By: Ifraz Ali
ކުރު 8 އަހަރަށް ދެމިގެންދިޔަ، ކުރީގެ އެކްޓްރެސް ޖަމްޝީދާ އަހްމަދުގެ "ވިދުންގަދަ" ފިލްމީ ހަޔާތުގައި ދިވެހި ސިނަމާގައި އޭރު ތިބި އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ފިލްމުތަކުގައި އެކްޓުކުރުމުގެ ފުރުސަތު އޭނާ އަށް ލިބުނެވެ. އެކްޓުކުރުމުގެ މާ ބޮޑު ތަޖުރިބާތަކެއް ނެތި، ފިލްމީ ދާއިރާ އަށް ނިކުމެ އުޅުނުއިރު ލިބުނު ރަނގަޅު ފުރުސަތުތަކުގައި، ޖުމްލަ 14 ފިލްމަކާއި އަދި ހަތަކަށް ވުރެ ގިނަ ޓީވީ ޑްރާމާތަކުގައި އޭނާގެ ހުނަރުވެރިކަން ދައްކައިލި އެވެ. އަދި އޭރުގެ އެންމެ މޮޅު އެކްޓަރުންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ.
ޖަމްޝީދާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ޑައިރެކްޓަރު ފާތިމަތު ނަހުލާ އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއް.
އިއްޔެ އަކީ ޖަމްޝީދާގެ 42 ވަނަ އުފަންދުވަހެވެ. ދުވަހުގެ ތަހުނިޔާއާ އެކު މި ހިމަނާލަނީ ޖަމްޝީދާގެ ފިލްމާއި ޑްރާމާތަކުގެ ތެރެއިން، ގިނަ ބައެއްގެ ލޯބި ލިބުނު އަދި އަހަރެމެންނަށް ވެސް އެންމެ ކަމުދާ ފަސް ހުށަހެޅުމެކެވެ. މިއީ ހީކުރި ވަރަށް ވުރެ އެކުލަވައިލަން އުނދަގޫވި ލިސްޓެކެވެ.
ލިއުޝާ / ވެހޭ ވާރޭ ތެރެއިން (2003)
ކުރީގެ ޑައިރެކްޓަރު އަބްދުލް ފައްތާހުގެ، ލޯބީގެ މި ފިލްމުގައި ޖަމްޝީދާ ކުޅުނު ލިއުޝާގެ ރޯލަކީ ޔަގީނަށް ވެސް، އަދިވެސް އެންމެ ގިނަ މީހުނަށް އެންމެ ކަމުދާ އޭނާގެ ހުށަހެޅުމެވެ. ލިއުޝާ އަކީ އޭނާއާ ގާތް ތިމާގެ މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބެމުންދިޔަ އަންހެނެކެވެ. އެހެން އުޅެނިކޮށް، ލިއުޝާއާ ދިމާވަނީ އާޒިމް (ޔޫސުފް ޝަފީއު / ޔޫއްޕެ) ކިޔާ ފިރިހެނެކެވެ. ރައްޓެއްސެއްގެ ޕާޓީގެ ތެރެއިން ދިމާވެ، ދެމީހުން ލޯބިވެވި، ކައިވެނިކުރެ އެވެ. އެކަމަކު ކައިވެންޏަށް ފަހު އެނގުނީ އާޒިމް އަކީ ވެސް އަނިޔާވެރިއެއް ކަމެވެ. އާޒިމްގެ ފަރާތުން ލިއުޝާއަށް ގެވެށި އަނިޔާ ލިބެ އެވެ.
VIDEO
އަބްދުލް ބާރީ އާއި ޝިފާ ތައުފީގު ކިޔާފައިވާ، ވެހޭ ވަރޭ ތެރެއިންގެ ލަވަ "ނަން ބުނަން ކެރޭނެހޭ".
ގައުމީ ފިލްމު އެވޯޑްގައި 2007 ވަނަ އަހަރު އެންމެ މޮޅު ފިލްމާއި ޑައިރެކްޝަން އަދިވެސް ވަރަށް ގިނަ އެވޯޑްތައް ކާމިޔާބުކުރި މި ފިލްމުގައި ޖަމްޝީދާ އާއި ޔޫއްޕެގެ އިތުރުން، މުހިންމު ރޯލުތަކުން ކުޅުނީ މުހައްމަދު ޝާވިން އަދި ހަދީޖާ އިބްރާހިމް ދީދީ (ކުޑަ ހައްޖަ) އެވެ. އެންމެ މޮޅު އެކްޓްރެސްގެ ކެޓަގަރީން ޖަމްޝީދާ ނޮމިނޭޓު ވެސް ވި އެވެ.
"މައުސޫމް" ގެ ނަމުގައި 1983 ވަނަ އަހަރު ނިކުތް ބޮލީވުޑް ފިލްމުގެ ރީމޭކެއްގެ ގޮތުގައި ޑައިރެކްޓަރު އަހްމަދު ނިޔާޒް (ޓެޑްރީ) 1998 ވަނަ އަހަރު ގެނެސްދިން "އާމާނާތް" އަކީ ދިވެހި ފިލްމުތަކުގެ ތެރެއިން ބަލައި، ފޫހިނުވާނެ ވަރުގެ ފިލްމެކެވެ. އަދި މި ފިލްމުގައި ޖަމްޝީދާގެ އޮން-ސްކްރީން ވަގުތުކޮޅު ކުޑަ ނަމަވެސް، އޭނާގެ ރޯލު ވަރަށް ބޮޑެވެ. އެއީ ދޮން ބަފަޔަކާ އެކު ރަށެއްގައި ދިރިއުޅެމުން އަންނަ ފުރާވަރުގެ، އެކަނިވެރި އަންހެން ކުއްޖެއްގެ ރޯލެވެ.
VIDEO
ޓެޑްރީގެ "އަމާނަތް" ގެ ޓްރެއިލާ.
މިއީ ޖަމްޝީދާ ކުޅުނު ދެ ވަނަ ފިލްމެވެ. މި ފިލްމުގައި ޖަމްޝީދާ ކުޅުނު އާޝިއާގެ ރޯލަކީ އޭނާގެ އަޑުން، އޭނާގެ އިހުސާސްތަކާއި މާޒީގެ ދުވަސްތައް ކިޔައިދޭ ކެރެކްޓާއެކެވެ. އެކަމަކު އޭރު ޖަމްޝީދާ އެކްޓުކުރަން ވަރަށް އާވުމާއި ނެރޭޝަނަށް އެހާ ފަރިތަ ނުވުމުން، އާޝިއާގެ ރޯލަށް އަޑު އެޅީ އެހެން މީހެކެވެ. އެ ފިލްމުގައި ބޭނުންކޮށްފައި ވަނީ އޮފީސްތަކުގެ ޑްރާމާ މުބާރާތުން 90ގެ އަހަރުތަކުގައި ވިދާލި ސުނީތާ ކިޔާ މީހެއްގެ އަޑެވެ.
މި ކަމާއި ގުޅޭގޮތުން ޓުވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެޑްރީ ބުނެފައި ވަނީ އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އެ ނޫން އިތުރު ގޮތެއް އޭރު ނުވެސް ނެތް ކަމަށެވެ. އެކަމަކު ފިލްމު ނިކުތްތާ އަހަރެއްހާ ދުވަސް ފަހުން އަޑު އެޅި ނަމަ ވެސް، ޖަމްޝީދާގެ އަޑު ބޭނުންކުރެވުނީސް ކަމަށް ވެސް ބުންޏެވެ. އެ ހުރިހާ ގޮންޖެހުމަކާ އެކު ވެސް މި ފިލްމުން ޖަމްޝީދާއަށް އަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ ގައުމީ އެވޯޑް ލިބިފަ އެވެ.
މިއީ ފަހަރެއްގައި ޖަމްޝީދާ ކުޅުނު އެންމެ ވަރުގަދަ ވިލަން ގެ ރޯލު ކަމަށް ވެސް ވެދާނެ އެވެ. ޑައިރެކްޓަރު ފާތިމަތު ނަހުލާގެ މި ލޯބީގެ ފިލްމުގައި ޖަމްޝީދާ ކުޅުނީ ނޫރާ ކިޔާ ޒީލަގަދަ އަންހެނެއްގެ ރޯލެވެ. ވަރަށް ލޯބިން އުޅެމުން ދިޔަ ދެމަފިރިއެއްގެ ދެމެދަށް ވަދެ، އެމީހުންގެ ދިރިއުޅުން ހަލާކުކުރަނީ ނޫރާ އެވެ. އެ ދެމަފިރިންގެ ރޯލު ކުޅުނީ ރީކޯ މޫސާ މަނިކާއި މަރިޔަމް ނިޝާ އެވެ.
ރީކޯ މޫސާ މަނިކުއާ އެކު ޖަމްޝީދާ އަހްމަދު: "ނާއުއްމީދު" ގެ ލަވައެއްގެ މަންޒަރެއް.
މި ފިލްމުގައި ޖަމްޝީދާގެ ވަރަށް މަޝްހޫރު ޑައިލޮގެއް ވެސް އިނދެ އެވެ.
"ނާއުއްމީދު" އިން މަޝްހޫރުވި ޖަމްޝީދާގެ ޑައިލޮގު.
ނޫރާއަކީ މާލޭގައި ގެދޮރުހުރި މީހެއްގެ ދަރިއެކެވެ. އޭނާގެ ބައްޕަ، އެހެން މީހަކާ އިނދެގެން އެ ގެއަށް އޭނާގެ ދޮން މަންމަ އާއި ކުދިން ގެނެ އެވެ. އެހިސާބުން އެމީހުން އޭނާ އަށް އެ ގޭގައި ނުޅެވޭވަރު ކޮށްލަ އެވެ. އެއް ދުވަހަކު އެ މީހުންނާއި ޒުވާބުކުރަމުން ނޫރާ ބުނަނީ "މި ރާއްޖެ ތެރޭ މީހުނަށް މާލެއިން ބޯހިޔާކޮށްލާނެ ތަންކޮޅެއް ލިބިއްޖެއްޔާ މިއޮއްވާ ފޮންޏެއް ދޯ" އެވެ. ސޯޝަލް މީޑިއާގައި މިހާރު ވެސް ދޭތެރެއަކުން މި ޑައިލޮގު ދައުރުވެ އެވެ.
ފާތިމަތު ނަހުލާގެ ވާހަކައަކަށް، އަމްޖަދު އިބްރާހިމް ޑައިރެކްޓުކުރި "ހިނިތުން" ނުހިމަނާ މި ލިސްޓު ފުރިހަމައެއް ނުވާނެ އެވެ.
މި ފިލްމުގައި ޖަމްޝީދާ ކުޅޭ އަރީޝާއަކީ، ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދެމަފިރިން އޭނާ ބަލާއި ބޮޑުކުރަނީ ވަރަށް ލޯބިންނެވެ. ވަރަށް ފުދިގެން އުޅުނު އާއިލާއެކެވެ. އަދި މި ދެމަފިރިންނަށް އިތުރު ކުއްޖަކު ނުލިބޭތީ، ރަށަކަށް ކުރި ދަތުރެއްގައި ދިމާވި ވަރަށް ހިތްހެޔޮ އަދި ނިކަމެތި ކުއްޖަކު މާލެ ގެނެސް ބަލާ ބޮޑުކުރެ އެވެ. ސާމިން ކިޔާ އެ ކުއްޖާގެ ރޯލު ކުޅުނީ ކުރީގެ އެކްޓަރު އިސްމާއިލް ހިލްމީ އެވެ. ޝާމިން އާއި އަރީޝާ އުޅެ ބޮޑުވަނީ ވަރަށް ގާތް އެކުވެރިންގެ ގޮތުގަ އެވެ.
