By: Ahmed Nadym
މިއީ ދެން އެންމެން ވެސް ދަންނަ ބޮޑު ސިއްރެކެވެ. ފިލްމީ ދާއިރާގައި ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އެކަމަކު، "ދިރިއުޅުމަކީ މިއީބާ" އިން ދިވެހިންގެ އާންމު ދިރިއުޅުމަށް ވަދެ، ގައުމެއް ހޭލެއްވުމުގެ ފަރުދީ ޒިންމާ އެކްޓަރެއްގެ ގޮތުގައި ދެގޮތެއް ނުވެ އަދިވެސް އަދާކުރަމުން އަންނަ ޔޫސުފް ރަފީއު (ޔޫސޭ) ގެ މި ހަގީގަތަށް މިފަހަރު ބާރުދޭ ފަރާތަކީ އޭނާއާއެކު މަސައްކަތްކުރި ރާއްޖޭގެ ފުރަތަމަ ޑައިރެކްޓަރު، މޫމިން ފުއާދެވެ. އޭނާ ލިޔެ ޑައިރެކްޓްކޮށްފައިވާ "ގިމަނި" ގެ ޝޫޓިންގައި ޔޫސޭއާ އެކު ހޭދަކުރި 11 ދުވަސް މޫމިން ސިފަކުރަނީ މީގެ ކުރިން ފިލްމީ ހަޔާތުގައި ތަޖުރިބާކުރެވިފައިނުވާ ވަރުގެ ބޮޑު ހައިރާންކަމަކާއި ހިތްހަމަޖެހުމެއް އޭނާ އަށް ގެނުވި ކަމެއްގެ ގޮތުގައެވެ. އެއަށް ފަހު، މޫމިންގެ އަތުގައި ތައުރީފު ނޫން އެހެން އެއްޗެއް ޔޫސޭއަކަށް ނެތެވެ.
"ވަރަށް މޮޅު މީހެއް ޔޫސޭ އަކީ. ހަމަ ވަރަށް މޮޅު މީހެއް،" ގާތްގަނޑަކަށް ބައި ގަޑިއިރަށް ދިގުދެމިގެން ދިޔަ އިންޓަވިއު މޫމިން ފަށައިގަތީ މިހެންނެވެ.
އެއަށް ފަހު، ފޯނު މެދުވެރިކޮށް ދިން އެ އިންޓަވިއު ނިމެން ދެން ޔޫސޭ އަށް އޭނާ ނުއޮއްސާ ތައުރީފެއް ނެތެވެ. ވަކިން ހާއްސަކޮށް މޫމިން ބުނީ ޔޫސޭއާ އެކު މަސައްކަތެއް ކޮށްލަން ލިބުނު ފުރުސަތު އޭނާ އަށް ހާއްސަވަނީ މިއީ "ޔޫސޭ ޑައިރެކްޓްކުރުމުގެ ފުރުސަތު" އޭނާ ދިވެއްސަކަށް ދިން ފުރަތަމަ ފަހަރަށްވާތީ އެވެ. މީގެ ކުރިން އަބަދުވެސް އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށް އެކްޓްކުރަމުން އައި ޔޫސޭ ކެމެރާގެ ކުރިމަތީގައި ޑައިރެކްޓްކުރުމުގެ ފުރުސަތު އެހެން ދިވެހި ޑައިރެކްޓަރަކަށް ލިބިފައެއް ނުވެއެވެ.
ޔޫސޭގެ ޝަރަފްވެރި މި ދިގު ކެރިއަރުގައި އޭނާ އެހެން ޑައިރެކްޓަރެއްގެ ދަށަށް ދިޔައީ ރާއްޖެ އައި އިޓަލީ ޑައިރެކްޓަރަކު އުފެއްދި ކަމަށް ބުނާ ފިލްމެއްގެ މަސައްކަތުގައި އެކަންޏެވެ. އެއަށް ފަހު ކެމެރާގެ ކުރިމަތީގަ އާއި ފުރަގަހުގައި ހުރިހާ ކަމެއް އަމިއްލަ އަށް ކުރަމުން ގެންދިޔަ ޔޫސޭ ހުރީ ދިވެހި ޑައިރެކްޓަރަކާ އެކު މަސައްކަތްނުވެސް ކުރާ ގޮތަކަށެވެ.
"ގަމިނި" ގެ ޑައިރެކްޓަރު މޫމިން ފުއާދު (ކ) އާއި އެހެން އެކްޓަރުންނާ އެކު ޔޫސޭ ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ގަމިނި ޓީމް
ނަމަވެސް ދިވެހި ސިނަމާ ބަދަލުކޮށްލި ފިލްމު، "ލޫދިފާ" ގެ ޑައިރެކްޓަރު ގުޅާލުމުން ޔޫސޭ އަށް ވެސް މަޑަކުން ނުހުރެވުނެވެ. އެކަމަކު ވެސް ހުރިހާ ޝަރަފެއް އޮތީ މޫމިނަށެވެ. އެއީ ޔޫސޭ ކަހަލަ "ލެޖެންޑަކާ" އެކު މަސައްކަތްކޮށްލެވުނީތީއެވެ.
"ވަރަށް އުފާ ވެސް ވޭ މި ފުރުސަތު ލިބުނީތީ. ފުރަތަމަ ދުވަހުވެސް ގުޅާލާފަ، މަސައްކަތެއް ކޮށްލަން ބޭނުމޭ ބުނި ހިސާބުން ޔޫސޭ އެކަމަށް އެއްބަސްވި ފަހުން އަދި އެނގުނީ އޭނަ މީގެ ކުރިން ދިވެހި އެހެން ޑައިރެކްޓަރަކާ އެކު މަސައްކަތެއް ނުކުރާކަން ވެސް،" މޫމިން ކިޔައިދިނެވެ.
"ޔޫސޭ ބުނީ މިހާތަނަށް, އޭނާ އެހެން ޑައިރެކްޓަކާ އެކު މަސައްކަތްކޮށްފައި ވާނީ އިޓަލީގެ ޑައިރެކްޓަރަކު އުފެއްދި "އަންޑަ ދަ ސަދަން ކްރޮސް" ނަމަކަށް ކިޔާ ފިލްމެއްގައި ކަމަށް."
ޔޫސޭ އަކީ އިންޓަނޭޝަނަލް ކޮލިޓީ!
"ގަމިނި" ޑްރާމާ ސިލްސިލާގައި "އަތޮޅުވެރިއެއްގެ އިސް އެހީތެރިޔާ" ގެ ރޯލު ކުޅެފައިވާ އެކްޓަރަށް ތައުރީފު އޮއްސަމުން ގޮސް މޫމިން އެންމެފަހުން ޔޫސޭ އުރާލައިގެން ގެންގޮސް ބެހެއްޓީ ރާއްޖެއިން ބޭރުގެ އިސްޓޭޖުގައެވެ. މޫމިން ބުނަނީ ޔޫސޭ ކަހަލަ އެކްޓަރަކަށް އެފަދަ އިސްޓޭޖެއް ވަރަށް ވެސް ހައްގު ކަމަށެވެ.
"ޔޫސޭ އަކީ އިންޓަނޭޝަނަލީ ވެސް ފުރުސަތު ލިބުނު ނަމަ ވަރަށް މަތިން ޕާފޯމްކުރާނެ އެކްޓަރެއް. އެހާ މޮޅު މީހެއް އޭނަ އަކީ. މުޅިން އެހެން ލެވެލްއެއް،" މޫމިން ބުންޏެވެ.
އޭނާ ބުނީ އެންމެ ބޮޑު ހައިރާންކަމެއް ގެނުވީ ޔޫސޭ އޭނާގެ ކިބައިން އެކްޓްކުރުމުގެ ހުނަރު ނެރެދިން ގޮތާމެދުގައެވެ. މޫމިން ބުނާ ގޮތުން ނަމަ ޔޫސޭގެ އެކްޓިން އެހާ ގާތުން އަލަށް ފެނި އޭނާ އަށް ހުރެވުނީ "ހަމަ ކޮސްވެފަ" އެވެ.
