By: Fathimath Ajufan
މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު، އޯލެވެލްގެ ގަދަ 10 އިއުލާނުކުރުމުގެ ހަފްލާއަށް ފަހު އެންމެ އުފާވި އެއް ޓީޗަރަކީ "ހެޕީ ލާނާސް"ގެ ފާތުމަތު ހުޝާމާ އެވެ. ދަރިވަރުންގެ ހުޝީ މިސް އެވެ. އެކަމަކު އެ އުފާވެރިކަން ގުޅެނީ އެވޯޑު ލިބުނު ކުދިންގެ ތެރޭގައި އޭނާ ކިޔަވައިދިން ކުދިން ހިމެނި، އެވޯޑު ލިބިގެނެއް ނޫނެވެ.
އެ ކުދިން ކިޔަވައި ކުރިއަށް ދިއުމަށް ހުޝީގެ ދައުރު ކިހާ މުހިންމުކަން އެ ކުދިން ބުނެދިނީތީ އެވެ. އެ އެވޯޑު ހާސިލް ކުރުމަށް އެ ޓީޗަރު ކޮށްދިން މަސައްކަތާއި، އެއީ އެ ކުދިންނަށް ވާނެ ކަމެއްކަމަށް ޓިއުޝަން ޓީޗަރު ބުނެދިނީތީ އެވެ.
ހެޕީ ލާނާސް އިން ހުޝީ ޕޯސްޓެއް ކުރީ ކިޔަވައިދިނުމުގައި ހޭދަކުރި 17 އަހަރުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އެ ޕޯސްޓު ފަށަމުން ހުޝާ ހިއްސާ ކޮށްފައި ވަނީ ކިޔަވައިދޭން ފެށިއިރުގެ އެކުވެރި އެހެން ޓީޗަރަކު ބުނި ވާހަކައަކުންނެވެ.
އެއީ ޓީޗަރުންދެކެ އަބަދު ވެސް އެންމެ ލޯބި ވާނީ ކިޔަވައިދޭން އެންމެ އުނދަގޫ ނުވަތަ ބަލަން އެންމެ އުނދަގޫ ކުދިންކަމެވެ. ޓީޗަރު ކުރިމަތީ ބަސް ބުނަން ކެރޭ ކުދިންކަމެވެ. ކުދިން ކިޔަވަން ނާންނަ ދުވަހެއްގައި އެ ކުދިން ނެތުމުން ކިތަންމެ އުފާ ވިޔަސް ނެތް ކަމުގެ އިހުސާން ކުރެވޭ ކަހަލަ ކުދިންނެވެ.
ކުދިންނަށް ޓިއުޝަން ކްލާސްތައް ނަގައިދެމުން އަންނަ ހުޝާމާއަށް، މިދިޔަ އަހަރު ގަދަ 10ގައި ހިމެނުނު ދަރިވަރަކު ކޮށްފައިވާ މެސެޖެއް.-- ފޮޓޯ: ހުޝީ / ހެޕީ ލާނާސް
އެކަހަލަ ކުދިން ކިޔަވައިދޭ ޓީޗަރު މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ހުޝީއަށް ބުނެދިނީ އެ ޓީޗަރެވެ. އެ ކުދިންނަށް އަޅާލައިފި ނަމަ އަބަދުވެސް އަގު ވަޒަންކުރާނެ ކަމާއި އެކުދިންގެ ސަބަބުން ދިރިހުރުމަށް ވެސް މަގްސަދެއް ލިބޭނެކަން އެ އެކުވެރިޔާ ބުނެދިނެވެ. ނަމަވެސް އޭގެ ހަގީގީ މާނަ ދަސްވީ އޭގެ ބައެއް ކުދިންގެ ފަރާތުން ލިބުނު މެސެޖުތަކުން ކަމަށް ހުޝީ ބުންޏެވެ.
"އެ ބަސްތަކުގެ ހަގީގީ މާނަ މި ދަސްވީ އަޅުގަނޑުގެ ހަޔާތުގެ އެންމެ ހިތްދަތި ދަނޑިވަޅުގަ އެވެ. މި މެސެޖުތައް ކިޔާފައި ރޯން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ މި ނިމިގެންދިޔަ 17 އަހަރުތެރޭ އަޅުގަނޑަށް ވެސް ކޮންމެ ވެސް ކަމެއް ކުދިބަޔަކަށްޓަކައި ކޮށްދެވިއްޖެކަމެވެ. އަނެއްކާވެސް ދިރިހުރުމަށް އާ މަގްސަދެއް ލިބުނު ކަހަލަ އެވެ،" ހުޝީ ކިޔަވައިދިން ހަތަރު ކުއްޖެއްގެ މެސެޖު ހިއްސާކޮށް އެ ޕޯސްޓުގައިވެ އެވެ.
އޭގެ ތެރެއިން އެއް ކުއްޖެއްގެ މެސެޖުގައި ބުނެފައި ވަނީ އެވަރުގެ ނަތީޖާއެއް އެ ދަރިވަރަަށް ލިބިދާނެ ކަމާ މެދު އެންމެން ވެސް ޝައްކު ކުރަމުން ދިޔައިރު އޭނާއަށް އެ ނަތީޖާ ލިބޭނެ ކަމުގެ ޔަގީންކަން ދިނީ ޓިއުޝަން ޓީޗަރު، ހުޝީ މިސް ކަމަށެވެ.
ކުދިންނަށް ޓިއުޝަން ކްލާސްތައް ނަގައިދެމުން އަންނަ ހުޝާމާއަށް، މިދިޔަ އަހަރު ގަދަ 10ގައި ހިމެނުނު ދަރިވަރަކު ކޮށްފައިވާ މެސެޖެއް.-- ފޮޓޯ: ހުޝީ / ހެޕީ ލާނާސް
މައިންބަފައިން ވެސް އޭނާ ބާކީކޮށްލި ނަމަވެސް އެ ޓީޗަރު، ދަރިވަރަށް ކުރި އިތުބާރަކީ އަބަދު ވެސް ބޮލުތެރޭގައި އިންނަ ކަމެއް ކަމަށް ވެސް އެ ދަރިވަރުގެ މެސެޖުގައިވެ އެވެ.
"ޓްރޮފީ ހިފައިގެން މިއަދު މި ހުރީ، އެކަމަކު މިއީ މިސްގެ ހައްގެއް. އަހަރެން އެއްވެސް ދުވަހަކު ކާމިޔާބު ވެއްޖެ ނަމަ، އަހަރެން [ދަރިވަރުގެ] ހަޔާތުގައި މިސްއަށް ހާއްސަ ވީއައިޕީ ގޮނޑި ހުންނާނެ. މިސް އަކީ ދުނިޔެއިން އަހަރެންގެ ހިތް ހަރުކޮށްނުލުމަށް ސަބަބަކަށްވި ޓީޗަރު،" އެ ދަރިވަރު ބުނެފައިވެ އެވެ.
އެހެން ދަރިވަރަކު ހުޝީއަށް ކުރި މެސެޖެއްގައި ބުނީ ދައްކާ ވާހަކައަށް އަޅާނުލާ ހެން ހީވިޔަސް ހިތުގެ އަޑިން އެ ޓީޗަރު، ދަރިވަރަށް އަޅާލާ ވަރަށް އެހެން މީހަކު އަޅާނުލާކަން ގަބޫލު ކުރެވުނު ކަމަށެވެ. ހުޝީ މިސް އަކީ އެ ކުއްޖާއަކީ އުނދަގުލެއް ކަމަށް ގަބޫލުނުކޮށް ކިޔަވައިދިން ހަމަ އެކަނި މީހާ ކަމަށާއި އެ ދަރިވަރު ބަދަލުކޮށްލި މީހަކީ އެ ޓީޗަރު ކަމަށް ވެސް އެ މެސެޖުގައިވެ އެވެ.
އަދި އޭނާ އަށް ލިބުނު ކާމިޔާބީ، ގަދަ 10 ގައި ހިމެނުން އެއީ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް އެ ޓީޗަރަށް ލިބުނު އެއްޗެއް ކަމަށް އެ ދަރިވަރު ގަބޫލުކުރާ ކަމަށް ވެސް މެސެޖުގައި ބުނެފައިވެ އެވެ.
އަބަދުވެސް އިވެނީ ޓީޗަރަކު ދަރިވަރަކަށް އަނިޔާ ކޮށްގެން ނުވަތަ ކޮންމެވެސް އެކަހަލަ ގޯސް ކަމެއްގެ ވާހަކަ އެވެ. ދަރިވަރަށް ކިޔަވައިދޭ ހުޝީ މިސް ކަހަލަ ޓީޗަރުގެ ރަނގަޅު ވާހަކަ ދެއްކެނީ މަދު ފަހަރެއްގަ އެވެ.