By: Maaidha Mohamed Rashad
އިންސްޓްގްރާމް ރީލްސް އާއި ޓިކްޓޮކް އަދި ޔޫޓިއުބް ޝޯޓްސް ތައާރަފުވި ފަހުން މާ ދިގު ވީޑިއޯތައް ބަލާ ހިތެއް ނުވެ އެވެ. ވިއްސަކަށް ސިކުންތަށް ވުރެ ވީޑިއޯ ދިގުވެއްޖެ ނަމަ، ސްޕީޑު ދެގުނަ ކޮށްގެން ނޫން ގޮތަކަށް ނުބެލެ އެވެ. އެހެންވީމާ، އަހަރެމެންގެ ސަމާލުކަން ހަމަ އެންމެ ވިއްސަކަށް ސިކުންތަށް ބަދަލުވީ ހެއްޔެވެ؟
އޭގެ އެއް ސަބަބަކީ ކުރު އަދި ކެޗީ ވީޑިއޯއެއް ފެނިއްޖެ ނަމަ، ޑޮޕަމިން ބޫސްޓެއް ސިކުނޑިއަށް ލިބުމާ އެކު އަހަރެމެންނަށް ހިތްހަމަޖެހުން ލިބުމެވެ. ދެން ވެސް ސިކުނޑި ކެތްމަދުވަނީ ހަމަ އެކަހަލަ ވީޑިއޯއެއް ބަލައިލާށެވެ. މާ ދިގު ވީޑިއޯއެއް ފެނިއްޖެ ނަމަ، ސްކްރޯލް ކޮށްލެވެނީ އެވެ.
އެކަން އެ ދިމާވަނީ އަހަރެމެން ހިތުން ވަގުތު ސަލާމަތްކުރުމުގެ ގޮތުން ކުރު ވީޑިއޯ ބަލާތީ ކަމަށް ވެދާނެ އެވެ. އެކަމަކު ހަގީގަތުގައި 20 ސިކުންތުގެ ވީޑިއޯތައް ބެލުމުގައި ގަޑިއިރެއްހާއިރު ހޭދަކޮށްލިޔަސް ހީވަނީ މި ބެލުނީ މަދު ވަގުތުކޮޅެއް ކަމުގެ އިހުސާސް، ޝޯޓް ވީޑިއޯތަކުން ލިބޭތީ އެވެ. އެއީ އަހަރެމެން ސްކްރޯލް ކުރުމުގައި ހޭދަވާ ވަގުތު އޮޅުވާލުމަށް ކުރާ ކަމެކެވެ. އަހަރެމެންގެ ސިކުނޑިއަށް ވިސްނައިދެނީ އެހާ މަދު ވަގުތުކޮޅެއްގައި ވީޑިއޯ ބަލައިގެން ގެއްލުން ނުވާނެ ކަމެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއް ރީލަށް ފަހު އަނެއް ރީލުން ދައްކުވައިދެނީ ތަފާތު އާ ކޮންޓެންޓެކެވެ. އެއީ ވެސް ސަމާލުކަން ދަމައިގަ އަނެއް ސަބަބެވެ.
އަހަރެމެންގެ ސިކުނޑި މަދު ވަގުތުކޮޅަކަށް ސަމާލުކަން ދޭ އަނެއް ކަމަކީ ރީލްސްގައި ތިން ސިކުންތެއްހާއިރު ތެރޭގައި ޝައުގުވެރި ކަންކަން ފެންނާތީ އަހަރެމެން އާންމު ދިރިއުޅުގައި ދެން ފެންނަ އެހެން ވީޑިއޯތަކުގައި ވެސް ހަމަ އެގޮތަށް ޝައުގުވެރިކަން ފެންނާނެ ކަމަށް ކުރާ އުއްމީދެވެ. އެހެންވެ ތިން ސިކުންތެއްހާއިރު މަޑުކޮށްލުމަށް ފަހު، ސަމާލުކަން ނުލިބިގެން އެހެން އެއްޗެއް އަނެއްކާ ވެސް ބަަލަން ފަށަނީ އެވެ.
އަލްގޮރިދަމް އިން އިނާމު ދެނީ ވެސް އަވަހަށް ސަމާލުކަން ލިބޭ އުފެއްދުންތަކަށެެވެ. ކޮންޓެންޓް އުފައްދާފައި ވަނީ އޭގެ ސަބަބުން ވަގުތުން އަސަރުކުރާ، އަވަސް އަދި ތަފާތު ކޮންޓެންޓުތަކަށް ފައިދާ ބޮޑުވާތީ އެންމެން ސަމާލުކަން ދެނީ ވެސް މަދު ސިކުންތުކޮޅުގެ ވީޑިއޯތަކަށެވެ.
ނިއުރޯސައިންޓިސްޓުން ބުނާ ގޮތުގައި ސަމާލުކަން ތިން ބަޔަކަށް ބެހިގެންވެ އެވެ. އެއީ ސަސްޓެއިންޑް އެޓެންޝަން އާއި ސެލެކްޓިވް އެޓެންޝަން އަދި ޑިވައިޑެޑް އެޓެންޝަނެވެ. ކުރު ވީޑިއޯ އިން އަސަރުކުރަނީ ސެލެކްޓިވް އެޓެންޝަން އަށް ކަމުން، ކަމެއް ވަގުތުން އެންގޭޖުވާގެން ހީނުވާ ނަމަ، ވަގުތުން ފޯކަސް ބަދަލުކޮށްލެވެ އެވެ.
ރިސާޗު ޖާނަލްއެއް ކަމަށްވާ ފްރޮންޓިއާސް އިން ސައިކޮލޮޖީގައި 2022 ގައި އާންމުކޮށްފައިވާ ދިރާސާއަކުން ދައްކަނީ ކުރު ވީޑިއޯ ޕްލެޓްފޯމްތަކުން އާދަތަކާއި ޓޮލަރެންސް ދަށްކުރާ ކަމަސެވެ. އާންމުކޮށް އެ ބަލާ ނަމަ، މީހާގެ ކޮގްނެޓިވް ކޮންޓްރޯލް ދަށްކޮށްލަ އެވެ.
ޗައިނާގެ ބެއިޖިންގެ ނޯމަލް ޔުނިވާސިޓީން ވެސް ވަނީ ޓިކްޓޮކް ބޭނުންކުރާ މީހުންގެ ސިކުނޑި އެފްއެމްއާރުއައި ސްކޭން މެދުވެރިކޮށް ދިރާސާކޮށްފަ އެވެ. އެމީހުންގެ ހޯދުންތަކުން ދައްކަނީ ކުރު ވީޑިއޯތައް ބެލުމުގައި އާންމުކޮށް ހޭދަކުރާ މީހުންގެ ސިކުނޑީގެ ދެމެހެއްޓެނިވި ސަމާލުކަމާއި ކޮގްނިޓިވް ކޮންޓްރޯލް އަށް ޒިންމާވާ ސަރަހައްދުތަކުގައި ގުޅުން ބަލިކަށިކަމެވެ. އަދި އެމީހުންނަށް ތައުލީމީ ކަންކަމާއި ދިގު ވީޑިއޯތަކަށް ފޯކަސް ކުރަން އުނދަގޫ ކަމެވެ.
އެހެންވީމާ، ކުރު ވީޑިއޯތައް ދޫކޮށްލާފައި ދިގު ވީޑިއޯތައް ވެސް ބެލޭތޯ މަސައްކަތްކޮށްގެން އަހަރެމެންގެ ސަމާލުކަން ހިފެހެއްޓޭ ވަގުތު އަދިވެސް އިތުރުކުރެވިދާނެ އެވެ.