ރާއްޖޭގެ ރީތިކަމުގެ ހުރިހާ މަންޒަރެއް އަހަރެމެން މި ގައުމުގައި އުޅޭ މީހުންނަށް ވެސް އަދި ފެންނަން ގާތް ނުވާކަން މި މަންޒަރުން އެކަނި ވެސް އެނގެ އެވެ. ހުދު ދޮންވެލި ގޮނޑުދޮށާއި ކަނޑު އަޑިން މުރަކަ އާއި ކުލަތަކުގެ މަސް ތަކުގެ ވާހަކަ އެވެ.
ރާއްޖޭގެ ރީތިކަމުގެ ހުރިހާ މަންޒަރެއް އަހަރެމެން މި ގައުމުގައި އުޅޭ މީހުންނަށް ވެސް އަދި ފެންނަން ގާތް ނުވާކަން މި މަންޒަރުން އެކަނި ވެސް އެނގެ އެވެ. ހުދު ދޮންވެލި ގޮނޑުދޮށާއި ކަނޑު އަޑިން މުރަކަ އާއި ކުލަތަކުގެ މަސް ތަކުގެ ވާހަކަ އެވެ.
މިފަހަރު ދިވެހިންގެ ލޮލުގައި އަޅައިގަތީ ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށެވެ.
އަހުމަދު ހަސީން އާއި އޭނާގެ އެކުވެރި މުހައްމަދު ނާފިއު ނެގި އެ މީހުންގެ އުފަން ރަށް ހދ. ވައިކަރަދޫ ތުނޑީކޮޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެއީ ރާއްޖޭގެ މަންޒަރެއް ކަމަށް ގަބޫލު ނުކުރެވޭ ބަޔަކު ވެސް އެބަ ތިއްބެވެ.
ނަވާރަ ސިކުންތުގެ އެ ވީޑިއޯގައި ވިލު ނޫކުލައިގެ ބިއްލޫރިކޮޅެއް ފަދަ މޫދުގެ އަޑިން ފެންނަނީ ހަމައެކަނި ވަށައިގެން އޮންނަ މުރަކައިގެ ބަގީޗާ އެވެ. ފަންސާހަކަށް ފޫޓަށް ފެތުރިފައި އޮންނަ އެ ސަރަހައްދުގައި ހަސީން، ކެނޯއެއްގައި ފަލި ޖަހަމުން ދާއިރު، ފެންނަނީ އޮމާން ކަނޑާއި އުދަރެސް އެކުވެ ގެއްލިފައި ވަނިކޮށެވެ.
ފުރަތަމަ އެ ވީޑިއޯ ޓިކްޓޮކަށް ލީއިރު އެއީ ވައިކަރަދޫ ކަމެއް އޭނާ ނުޖަހަ އެވެ. ގިނަ މީހުން ސުވާލުކުރަން ފެށުމުން އެ ވީޑިއޯއަށް ލޮކޭޝަން އެޑްކުރި އެވެ.
"ވަރަށް ކުރިންސުރެ އޮންނަ ތަނެއް އެއީ، މީހުންނަށް އެހާ ނޭނގެނީ... އެ ވީޑިއޯ ފެނިގެން ވަރަށް ގިނަ މީހުން އެހި ރަށުގެ ކޮން ތަނެއްތޯ ވެސް،" ހަސީން ކިޔައިދިނެވެ.
މިދިޔަ ޑިސެމްބަރުގައި ދެ އެކުވެރިން ޗުއްޓީއަށް ގޮސް ނެގި ވީޑިއޯ ހަސީންގެ ޓިކްޓޮކަށް ލީ މީގެ ތިން ދުވަސް ކުރިންނެވެ. އެއްބަޔަކު އެއީ ރާއްޖޭގެ ރަށެއް ނޫން ކަމަށް ބުނަމުން ދިޔައިރު އަނެއް ބަޔަކު ބޭނުންވީ ވައިކަރަދޫގެ އެތަން ބަލާލައި ސްނޯކްލިންއަށް ގޮސްލާށެވެ.
"އަބަދު ވެސް ދެމީހުން [ހަސީން އާއި ނާފިއު] އުޅޭނީ ޑްރޯން ހިފައިގެން. އެއީ ހޮބީ އަކަށް ކުރާ ކަމެއް، ޑްރޯން އެރުވުމަކީ. ނާފިއު ނަގައިދިން ވީޑިއޯއެއް އެއީ. ރަށަށް ޗުއްޓީއަށް ގޮސް ދެމީހުން ދިޔައީ ބީޗް ވީޑިއޯކޮޅެއް ނަގަން،" ވީޑިއޯގެ ވާހަކަ ދައްކަމުން ހަސީން ބުންޏެވެ.
އޭނާ ބުނީ ރަށުގެ ރީތިކަން ރަށު މީހުންނަށް ވެސް އެނގުނީ އެ ވީޑިއޯއަށް ފަހު ކަމަށެވެ.
"ވަރަށް ކަނޑު މަޑު، ސާފު ދުވަހެއް އެއީ. ވައިރޯޅިއެއް ވެސް ނުޖެހޭ. އެހެންވެކަންނޭގެ އެ ވީޑިއޯ އެހާ ރީތީ އަސްލު. ވަރަށް ރީތިދޯ،" ހަސީނަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.