26 Jul 2023

ހުޝާމާ: ދަރިން ތަރުބިއްޔަތުކުރުމުގެ އެހީތެރިޔާ

By: Aishath Mihna Nasih

ކުދިން ބޮޑުކުރަން ބޭނުންވަނީ އަމުރުކޮށް، ބިރު ދައްކައި ރުޅިގަދަވެގެންތޯ ނުވަތަ ބުނާހާ ކަމެއްކޮށްދީގެން، ރުހޭހާ އެއްޗެއް ދީގެންތޯ މިއީ މީގެ އަހަރެއްހާ ދުވަސްކުރިން ފާތުމަތު ހުޝާމާ، އޭނާގެ ފޭސްބުކް ލައިވްގައި ދޮޅުގަޑިއެއްހާއިރު މެދުނުކެނޑި ދެއްކި ވާހަކަތަކެވެ. މީހުންގެ ތެރެއަށް ނުކުމެ ވާހަކަދެއްކުމަކީ އޭރު ކުރަން ފަސްޖެހޭކަމަކަށް ވިއަސް، އެރޭ އޭނާގެ ލައިވްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 800 އަށްވުރެ ގިނަ ބެލެނިވެރިންނާއި އެކި ފުރައިގެ މީހުން ބައިވެރިވި އެވެ.

މިއަދު އެކަހަލަ އެތައް ވީޑިއޯއެއް ތައްޔާރުކޮށް އަހަރެމެން ޒުވާން މައިންނާއި ބަފައިންނަށް ދަރިން ތަރުބިއްޔަތުކުރަންވީ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭ އެއް ޕޭޖަކީ ހުޝާމާގެ ހެޕީ ލާނާސް ޕޭޖެވެ.

View this post on Instagram

A post shared by Happylearners (@happylearners.mv)

ހުޝާމާ އާއި ހެޕީލާނާސްގެ ނަމަކީ މިއަދު އަހަރެމެން ދަންނަ ފަރިތަ ނަމެކެވެ. ހުޝާމާ ހާއްސައީ ކިޔަވައިދިނުމާއި ކައުންސިލިން ދިނުމުގެ ދާއިރާއަށެވެ. މެދުނުކެނޑި 16 ވަރަކަށް އަހަރު ރަސްމީ ކިޔަވައިދިނުމުގައި ހޭދަކުރުމަށް ފަހު މިއަދު އޭނާ ދަރިވަރުންނަށް މަރުހަބާ ކިޔަނީ އޭނާގެ އަމިއްލަ "ހެޕީ ލާނާސް" އިންނެވެ. ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކޮންމެ ދޮޅުގަޑިއިރަކުން އެކި ސެޝަންތަކާއި ގުރުއާން ކިޔަވައިދިނުމަށް ހާއްސަ މި ތަނުގައި އޭނާއާ އެކު އިތުރު 10 ޓީޗަރުން ހަރަކާތްތެރިވެ އެވެ.

ހުޝާމާ ބުނާގޮތުން މީގެކުރިން ވެސް އަތޮޅުތަކަށް ދަތުރުކޮށްގެން ވެސް އެކި މައުޟޫތަކަށް ވޯކްޝޮޕްނަގައި، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް އެކި ކައުންސިލްތަކާއި ޖަމިއްޔާތަކާ އެކު ވަނީ ކޮށްފަ އެވެ. ނަމަވެސް ފިޒިކަލީ މިހެން ދަތުރުކޮށްގެން މި ޚިދުމަތް ދެވޭ މީހުންގެ އަދު މަދުކަމުން އޮންލައިންކޮށް ކޮންމެވެސް ޕްލެޓްފޯމެއްގައި ނަމަވެސް މިފަދަ މައުލޫމާތު ސެޝަންތައް ނެގުމަށް ގިނަބަޔަކު ދިޔައީ އެދެމުންނެވެ. މިދިޔަ އަހަރުގެ މެއި މަހު ފޭސްބުކް ލައިވްއެއްގެ ގޮތުގައި ނަގައިދިން ޕޮޒިޓިވް ޕޭރެންޓިން ސެޝަންއަކީ މީގެ ފެށުމެވެ. އެ ވީޑިއޯއިން ފެށިގެން މިއަދު ޓިކްޓޮކާއި ފޭސްބުކްގައި މިފެންނަ ކުދި ކުދި ވީޑިއޯތަކާ ހަމައަށް ވެސް ހުޝާމާ ކުރި މަސައްކަތް ބޮޑެވެ. މީހުން ކުރަމުން އަންނަ އެކި ސުވާލުތަކު ތެރޭގައި ފީނައި، އެ ސުވާލުތަކަށް ޖަވާބު ހޯދައި ވީހާވެސް ގިނަބަޔަކަށް ސާފުވާނެ އަދި ދޭހަވާނެގޮތަކަށް ވީޑިއޯތައް ތައްޔާރުކުރުމަށް ސަމާލުކަންދޭންޖެހެ އެވެ.

