By: Asima Nizar
އާއިލާއެއްގެ އުފާވެރިކަން މައިންބަފައިންގެ ދުޅަހެޔޮކަމާ އޮންނަނީ ގުޅިފަ އެވެ. އެއާ އެކު ކަސްރަތުގެ ވާހަކަ ދައްކާއިރު އަނބިދަރިންގެ ކަންކަމުގައި އިސްކޮށް އުޅޭ ބައްޕައިންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ސިއްހަތަށް މާބޮޑު ސަމާލުކަމެއް ނުދީ އުޅޭ މީހުންނެވެ.
ފިޓްނެސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާކާރު އަލީ ޝަމީމް މި ނުކުތީ އެފަދަ ބައްޕައިންނަށް ހިތްވަރު ދޭށެވެ. ކަސްރަތާއި ދުޅަހެޔޮކަން ޕްރޮމޯޓްކުރާ މެންބަރުން ގިނަ އާއިލާއަކަށް ނިސްބަތްވާ އައި އެ އާއިލާއިން ފެށި މާލޭ ފިޓްނެސް ކްލަބުން ފިޓްނެސްގެ ތެރެއަށް ވަތް ޝަމީމް ބުނީ ފިރިހެނުންނަށް ގިނަ ފަހަރަށް ސިއްހީ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭ ކަމަށެވެ.
"އަމިއްލަ ސެލްފަށް ކެއާކުރާނެ ވަގުތެއް ނުލިބޭނެ ގިނަ ފަހަރަށް. އެ މީހުންނަށް ފޯކަސްކޮށްފައި މި ރޫޓިންއާ އެއްޗެހި މި ގެންދަނީ. އޮންލައިން ވެސް ބޮޑަށް އެއީ މާކެޓަކީ. އޭގެ އެންމެ މުހިއްމު ކަމަކީ އެ މީހުން ފިޓުވެގެންތާ މުޅި ފެމިލީ ސްޓޭބަލް ވާނީ. ބައްޕަ ބަލިވިއްޔާ ދެން ވަރަށް ދަތިކޮށްތާ ދާނީ ގިނަ ފަހަރަށް. ބައްޕައިން ފިޓުވުމޭ އޭގައި ކިޔައިދޭ އެއްޗަކީ މީހުންނަށް. ގޭގައި ބްރެޑް ވިން ކުރާ މީހާ ފިޓުކޮށް ހުރުން މީގައި މުހިއްމު ވާނީ. އެއަށް ޓާގެޓްކުރަނީ،" އަލީ ބުންޏެވެ.
ފްރީލާންސްކޮށް 2012 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތިން ކުދިންގެ ބައްޕަ، ފިރިހެނުންނަށް ތިން ގޮތަކަށް ގައިޑުކޮށްދެ އެވެ. އެއީ ރައްޓެއްސެއްގެ ޖިމެއްގައި ރޭގަނޑު 8:30-10:30 އަށް ނުވަތަ ހަފުތާއަކު ތިން ދުވަހު ހިންގާ ބޫޓު ކޭމްޕުގައި އޮންލައިންކޮށް ބައިވެރިވެގެންނެވެ.
އޭގެ ތެރެއިން، ތިން މަސް ދުވަހަށް "ދަ ހިކޭ ޕްރޮގްރާމް"ގެ ނަމުގައި ވަކި ޕްރޮގްރާމެއް ހިންގަ އެވެ. އޭގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ވެސް ކޮންމެ ޕްލެޓްފޯމެއް ވެސް ބޭނުންކުރެވޭނެ އެވެ. ޓާގެޓަކީ ތިން މަސް ދުވަހުން 10 ކިލޯ ދުއްވާލުމެވެ.
އަލީ ބުނީ އެންމެ ގިނަ މީހުން ގައިޑެންސް ހޯދަނީ އޮންލައިންކޮށް ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކާއި ބޭރުގެ އެކި ގައުމުތަކުގައި ދިރިއުޅޭ ދިވެހިން އަންނަނީ އަލީގެ އެހީތެރިކަން ހޯދައި ފިޓްނެސްގެ ގޯލު ހާސިލްކުރަމުންނެވެ.