"ގަމިނި" ގެ މަންޒަރެއް ނެގުމުގެ ކުރިން ޑައިރެކްޓަރު މޫމިން ފުއާދު އެކްޓަރަކަށް އިރުޝާދު ދޭއިރު އެކްޓަރު ޔޫސޭ އާއި ކޮޕީ އިއްސެ މަޑުކޮށްލައިގެން. -- ފޮޓޯ: ގަމިނި ޓީމް
"އަހަރެން ހިތަކަށް ވެސް ނާރާ ދިވެހި ރާއްޖެއިން ދިމާވެދާނެއޭ އެހާ ހުނަރުވެރި އެކްޓަރެއް.
އަހަރެން ހިތަށް އެރީ މާ ކުރީގެ މީހެކޭ މިހިރީ މިހާ މޮޅު މީހަކަށް އަހަރެމެންގެ ތެރޭގައި. އާންމުކޮށް އަހަރެމެންނަށް މި ފެންނަނީ ފަހުން މާ މޮޅެތި މީހުންތައް އުފެދެމުންދާތަނޭ،" މޫމިން ބުންޏެވެ.
"މޮޅެތި އެކްޓަރުންނާ އެކު އަޅުގަނޑުމެން ރާއްޖޭގަ ވެސް އެބަ މަސައްކަތްކުރަން. އެކަމަކު ޔޫސޭ އެމީހުންނާ އަޅާ ބަލާއިރު ވެސް މާ ތަފާތީ. އެ މަންޒަރު ފެނުނު ޝޫޓިންގަ ވެސް."
ޝޫޓިން ތެރޭގައި ޔޫސޭ އުޅުނީ ކިހިނެތް!
ސެޓުގައި ޔޫސޭ ހުރިހާ ވަގުތަކު ވެސް އުޅުނީ "އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ" އަށް ވެގެންނެވެ. މޫމިން ބުނީ އޭނާ ގޮވައިގެން ތ. ކިނބިދޫ އާއި އެ އަތޮޅު ވޭމަންޑޫގައި ހޭދަކުރި 11 ދުވަސް ތެރޭގައި ޔޫސޭ އޭނާގެ ކެރެކްޓާ އިން ނުނިކުމެއޭ ބުންޏަށް ދޮގަކަށް ނުވާނެ ކަމަށެވެ. ސޫޓިން ކުރިއަށް ނުދިޔަޔަސް ޔޫސޭ އުޅުނީ އަބަދުވެސް "ގަމިނި" ގެ ސްކްރިޕްޓް ކިހިލީގައި ޖަހާލައިގެން އޭގެ ތެރޭގައެވެ.
"ހުސްގަޑިތަކުގަ ވެސް ސްކްރިޕްޓް ހިފައިގެން ޔޫސޭ އަބަދުވެސް އުޅޭނީ. އަބަދުވެސް އޭތި ކިޔާލަކިޔާލަ އޭގެ ތެރޭގައި އުޅޭތަން ފެންނާނީ. އެ ކެރެކްޓާގެ ތެރޭގައި އުޅެނީ އަބަދުވެސް،" ޔޫސޭގެ ކިބައިން ފާހަގަކުރެވުނު މެތަޑް އެކްޓިންގެ ސިފަތަކަށް އިޝާރާތްކޮށް މޫމިން ބުންޏެވެ.
"މަސައްކަތުގަ އުޅޭ އިރު ޔޫސޭ އެ މަސައްކަތުގެ ތެރެއަށް ވަދެފަ ހުންނަނީ އެހެން އެކްޓަރެއްގެ ފަރާތުން ނުވެސް ފެންނަހާ ބޮޑަށް. ސީދާ އެކަމަށް ހުސްވެގެން ޔޫސޭ މުޅި ސެޓުގައި އުޅޭނީ. ވަރަށް ބޮޑަށް އެކަމަށް ހުސްވެގެން."