"ފުރަތަމަކޮޅު ވަރަށް ގިނައިން މީހުން ބުނާނެ ވީޑިއޯތައް މާ ދިގީ އޭ. ދެން އަމިއްލައަށް ވެސް ވިސްނާލާއިރު، ކަމާކަންފަށާ ބައިގަޑިއެއްހާއިރު ވީޑިއޯއެއް ބަލަން އިންނަން ވަރަށް އުނދަގޫވާނެ. އެހެންވެ އެގޮތަށް މީހުން ކުރި އެކި ކޮމެންޓްތައް ބަލައި އަޑުއަހައިގެން މިހާރު މިފެންނަހެން ކުރު ވީޑިއޯތައް ހަދަން ފެށީ" ހުޝާމާ ބުންޏެވެ.

ހުޝާމާގެ ކޮންމެ ވީޑިއޯއަކީ ވެސް މިހާރު އަހަރެމެން ގަޔާވާ މައުޟޫއަކަށް އޮންނަ ވީޑިއޯއެކެވެ. ސުވާލުތަކާއި އޭގެ ޖަވާބު ކުރުކޮށް ފޮނިކޮށް ކިޔައިދީފައިހުންނަނީ އެންމެ އާދައިގެ މީހާއަށް ވެސް ފަސޭހައިން އެނގޭނޭހެން އަދި އަހަރެމެން ކޮންމެ މީހެއްގެ ދިރިއުޅުމާ ވެސް ނިކަން ގުޅޭހެންނެވެ.

View this post on Instagram

A post shared by Happylearners (@happylearners.mv)

ހުޝާމާގެ ޕޯސްޓެއް

މިއީ ދެވަނަ ދަރިއަކު ހޯދުމާ ގުޅޭގޮތުން ހުޝާމާ ތައްޔާރުކުރި ވީޑިއޯއެކެވެ. ގިނަފަހަރު ދެ ޖިންސުގެ ކުދިން އާއިލާއަށް ހޯދުމަށްޓަކައި، ގާތް އާއިލާގެ މެންބަރުންނާއި މުޖްތަމައުގެ އެކި ދިމާތަކުން ތަފާތު ޕްރެޝަރު އާދެއެވެ. ނަމަވެސް އެ ކަންކަމާ ކުރިމަތިލައި ދެވަނަ ދަރިއެއް ހޯދުމުގައި ވިސްނަންވީ ކަންކަމަކީ ކޮބައިކަން އޭނާގެ މި ވީޑިއޯގައި ވަރަށް ފުރިހަމައަށްވަނީ ކިޔައިދީފަ އެވެ.

View this post on Instagram

A post shared by Happylearners (@happylearners.mv)

ހުޝާމާގެ ޕޯސްޓެއް

ހުޝާމާގެ ގިނަ ވީޑިއޯތަކަކީ ބެލެނިވެރިންގެ ފަރާތުންނާއި އޭނާގެ ތަޖުރިބާއިން ފެންނަ އާންމު މައްސަލަތަކަށް އަލިއަޅުވާލައިގެން ހަދާ ވީޑިއޯތަކަކެވެ. ފާހަގަކޮށްލެވޭ ބައެއް ވީޑިއޯތަކުގެ ތެރޭގައި އާއިލާގެ ތެރޭގައި އެހާ ބޮޑަށް އަޅާނުލެވި ތިބޭ "ނުފެންނަ ކުދިން" ނާ ބެހޭގޮތުން ތައްޔާރުކުރި ވީޑިއޯ އާއި ފުރާވަރުގެ ކުދިންނާ މެދު ކަންކަންކުރަންވީ ގޮތުގެ ވާހަކަ އާއި ކުދިން ރުޅިގަދަވުމާއި ދޮގުހެދުން ފަދަ ކަންކަމާ ދުރުކޮށް އެ ހާލަތްތަކުގައި ބެލެނިވެރިން ކަންކުރަންވީ ގޮތްތައް ކިޔައިދީފައިވާ ވީޑިއޯ ހިމެނެ އެވެ.

