވަސްވަރަކަށް ހެދޭތޯ ބެލުން ވެސް މުހިއްމެވެ. މުނިފޫހިފިލުވުމަށް މި ތަނުގައި ކުރެވޭނެ މާ ގިނަ ކަންކަމެއް ނެތެވެ. އެކަމަކު، ހުޅުމާލޭގައި މީގެ ދެ އަހަރު ކުރިން ހުޅުވި "ކްލޭ ސްޓޫޑިއޯ" އަކީ ކޮމްޕޯޓު ޒޯނުގައި ހުރެގެން ކުރެވިދާނެ ސަޅި ކަމެކެވެ. މީހާގެ ހުރި ގާބިލްކަން ވެސް ދައްކާލަން ރަނގަޅު ފުރުސަތެކެވެ.
ޗުއްޓީތަކަކީ ބޯ ހަމަޖައްސާލައި ދިރިއުޅުމާ މެދު ވިސްނާލަން ލިބޭ ދުވަސްވަރެކެވެ. އެހެންވެ، މި ލިބޭ ކުޑަ ބަންދުގައި މީހާގެ ހިތްހަމަޖެހުމަށް މަސައްކަތުން ދުރަށް ގޮސް މަޖާކޮށްލާށެވެ.