އަރީޝާ ފުރާވަރަށް އެޅިތަނުން އެނގެނީ އޭނާގެ ހިތުގެ ބައްޔެއް ހުންނަ ކަމެވެ. އެހިސާބުން އެމީހުންގެ ދިރިއުޅުން އެއްކޮށް ބަދަލުވާތަން ދައްކަ އެވެ.
ޖަމްޝީދާ އަހްމަދު އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ލަވަ "އަސްތާ ގެޔަށް ދާންވީހޭ" ގެ މަންޒަރެއް.
މި ލިސްޓުގައި "ވަކިން" ނުހިމަނާ ފިލްމުތަކުގެ ތެރެއިން ދިވެހި ފިލްމު "އާހް" އާއި "މާޒީ" އަކީ ވެސް ވަރަށް ގިނަ މީހުނަށް ޖަމްޝީދާ ކަމުދިޔަ ފިލްމުތަކެވެ. "މާޒީ" އަކީ ޖަމްޝީދާ ވަރަށް ގިނަ ވީޑިއޯ ލަވަތައް އެ ތަރިއަކާ އެކު ކުޅުނު، އެކްޓަރު އިސްމާއިލް ވަޖީހުއާ އެކު މަސައްކަތްކުރި ދެ ފިލްމުގެ ތެރެއިން ރިލީޒްކުރި ހަމައެކަނި ފިލްމެވެ. އެ ފިލްމު އެންމެ ހާއްސަވީ ވެސް އެހެންވެ އެވެ. މި ދެ ތަރިން މަޝްހޫރުވީ ވަރަށް ލޯބި އޮން-ސްކްރީން ޖޯޑެއްގެ ގޮތުގަ އެވެ.
"އައިޝާ" ޑްރާމާގެ މަންޒަރެއްގައި ޖަމްޝީދާ އަހްމަދު.
އަލީ ރަމީޒް ކިޔާފައިވާ "ދޯޕައްޓާ"ގެ ލަވަ "މަސްތުވެވުނޭ" ގައި ޖަމްޝީދާ އަހްމަދު އާއި މުހައްމަދު ޝާވިން.
ޖަމްޝީދާގެ ޓީވީ ޑްރާމާތަކުގެ ތެރެއިން އަހަރެމެންގެ ހޮވުމަކީ އަބްދުލް ފައްތާހުގެ "ދޯޕައްޓާ" އެވެ. މާލެ އާއި ހއ.ކެލާގެ މަންޒަރުތައް ނެގި ފިލްމުގައި ޖަމްޝީދާ ކުޅުނީ ނާސިހާ ކިޔާ، ރަށެއްގައި ދިރިއުޅޭ އަންހެނެއްގެ ރޯލެވެ. އެހެން މީހަކާ ރައްޓެހިވެގެން އުޅެމުން ގޮސް، ނާސިހާގެ ހިތް ދޫވަނީ، މާލެ އިން އެ ރަށަށް ބޭސްވެރިކަމުގައި އަންނަ ފަޔާޒް (މުހައްމަދު ޝާވިން) އަށެވެ. ނާސިހާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އައިމިނަތު (ޝީލާ ނަޖީބް) ވެސް ފަޔާޒް އަށް ހިތް ކިޔަ އެވެ. ދޮން މަންމަގެ ނުފޫޒުން އައިމިނަތު ހުންނަނީ އެ ރަށުގެ މުސްކުޅި އުމުރުގެ ވިޔަފާރީވެރިޔަކާ ދެވައިފަ އެވެ. އަދި ނާސިހާ ވެސް އުޅެނީ އެހެން މީހަކާ ހިތާވެގެންނެވެ.