ކަށިކޭލާއި މުޑިކާއްޓާއި އަތަ ކަހަލަ އެއްޗަކުން ހަދާފައިވާ ޗީޒްކޭކެއް ރަހަ ބަލާލަން ލިބޭނެ ކަމަށް ހީނުކުރެވުނަސް ޗީޒްކޭކްގެ ދިވެހިވަންތަ ރަހަތަކެއް މި ގެނެސް ދިނީ "ސްވީޓް ސެންސޭޝަން.އެމްވީ" އިންނެވެ.
ކަށިކޭލާއި މުޑިކާއްޓާއި އަތަ ކަހަލަ އެއްޗަކުން ހަދާފައިވާ ޗީޒްކޭކެއް ރަހަ ބަލާލަން ލިބޭނެ ކަމަށް ހީނުކުރެވުނަސް ޗީޒްކޭކްގެ ދިވެހިވަންތަ ރަހަތަކެއް މި ގެނެސް ދިނީ "ސްވީޓް ސެންސޭޝަން.އެމްވީ" އިންނެވެ.
ރިސޯޓެއް ފުޑް އެންޑް ބެވަރޭޖުގައި މީގެ ކުރިން މަސައްކަތްކުރި މާލެ އަށް އުފަން، ސައުޝަން ސައީދަކީ ތަފާތު އެކި ކަހަލަ ފޮނި އެއްޗެހި ހަދާ ހިތްވާ ޒުވާނެކެވެ. އެކަމަކު، ދަރިއަކު ލިބުމުން، އޭނާ ވަޒީފާއަކަށް ނުދިޔަސް، ގޭގައި ތަފާތު އެކި ކަހަލަ އެއްޗެހި ހެދޭތޯ މަސައްކަތްކުރެ އެވެ.
ކަށިކެޔޮ ބޭނުންކޮށްގެން ޗީޒްކޭކް ހެދުމުގެ ހިޔާލު އައީ އެއް ރޭ ނިދަން އޮއްވަ އެވެ. އެހެންވެ، ޖެހިގެން އައި ދުވަހު މާރުކޭޓުން ކަށިކެޔޮ ގަނެގެން، އޭނާ އެ ތައްޔާރުކުރީ ގޭގެ މީހުންނަށް ރަހަ ދައްކާލުމަށެެވެ.
"ހަމަ އެއް ރޭ ނިދަން އޮއްވާ މި ހިތަށް އަރަނީ ކިހިނެއްވާނެބާއޭ ކަށިކެޔޮ ޗީޒްކޭކް ހަދާލަން. އަނެއް ދުވަހު އަޅުގަނޑު ތައްޔާރުކުރީ ގޭގައި ކާން ވެގެން،" އުމުރުން 29 އަހަރުގެ ޒުވާނާ ބުންޏެވެ.
އެކަމަކު ޗީޒް އާއި ކަށިކޭލުގެ ކޮމްބިނޭޝަން ގޭގެ އެންމެނަށް ވެސް ކަމުދިޔައީ އެވެ.
އޭނާގެ "ސްވީޓް ސެންސޭޝަން.އެމްވީ" ވުޖޫދުވީ އެ ހިސާބުންނެވެ.
"އަބަދުވެސް އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވޭ. އެކަމަކު ތަފާތު އެެއްޗެއް ހަދަން ބޭނުންވާތީ މަޑުކޮށްލައިގެން ހުރެވުނީ،"
"އަސްލު ފިރިމީހާ ބުނީ ވީނޫންހޭ ޕޭޖެއް ހަދާލައިގެން މިކަމަށް މާކެޓެއް އޮތްތޯ ބަލަން. އެހެންވެ، ޕޭޖެއް ހެދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ތަރުހީބު ލިބެން ފެށި،"
މިދިޔަ އަހަރުގެ ފަހުކޮޅު ހެދި އެ ޕޭޖުން ވިއްކި ކަށިކެޔޮ ޗީޒް ގިނަ ބަޔަކަށް ކަމުގޮސްގެން އޯޑަރު ކުރަން ފެށީ އެވެ. އެހެންވެ، ވިޔަފާރި ފުޅާކުރުމަށް އަނެއްކާ ވެސް އިތުރު ފްލޭވާތަކެއް ހަދަން ސައުޝަންއަށް މަޖުބޫރުވީ އެވެ.
މިހާރު އޭނާގެ ޕޭޖުގައި އަންނަނީ މުޑި ކާއްޓާއި އަތަ އާއި މެލަން އާއި ހުތް އަނބު ޗީޒްކޭކްގެ އިތުރުން މޫސް ވެސް ވިއްކަމުންނެވެ.
މާރުކޭޓުން ފަސޭހަކަމާ އެކު ކަށިކެޔޮ ލިބުނު ނަމަވެސް މުޑިކާށި ފޮނުވަނީ ސައުޝަންގެ ފިރިމީހާގެ ބައްޕަ އެވެ. މިދުވަސްކޮޅު އަތަ ހޯދުމުގައި ދަތިތަކެއް ހުންނާތީ އެ އުފެއްދުން ތައްޔާރުކުރުން މަޑުޖައްސާލިޔަސް މެލަން ޗީޒްކޭކް އަދިވެސް ލިބޭނެ އެވެ.
"ހަމަ ރަށްރަށުގައި ވިއްކާ ރޭޓުގައި ގާތްގަނޑަކަށް މާރުކޭޓުން ވެސް މި ވިއްކަނީ ކަށިކެޔޮ. އެހެންވީމަ ކަށިކެޔޮ ހޯދަން ދައްޗެއް ނޫން. ދެން މުޑިކާށި ހަމަ ހުސްވާން ގާތްވާއިރަށް ފިރިމީހާގެ ބައްޕަ ފޮނުވާނެ ރަށުން. އެހެންވީމަ އެއްޗެހި ހޯދަން ދައްޗެއް ނޫން،" ސައުޝަން ބުންޏެވެ.
ސައުޝަން ބުނި ގޮތުގައި އޭނާ ޗީޒްކޭކް ވިއްކަނީ ޕްރި އޯޑަރަށް ނަގައިގެންނެވެ. އާންމުކޮށް ވެސް މާދަމާގެ އޯޑަރުތައް ހުންނާނީ މިރެއަށް ފުލްވެފައި ކަމަށް ބުންޏެވެ.
ސައުޝަންގެ ވިޔަފާރިން އެންމެ ބޮޑު ތަރުހީބެއް އޮތީ އެއް ޓަބެއްގައި ތިން ފްލޭވާ ވިއްކާ އެއްޗަށެވެ. އެއީ ކަށިކޭލާއި މުޑި ކާއްޓާއި ކަނަމަދު ހިމެނޭ ޗީޒްކޭކެވެ. ވަކިން ޓަބުގައި އެކި ފްލޭތައް ވިއްކާ ޗީޒްކޭކަށް ވެސް ތަރުހީބު ބޮޑެވެ.
ޑެލިވަރީ ވެސް ކޮށްދޭ މި ވިޔަފާރީގައި މީޑިއަމް ސައިޒުގެ ޓަބެއް އޭނާ ވިއްކަނީ 165ރ. އަށެވެ. ލާޖް ޓަބްތައް ވިއްކަނީ 220ރ. އަށެވެ.
އެހެންވީމަ، ދިވެހި ރަހަތަކެއް ހިމެނޭ މި ޗީޒްކޭކުގެ ރަހަ ބަލާލަން ސަޅި އެވެ.