ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާ ދައްކުވައިދޭ "ކަނބުލޮ" ފިލްމު އަންނަ އޮގަސްޓް މަހުގެ 31 ގައި އޮލިމްޕަހަށް ގެންނަން ތައްޔާރުވެއްޖެ އެވެ.
ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާ ދައްކުވައިދޭ "ކަނބުލޮ" ފިލްމު އަންނަ އޮގަސްޓް މަހުގެ 31 ގައި އޮލިމްޕަހަށް ގެންނަން ތައްޔާރުވެއްޖެ އެވެ.
މިއީ 2009 ވަނަ އަހަރު ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު، "ޔުކްތާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީގެ މި ވާހަކައަށް ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ މަހުދީ އަހުމަދެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ "ކަމަނާ" ގެ ޕްރޮޑިއުސަރު ޝާނިޒް އަލީ އާއި ހުސެއިން މުނައްވަރެވެ.
ފިލްމުގައި ފެންނާނީ ގޭތެރޭގެ މާހައުލުގައި އަންހެނުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާތަކެވެ. ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ އިތުރުން ކުޑައިރު ލިބޭ އަނިޔާތަކުގެ ސަބަބުން ޒަވާޖީ ހަޔާތަށް ކުރާ ނޭދެވޭ އަސަރު ވެސް މި ފިލްމުގައި ދައްކުވައިދެ އެވެ.
ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން ގެނެސްދޭ މި ފިލްމުގައި، އަނިޔާ ލިބުނު ކުއްޖަކު އިންސާފު ހޯދަން ކުރާ ހިތްވަރުގަދަ މަސައްކަތް ވެސް ފެންނާނެ އެވެ.
ފިލްމުގައި ފެންނާނީ މަޝްހޫރު އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސާ އާއި ވާސިއާ މުހައްމަދުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.
ފިލްމުގެ ޓީމުން ބުނާ ގޮތުގައި އަނިޔާވެރިކަމާއި ހިތާމަ އާއި ހިތަދަތިކަމުގެ ތެރެއިން އުއްމީދާއި ލޯތްބާއި އުފާވެރިކަން ފަދަ އެތައް ޖަޒުބާތުތަކެއް ވެސް ފެންނާނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ކޮންމެ މަޔަކާއި ބަފަޔަކު ވެސް ބަލައިލަން ރަނގަޅު ފިލްމަކަށް ވާނެ އެވެ.