ހެޕީލާނާސް އަކީ ހުޝާމާ އުމުރުން އެންމެ 15 އަހަރުންސުރެ ދެކެމުން އައި އެންމެ ބޮޑު ހުވަފެނެވެ. އަމިއްލަ ހިޔާވައްސެއްގައި، ކުޑަކުދިންނަށް އުނގަންނައިދީ އެކުދިންގެ ހެދިބޮޑުވުމުގައި އެހީތެރިވެދީ އުފާވެރި ކުދިންތަކެއް ބިނާކުރުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. މަސައްކަތަށް އޭނާދޭ ވަގުތާއި، އަހައްމިއްޔަތާއި ބަހައްޓާ ފަރުވާތެރިކަމަކީ މި މަސައްކަތް މިހާ ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސިއްރެވެ. ސިޓިން ރޫމުން ފެށި މި އަމިއްލަ ވިޔަފާރި ކޮޅަށްޖަހައި، މާލޭގެ އެޕާޓްމަންޓެއް ކުއްޔަށްނަގައި އެތަނަށް ކިޔަވަން އަންނަ ކުދިންނަށް ހިތްގައިމު މާހައުލަކަށް ބަދަލުކުރިތާ ތިންމަހެއްހާ ދުވަސްތެރޭ ކޮވިޑް19ގެ ބަލިމަޑުކަން ފެތުރި މުޅި މާލެ ބަންދުވުމެ މަސައްކަތްތައް ހުއްޓުމުން ނާއުންމީދުން ފުރުނުކަމަށް ހުޝާމާ ބުންޏެވެ. ނަމަވެސް، މިއަދު އަނެއްކާވެސް ހެޕީލާނާސް ވަނީ މީހުން ބަލައިގަންނަ ތަނަކަށް ވެފަ އެވެ.

View this post on Instagram

A post shared by Happylearners (@happylearners.mv)

އެންމެ ހާއްސަކަމަކަށް ދާދި ފަހުން ހުޝާމާ ސައިން ލެންގުއޭޖް ވެސް ދަސްކޮށް، މިތަނަކީ ހަގީގީ އިންކްލޫސިވް ތައުލީމު ކުދިންނަށް ފޯރުކޮށްދެވޭ ތަނަކަށް ހެދުމެވެ. އޯޓިޒަމް އާއި އޭޑީއެޗްޑީގެ އިތުރުން މިއަދު ސައިލެންޓް ކޮމިއުނިޓީގެ ކުދިންނަށް ވެސް ހެޕީލާނާސްގެ އެހީތެރިކަން ލިބެ އެވެ.

މިވަގުތު ޕީއެޗްޑީ އަށް ވެސް ކިޔަވަމުން އަންނަ، ހުޝާމާ ބުނާ ގޮތުން އޭނާގެ ބަލިފަޔަކީ ސިއްހަތެވެ. ޅައުމުރުއްސުރެ ވެސް ބަލީގެ ސަބަބުން އެކި އުނދަގޫތަކާއި ކުރިމަތިވާއިރު، ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރުމާއި ނުކުރުން ބިނާވަނީ އެ ވަގުތެއްގެ ސިއްހީ ހާލަތަށެވެ. އެއާ އެކު، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކަޑައްތުކުރަންޖެހުނު ހިތްދަތި ވޭނީ ކަންކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުތައް އޭނާއާ އެކުގައި ވިޔަސް، އެފަދަ ކޮންމެ ހުރަހަކީ ވެސް އެމީހެއްގެ ކުރިއެރުމަށްޓަކައި ކުރިއަށް އެޅޭ ބިންގަލެއްގެ ގޮތުގައި ހަދަން ހުޝާމާ ނަސޭހަތް ދިނެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular