ލައްކައަކަށްވުރެ ގިނަ ފޮލޯވަރުން ތިބި އިންސްޓަގްރާމް ޕޭޖް "ހަޔާތީ"ގެ ޕޯސްޓުތައް އެތައް ބަޔަކު ޝެއާކުރެ އެވެ. އެއީ ދިރިއުޅުމުގެ އެކި ކަންކަމާ އިސްލާމް ދީނާ ގުޅިފައިވާ މިންވަރު ސިފަކޮށްލަދޭ، ހިތަށް ފިނިކަން ގެނުވާނެ ޕޯސްޓުތަކެކެވެ.
ލައްކައަކަށްވުރެ ގިނަ ފޮލޯވަރުން ތިބި އިންސްޓަގްރާމް ޕޭޖް "ހަޔާތީ"ގެ ޕޯސްޓުތައް އެތައް ބަޔަކު ޝެއާކުރެ އެވެ. އެއީ ދިރިއުޅުމުގެ އެކި ކަންކަމާ އިސްލާމް ދީނާ ގުޅިފައިވާ މިންވަރު ސިފަކޮށްލަދޭ، ހިތަށް ފިނިކަން ގެނުވާނެ ޕޯސްޓުތަކެކެވެ.
އެކަމަކު މި ޕޯސްޓުތައް، އާޓިސްޓިކް ހުނަރާ އެކު ހަދައި އެންމެންނާ ހަމައަށް މި ގެނެސްދެނީ ދިވެއްސެއްކަން ގިނަ މީހުންނަކަށް ނޭނގެ އެވެ.
މި މަސައްކަތުގެ ގޮތުން ވަނަވަރު ސިއްރުކޮށްދޭން އެދި ވާހަކަދެއްކި ޒުވާން މަންމަ ބުނީ މީގެ 3-4 އަހަރު ކުރިން އެ އެކައުންޓު ހެދީ އާޓުގެ މަސައްކަތަށް ވެސް ޝައުގުވެރިކަން ހުންނާތީ ކަމަށެވެ. އެހެންވެ، އެ ޕޭޖު ހުޅުވީ ރީތި އާޓުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވާ "ސަދަގާތް ޖާރިއާ" ގެ ގޮތުގަ އެވެ.
އެ ޒުވާނާ ބުނީ އާޓުގެ މަސައްކަަތް ދައްކާއިރު ވެސް އެއިން ބަޔަކަށް ފައިދާކުރާނެ ގޮތަކަށް ކުރިއަށް ގެންދަން ބޭނުންވި ކަމަށެވެ. ހަޔާތީ ފެށުނީ ވެސް އާޓު ވޯކްސް ދައްކާލާށެވެ. ނަމަވެސް، އޭރު މަސައްކަތް ފެށީ މިހާރު މި ފެންނަ ގޮތާ މުޅިން ތަފާތުކޮށެވެ.
ރަށުގައި ގުރުއާން ޓީޗަރަކަށް މަސައްކަތްކުރާ އެ ޒުވާނާ ބުނީ އެކައުންޓު ފުރަތަމަ ހުޅުވިއިރު އެހާ ގިނަ މީހުންނަށް އެ ޕޭޖު ނޭނގޭ ކަމަށެވެ. ފުރަތަމަ ދެ އަހަރުވީއިރު ވެސް ފޮލޯކުރީ ހާހެއްހާ މީހުންނެވެ. ކުއްލިއަކަށް އެ ޕޭޖަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބެން ފެށީ ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަަމަލާތަކާ ގުޅޭގޮތުން އޭއައިން ހެދި އާޓަށްފަހުގަ އެވެ.
"ފުރަތަމަ އައުޓް އޮފް ނޯވެއާ އެއްފަހަރާ ވަރަށް ބައިވަރު މީހުން ފޮލޯކުރަން ފެށީ. އޭރު ވެސް ފަލަސްތީނުގައި ކަންތައް ވަމުންދާ ގޮތް ޕޯސްޓްކުރަމުން ދިޔައިން. ގިނަ ފޮލޯވަރުން ލިބުނީމަ ވަރަށް އުފާވި، އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިހާ ގިނަ ފޮލޯވަރުން ލިބޭނެ ކަމަކަށް،"
"ވަރަށް ގިނަ މީހުން ރީޗްއައުޓު ކޮށްފައި ވެސް އަހާލާ ކިހިނެއްހެއްޔޭ އެހާ ބައިވަރު ފޮލޯވާސް އައީ. ކީއްކުރީ ހެއްޔޭ. އެކަމަކު، ފޮލޯވަރުން ގިނަކުރަން އެއްވެސް ކަމެއް ނުކުރަން. އެކަމަކު، ބުނަންޏާ މާތްﷲ އަށްޓަކައި ކަމެއް ކުރަންޏާ [އޭގެ ފައިދާ އަނބުރާ އެ މީހަކަށް ލިބޭނެ]. އޭގެ އިންޓެންޝަން އިންނާނީ،" އެ ޒުވާނާ ބުންޏެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް އެ ޕޯސްޓުތައް ފެނި، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ޕޭޖަށް ވަނީ 137،000 ފޮލޯވަރުން ލިބިފަ އެވެ. އަދި ދީނީ އެކި މައުލޫމާތުތަކާ ގުޅޭގޮތުން ކުރާ ޕޯސްޓުތަކަށް މިހާރު ހާހުން ލައިކްސް ލިބެ އެވެ. އެކަމަކު، ކިތަންމެ ގިނަ ލައިކްސް ލިބުނަސް އޭނާއަށް މުހިއްމީ އެ ޕޯސްޓެއް ރީޗުވި މީހުންގެ އަދަދެވެ.