ޑްރާމާގެ މަންޒަރެއްގައި ކޮޕީ އިއްސެ އާއި ޔޫސޭ. -- ފޮޓޯ: ގަމިނި ޓީމް
މޫމިން ބުނާ އާންމު ދިރިއުޅުމުގައި ޔޫސޭގެ ސަމާސާބޮޑަސް އަދި ދިވެހިންނަށް އެންމެ ގިނައިން ފެންނަ ޔޫސޭގެ "ކެރެކްޓާތައް" ކިތަންމެ މަޖާވެފައި ހެވުނަސް، "ގަމިނި" ގެ ސެޓުގައި އެ ޔޫސޭއެއް އެއްވެސް ދުވަހަކު ނުފެންނަ ކަމަށެވެ.
"ޔޫސޭ އަކީ އާންމުކޮށް ވަރަށް މަޖާކޮށް މީހުންނާ ވަރަށް ސަމާސާކުރާ މީހެއްތާ. އެކަމަކު މަސައްކަތުގެ ގަޑީގަ ޔޫސޭ އެ ދައްކާ ސީރިއަސް ކަމާ ދޭ ފޯކަސް ވަރަށް ބޮޑު. ޑައިލޮގާ އެއްޗެހި ވެސް ޑެލިވާކޮށްލާ ގޮތް ހާދަ ފުރިހަމައޭ،" މޫމިން ކިޔައިދިނެވެ.
"ޔޫސޭ އާންމު ދިރިއުޅުމުގައި ކިތަންމެ މަޖާ މީހަކަށްވިޔަސް މަސައްކަތުގެ ވަގުތު ޖެހުމުން އެ މަޖާކަން ނިމި ދެން ވަރަށް ސީރިއަސްވާނެ. އެ ނަގާ މަންޒަރެއް ނަގައި ނިމުނީއޭ ބުނަން ދެން ޔޫސޭ ހުންނާނީ އެ ފޯކަސް ތެރޭގައި. ކެރެކްޓާގައި."
ޔޫސޭގެ ކެރެކްޓާ ވެސް ޔޫސޭ ވެސް ވަރަށް އިންޓެލިޖެންޓް!
ސްޓްރީމިން އެޕް، ބައިސްކޯފުން އަންނަ ހުކުރު ދުވަހު ޕްރިމިއާކުރާ 13 އެޕިސޯޑްގެ ކްރައިމް ތުރިލާގައި ޔޫސޭ ކުޅެފައި ވަނީ މޫމިން ބުނާ ގޮތުން ނަމަ އޭނާ ކަހަލަ "ވަރަށް އިންޓެލިޖެންޓް" ކެރެކްޓާއެކެވެ. އަދި ޔޫސޭ ނޫން އެހެން މީހަކަށް އެ ރޯލު އެ ފުރިހަމަކަމުގައި ގެނެސް ދެވިދާނެ ކަމަކަށް މޫމިން މިހާރު ގަބޫލެއް ވެސް ނުކުރެއެވެ. އޭނާ ބުނަނީ އެހާ ފުރިހަމަ އަށް އެ ކެރެކްޓާ ތެރެއަށް ޔޫސޭ އަށް ގޮސް ވަދެވެނީ އެކްޓަރެއްގެ ގޮތުގައި އޭނާގެ ކިބައިގައި ވެސް ހުރި "އިންޓެލިޖެންޓް" ސިފަތަކާ ހެދި އެވެ.
"ޔޫސޭ މީގަ ކުޅެފަ އިން ރޯލަކީ ކޮންމެ ކޮންމެ މީހަކަށް ކުޅެވޭނެ ރޯލެއް ވެސް ނޫން. އޭނާ މި ކުޅެނީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ ރޯލު. ވަރަށް އިންޓެލިޖެންޓް ރޯލެއް އަދި ވަރަށް ރިންޓެލިޖެންޓް މީހަކަށް އެ ރޯލު ނަގައިގަނެ، ކޮން ކަހަލަ ކަމެއްކަން އެ ކެރެކްޓާ އިން ދައްކުވައިދޭން ޖެހޭނީ އެނގޭނީވެސް،" މޫމިން ބުންޏެވެ.
"އެކްޓަރަކަށް ބަލާއިރު ޔޫސޭ އަކީ ވަރަށް އިންޓެލިޖެންޓް ވެސް މީހެއް. މަޖާކޮށް ސަކަރާތް ޖެހިޔަސް ޔޫސޭގެ އެންމެ އަޑީގަ ހުންނަ ވިސްނުމަކީ ވަރަށް ވަރުގަދަ ވިސްނުމެއް."