އޮންލައިންކޮށް ފިޓްނެސް ގެންދަނީ ވެސް އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ގަނެގެންނެވެ. އެ މީހަކު ކަސްރަތުކުރަން ފެށުމުން ބަރުދަނާއި މީހާގެ ސިއްހީ މައުލޫމާތުތައް އެއަށް އަޅަ އެވެ. އެއަށްފަހު، ދުނިޔޭގެ ކޮންމެ ތަނަކު ހުއްޓަސް، އެ އެޕްލިކޭޝަނުން އެ މީހެއްގެ އެކައުންޓުން ލޮގިން ވުމުން އަލީއަށް ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. އޭރުން، އެ އެޕްލިކޭޝަން މެދުވެރިކޮށް އެ މީހަކަށް ދީފައިވާ ފުރަތަމަ ތިން ދުވަހުގެ ކަސްރަތު ކުރާކަން އޭނާއަށް ޔަގީންވާނެ އެވެ.
"ނޮލެޖު ވެސް ހުރޭ، ލެކްވަނީ ގްރޫޕަކާ ފޮލޯކުރާ މީހަކާ. މީހަކު ނާހާނެ ކީއްވެހޭ ޖިމަށް ނާންނަނީ. ގިނަ ފަހަރަށް އަހާނީ ކީއްވެހޭ ކޮފީއަކަށް ނުގުޅަނީ. އެ ކަހަލަ ސުވާލު ގިނަ ފަހަރަށް ކުރާނީ މީހަކާ ދިމާވިއްޔާ. ކެއުމަކަށް ނުގުޅައޭ، އެ ކަހަލަ ވާހަކަ ދައްކާނީ، ޖިމަށް ގޮސްގެން ނާހާނެ ގިނަ ފަހަރަށް. އެހެންވެ، އަޅުގަނޑު ދެނީ އެ ސާވިސް މީހުންނަށް،" އަލީ، 42، ބުންޏެވެ.
ކަސްރަތުކުރަން ހިތްވަރު ދިނުމަށް އޭނާ އަންނަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުގައި ޕޭޖު ހަދައި ޕޯސްޓުތައް ހިއްސާކުރަމުންނެވެ. އަދި ކްލައެންޓަކަށް އިތުރު އެހީ ބޭނުންވާކަމަށް ގަބޫލުކުރެވޭ ނަމަ އެ މީހަކަށް ގުޅައިގެން ވެސް ހިތްވަރު ދެ އެވެ.
އަލީ ބުނީ މީހާގެ ހަށިގަނޑަށް ބަދަލު އަންނާނީ ކަސްރަތުކުރުމާއި ރަނގަޅަށް ކައި ނިދި ހަމަކުރުމުން ކަމަށެވެ. އެހެންވެ، ކްލަޔަންޓުން ކެއުން ބަހައްޓަންވީ ގޮތުގެ ގައިޑެންސް އޭނާ ދެ އެވެ.
"ވެއިޓްލޮސްއަކީ ހެލްތީކޮށް ހުރުމުގެ ފައިދާއެއް. ހެލްތީކޮށް ހުންނާނެ ރަނގަޅަށް ކާން ފަށައި ކަސްރަތުކުރީމާ. އެ ގައިޑްލައިނަށް ފޮލޯ ނުކުރަންޏާ ވަރަށް އުނދަގޫވާނެ ކެއުން މަދުކުރަން، އެ ހާލަތުގައި ތިން މަސް ދުވަހުގެ ޝެޑިއުލެއް ދެނީ އެންމެންނަށް، ދެން ބަލަނީ ތިން މަސް ދުވަހުގެ ޝެޑިއުލް ދީފައި ފުރަތަމަ މަސް ދުވަހު ބަލަނީ ނަތީޖާ،" އޭނާ ބުންޏެވެ.
އަލީ ބުނީ ކަސްރަތުކޮށް، މީހާގެ ދިރިއުޅުމަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަމަށް ވަރަށް ޑެޑިކޭޓެޑް ވާންޖެހޭނެ ކަމަށެވެ. އަމިއްލައަށް އެ ހިތްވަރު ނެރެން ޖެހެ އެވެ. ގިނަ މީހުންގެ ފަރާތުން ފެންނަ މަންޒަރާ މެދު އޭނާ ހިތްހަމަޖެހެ އެވެ.
"ބޮޑެތި ޗޭންޖު ގެނައުމުގެ ބަދަލުގައި ބަލަނީ ހެލްތު އިޝޫސްއަށް ބަލަނީ. ކޮލެސްޓްރޯލާއި ހަކުރާއި ލޭގެ ޕްރެޝާ އެއްޗެހި މަދުކުރުން،"
"އޯވަރޯލް ހެލްތަށް ފޯކަސްކުރަނީ. ޑޮކްޓަރަށް ދިއުން މަދުކުރުން." އަލީ ބުންޏެވެ