"އޭރަށް އަސްލު މަގުސަދު ހާސިލްވީ، ގިނަ ބަޔަކަށް ރީޗް ވެއްޖިއްޔާ،" އޭނާ ބުންޏެވެ.
އިންސްޓަގްރާމުގައި އޭރު އާއްމުކުރަން ފެށީ ވެސް ހަޔާތީ އަމިއްލައަށް ހަދާފައި ހުންނަ އާޓު ވޯކުތަކާ އެކު ދީނީ އެކި މެސެޖުތަކެވެ. އެކަމަކު، ދަރިފުޅާ އެކު އަމިއްލަ ދިރިއުޅުމުގެ ކަންކަން ވެސް ބިޒީވަމުން ދިޔައިރު ޕޭޖު ފޮލޯކުރާ މީހުން އިތުރުވަމުން ދިއުމުން އޭނާ ނިންމީ އެކަން ފަސޭހަކޮށްލާށެވެ. އެހެންވެ، ކެންވާ ބޭނުންކޮށްގެން، އެސްތެޓިކްކޮށް ޕޯސްޓުތައް ހަދަން ފެށި އެވެ.
އެގޮތަށް ޕޯސްޓުތައް ހަދަނީ ވެސް ބުހާރީ އަދި މުސްލިމް ފަދަ ވަސީލަތްތަކުން ސައްހަ ހަދީސްތައް ހޯދައިގެންނާއި އަމިއްލައަށް ދީނީ އެކި މައުލޫމާތުތައް އެއްކޮށްގެންނެވެ. އޭގެ ސަބަބުން ހަޔާތީގެ ދިރިއުޅުމަށް ވެސް ހެޔޮ އަސަރުތައް ކޮށްފައިވެ އެވެ.
"މިކަން ފެއްޓިއިރު ވެސް ޕޭޖަށް ދިން ނަން، ހަޔާތީއަކީ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅުން ހުރި ނަމެއް. އެއީ ދަރިފުޅާ ވަރަށް ބޮޑަށް ގުޅޭ ނަމެއް. ހަޔާތީ [ޕޭޖު] ފެށިއިރު ވެސް ސިކުނޑީގައި އިނީ ހަޔާތީ މި ޕޭޖު، އަޅުގަނޑު [ދުނިޔޭގައި] ނެތް ދުވަހަކުން ވެސް ބޭނުންވީ ދަރިފުޅު އެ ޕޭޖު ކުރިއަށް ގެންދަން،" ޒުވާން މަންމަ ބުންޏެވެ.
"ޕޭޖު ކޮންޓިނިއުކޮށް އެކަކު އަނެކަކަށް ފައިދާވާ ކަހަލަ، ދެމިގެންދާ ކަހަލަ ގޮތަކަށް. އެއީ ހަޔާތީގެ މެއިން ފޯކަސްއަކީ."
ދީނަށް ހޭލުންތެރިކުރުވާ ހަޔާތީއަށްފަހު އެ ޒުވާނާ ވަނީ އޭނާގެ އާޓުގެ މަސައްކަތަށް ހާއްސަކޮށް "ހަޔާއާޓިސްޓީ"ގެ ނަމުގައި ވަކި އެކައުންޓެއް ހަދައިފަ އެވެ. އާއްމުންގެ އޯޑަރުތައް ނަގަނީ އެ އެކައުންޓުންނެވެ.
އޭނާ ބުނީ އެ ޕޭޖުގައި އާއްމުކޮށްފައިވާ އާޓް ވޯކްސްތަކަކީ އައިފޯނުގައި، އެޕަކުން، އަތުން ކުރަހައިގެން ހަދާފައިވާ އެއްޗެހި ކަމަށެވެ. އެކަމަށް ދުވާލު އެތައް ވަގުތެއް ހޭދަވެ އެވެ.
ނަމަވެސް، އެ ހުރިހާ ޕޯސްޓަކީ ވެސް އޭނާގެ އަމިއްލަ ދިރިއުޅުން ނުވަތަ އެތައް ބައެއްގެ އުފާވެރި މަންޒަރަކަށް ވާތީ، ކުރެވިފައިވާ ހުރިހާ މަސައްކަތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ހަޔާތީ ބުންޏެވެ. އޭގެ ތެރެއިން ވެސް އޭނާގެ އެންމެ ފޭވަރިޓަކީ ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން ނަގާފައިވާ ފޮޓޯގެ އިލަސްޓްރޭޝަނެވެ.