By: Asima Nizar
ގިނައިން އަޑު އިވެނީ އަދި ދައްކަނީ ވެސް ބަރުދަން ލުއިކުރުމަށް ކުރެވޭނެ ކަންކަމުގެ ވާހަކަ އެވެ. ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އިތުރުވުމުން ދިމާވާ ސިއްހީ މައްސަލަތަކަށް ހޭލުންތެރިކުރުވާ މިންވަރު ވެސް ގިނަ އެވެ. ނަމަވެސް، އޭގެ އަނެއްކޮޅު އޮންނަނީ ގިނަ ފަހަރަށް ހަނދާން ނައްތާލައިފަ އެވެ.
ހުންނަންޖެހޭ ވަރަށް ވުރެ ބަރުދަން ލުއި މީހުން، އެ މީހުންގެ ހާލަތު ބަދަލުކުރަން ކުރެވޭނެ ކަންތައްތަކާ ގުޅޭ މާ ގިނަ އަޑުތަކެއް ނީވެ އެވެ.
އެކަމަކު، މިއީ ވެސް ދައްކަންޖެހޭ ވާހަކައެކެވެ.
ސިއްހީ ދިރާސާތަކުގައި ކުރިއަރާފައިވާ މަޔޯ ކްލިނިކްގެ ވެބްސައިޓްގައި މިކަމާ ބެހޭ ގޮތުން ހުރި މައުލޫމާތަށް ބަލާއިރު، ބަރުދަން ދަށްކަމަށް ބަލަނީ އެ އުމުރެއްގެ މީހަކު އާއްމުކޮށް ހުންނަންޖެހޭ ބަރުދަނަށް ވުރެ 15-20 ޕަސެންޓު ދަށްވުމުން ކަމަށެވެ. އެފަދަ ހާލަތްތައް ދިމާވާނެ ސަބަބުތައް ވެސް އެބަހުއްޓެވެ. އެހެންވެ، ޑައިޓީޝަނަކަށް ދައްކައިގެން ބަރުދަން އިތުރުކުރަން ނުވަތަ އަމިއްލައަށް ގޭގައި ކޮށްލާ ކަންކަމުން ވެސް ރަނގަޅުވެދާނެ އެވެ.
ބައެއް ފަހަރު ކާ ހިތްނުވާތީ ނުވަތަ ނުކެވޭތީ ވެސް ބަރުދަން ދަށްވެ އެވެ. އެ ފަދަ ހާލަތެއްގައި މަޑުމަޑުން، ދުވާލަކު 5-6 ފަހަރަށް ބަހާލައިގެން ކުދި ކެއުންތައް ކާނީ އެވެ. ބަނޑުހައިވެދާނެ ވަގުތެއް ދެނެގަތުމަށް ހަށިގަނޑުގެ އިޝާރާތްތަކަށް ސަމާލުކަން ދޭންޖެހެ އެވެ. މާ ބޮޑަށް ބަނޑުހައި ނުވިއަސް ކެއުމުގެ ވަގުތުތައް ޝެޑިއުލް ކުރަން މުހިންމެވެ.
ކާ ވަގުތެއްގައި ވެސް ގިނައިން ނިއުޓްރިއެންޓްސް އަދި ކެލޮރީ އިން މުއްސަނދިވެފައިވާ ކެއުމާއި ބުއިންތައް ބޭނުންކުރާކަން ކަށަވަރުކުރަން ޖެހެ އެވެ. ނަމަވެސް، ހަނދާންކުރަންޖެހޭ ކަމެއް އެބައޮތެވެ. އެކި މީހުންގެ ހަށިގަނޑަށް މާއްދާތައް ބޭނުންވާނީ އެކި މިންވަރަށެވެ. އެހެންވެ، މި ޓާގެޓު ހާސިލްކުރަން ކެއުމުގެ ކުރިން އެކަން ދެނެގަންނަންޖެހެ އެވެ.
ޑައިޓު އެއްޗެހި ކަމަށް ބުނެ އިސްތިހާރުކުރާ ތަފާތު އެކި ބުއިންތަކާ ދުރުވެ، ސިއްހަތަށް ފައިދާ ހުރި ސްމޫތީ އާއި އެކި ޒާތުގެ ޝޭކަކީ ވެސް ބަރުދަން އިތުރުކުރަން ބޭނުންކުރެވިދާނެ އެއްޗިއްސެވެ.
އެގޮތަށް ކެއުން ބެހެއްޓުމަކީ ބަރުދަން އިތުރުކުރަން ލިބޭ އެހީއަކަށް ވާއިރު، ކަސްރަތުކުރުން ހާއްސަކޮށް ވަރުގަދަވުމަށް ކަސްރަތުކުރުމަކީ ގައިގައި މަސް ޖެހުން އިތުރުކޮށްދޭނެ ކަމެކެވެ. ކަސްރަތު ކުރުމަކީ ބަނޑުހައިހޫނުކަން އިތުރުކޮށްދޭ ކަމަކަށް ވާތީ މިއީ ފަލަވުމަށް ވެސް ލިބޭނެ އެހީއެކެވެ.