"ގަމިނި" ގެ މަންޒަރެއްގައި ޔޫސޭ (ވ) އޭނާގެ ކެރެކްޓާގައި. -- ފޮޓޯ: ގަމިނި ޓީމް
ނަމަވެސް ޑައިރެކްޓަރު އަދި ސްކްރީންރައިޓަރު މޫމިން ބުނީ އޭނާ އެއްވެސް ކެރެކްޓާއެއް ލިޔަނީ ވަކި މީހަކަށް ފޯކަސްކޮށްގެން ނޫން ކަމަށާއި ޔޫސޭ ކުޅެފައިވާ ކެރެކްޓާ އޭނާ އަށް ދިނީ ވެސް އެގޮތަށް ވިސްނައިގެން ނޫން ކަމަށެވެ.
"ޔޫސޭ އަށް ވިސްނައިގެނެއް ނޫން އެ ކެރެކްޓާ ލިޔުނީކީ. އެކަމަކު އާދަޔާހިލާފަށް މޮޅު މީހެއް ޔޫސޭ އަކީ. އަނެއްހެން ބުނާ ނަމަ ރާއްޖޭގަ ނެތް ވަރުގެ މޮޅު (އެކްޓަރެއް) ޔޫސޭ އަކީ،" މޫމިން ބުންޏެވެ.
އޭނާ ބުނީ ސެޓުގައި އެންމެ ބޮޑު ފަސޭހަކަށް ދިމާވީ އެހެން ބައެއް އެކްޓަރުންނަށް ބުނެދީ އިރުޝާދު ދޭން ޖެހޭ ގޮތަށް ޔޫސޭ އަށް އޭނާގެ ކެރެކްޓާ އާއި ސީންތައް ކިޔައިދޭން ނުޖެހުމެވެ.
"ކްޓަރެއްގެ އެ ޖޮބް ފުރިހަމަކޮށްދިނުމަށް ގިނަ ފަހަރަށް ރާއްޖޭގައި އާންމުކޮށް ޑައިރެކްޓަރު އެކްޓް ވެސް ކޮށްދޭން ޖެހޭ ބުނެދިނުމަށް. ޔޫސޭ އަށް އެ ގޮތަށް ކިޔައިދޭކަށް ނުޖެހޭ. ސްކްރިޕްޓް ކިޔާލާފަ އޭނަ ވަދެގަންނަނީ ކެރެކްޓާއަށް،" މޫމިން ކިޔައިދިނެވެ.
"ޔޫސޭ އެންމެ ފުރަތަމަ އަމިއްލަ ގޮތަކަށް އެ ކެރެކްޓާއެއް ހުށަހަޅާލަ ދިނީ ސްކްރިޕްޓް ކިޔާލާފަ. ދެން އަޅުގަނޑު އެދުނީ މިވެނި އެވެނި ތަންތަންކޮޅު ގޯހޭ ރަނގަޅުކޮށްލަދޭށޭ. ދެން އޭގެ ފަހުން ހަމަ ބަރާބަރު."
އެ ބަރާބަރުކަމުގައި ޔޫސޭ ބެލުންތެރިންނާއި އޭނާގެ ފޭނުންނާ ބައްދަލުކުރަން ތައްޔާރުވަމުން އަންނައިރު މޫމިން ދޭ ޔަގީންކަމެއް އެބައޮތެވެ.
"ޔޫސޭ އެންމެގިނައިން މިހާތަނަށް ފެނުނީ ކޮމީޑިއަންއެއްގެ ގޮތުގައި ދިރިއުޅުމަކީމިއީބާ ސިލްސިލާ އިން. ދިރިއުޅުމަކީ މިއީގަ އެ ފެންނަ ޔޫސޭއެއް ނުފެންނާނެކަން ޔަގީން މިފަހަރު. އެ ޔޫސޭގެ ޒައްރެއްގެ މިންވަރު ވެސް ނުފެންނާނެ،" މޫމިން ބުނެލިއެވެ.