16 Jun 2020

By: Aishath Maaha

ބައިސްކޯފުގެ "އެހެނަސް"ގެ ދެވަނަ ސީޒަން ދައްކަން ފަށާ ވަގުތު ކުޑަތަން ވަމުން އަންނަ އިރު އެ ސީރީޒްގެ ފޭސްބުކް ޕޭޖަށް ދޫކޮށްލި ފޮޓޯތަކަށް އަދި ޓްރެއިލާ އަށް ލިބުނު ސަމާލުކަން ބޮޑެވެ. ހާއްސަކޮށް މުޅިން އާ ކެރެކްޓާތަކެއް ސީރީޒުން ފެންނާތީ އެވެ. މި މަހުގެ 18 ވަނަ ދުވަހު ބައިސްކޯފުން "އެހެނަސް" ސީޒަން 2 ދައްކަން ފަށާނެ އެވެ.

އަހްމަދު އިގުބާލް (އައިކިއު)ގެ މި ވާހަކަ ކީ މީހުން ވެސް ދެން ވާނެ ގޮތް އެނގެޔޭ ކިޔާފައި ހަމަޖެހިލައިގެން ތިބެވެން ނެތް އެއް ސަބަބަކީ އެއީ އެވެ. މުޅިން އާ ކެރެކްޓާތަކެއް ސީރީޒަށް އިތުރުކޮށްފައިވާތީ އެވެ. އަދި ރޯލުތަކަށް ވެސް ސީރީޒްގެ އެހެން ރޯލުތަކެކޭ އެއްގޮތަށް ދާއިރާގައި މާބޮޑު ތަޖުރިބާއެއް ނެތް ގިނަ ތަރިންތަކެއް ނަގާފައިވާތީ އެވެ. ނަމަވެސް ކުރިން ފެނުނު އާ ތަރިންގެ އެކްޓިން އާ ބަލާފައި ޑައިރެކްޓަރު ރަވީ ފާރޫގަށް ކުރެވޭ އިތުބާރުންނެވެ.

މިއީ މި ސީޒަންގައި ސީރީޒުން ފެނިގެންދާނެ އާ ކެރެކްޓާތަކެވެ.

ރަވީ

ސީރީޒްގެ ޑައިރެކްޓަރުގެ ގޮނޑި ފުރަމުން އަންނަ ރަވީ ހާއްސަ ފެނިލުމެއްގައި ފެންނާނެ އެވެ. ވަރަށް ޒުވާން، އާ ތަރިންތަކެއް ފެނިގެންދާ މި ސީރީޒްގައި ރަވީ ފެނިގެންދާނީ ވަރުގަދަ ރޯލަކުން ކަމަށް ބެލެވެ އެވެ. ރަވީ އަކީ ކިތަންމެ ކުޑަ ރޯލެއް ނަމަވެސް އެންމެ ފުރިހަމައަށް އެ ރޯލެއް ދައްކާލާނެ ތަރި އެކެވެ.

"ރަވީގެ މި ރޯލާ ބެހޭގޮތުން ބުނާނީ މިއީ ވަރަށް ކޮންޓްރަވާޝަލް ރޯލެކޭ، މި ރޯލަށް ތަރިއެއް ހޯދާނީ ކިހިނެއް ބާއޭ ހިތަށް އެރި، ބައެއް މީހުން ކައިރި އަހާވެސް ލީން، އިމޭޖް ހަޑިވެދާނެތީ ނުވަތަ މިއަށްފަހު މީހުން ދެކޭގޮތް ބަދަލުވެދާނެތީ އެއްބަސްނުވި، އެކަމަކު ރަވީ ހިތަށް އެރީ އެކްޓަރެއް ވެއްޖެޔާ ކޮންމެ ރޯލެއް ވެސް ކުޅެވޭނޭ އެހެން ބަލާފައި މި ރޯލު ކުޅުނީ، މި ސީރީޒްގައި މަނިކު އަދި ޝާރިފްވެސް މި ކުޅެނީ ވަރަށް ނެގެޓިވް ރޯލެއް، ދެތަރިން ވެސް ނެގި ރިސްކެއް އެއީ، ރިޝްމީ ފެނިގެންދާ ޝާއިރާގެ ރޯލަކީ ވެސް ވަރަށް ނެގެޓިވް ރޯލެއް،" ރަވީގެ ރޯލާ ބެހޭގޮތުން ބުންޏެވެ.

"ދެން ރަވީގެ ރޯލާ ބެހޭގޮތުން މާބޮޑު އެއްޗެއް ކިޔައިއެއް ނުދެވޭނެ، ސުހައިލް ކިޔާނީ މީގައި، އެކަމަކު އެއީ މި ސޮސައިޓީގައި ވަރަށް އާންމު ކެރެކްޓާއެއް، އެންމެން ދަންނަ ބޮޑު ސިއްރެއް ގޮތަށް، ސުހައިލްއަކީ ބައިވަރު ކެރެކްޓާތަކެއްގެ ތެރެއިން އުފެދިގެން އައިސްފަ އިންނަ ކެރެކްޓާއެއް،"

ރިޝްމީ

"ޢެހެނަސް"ގެ ފުރަތަމަ ސީޒަން ނިންމާލީ މުޅިން އާ ކެރެކްޓާއަކުން އައިޝަތު ރިޝްމީ ސީރީޒަށް ތައާރަފްކޮށްފަ އެވެ. ސީރީޒްގެ ލީޑް ކެރެކްޓާ ނިޔާޒްގެ އަނބިމީހާ ޝާއިރާގެ ރޯލުންނެވެ. ނިޔާޒާއި ޝާއިރާގެ ކުއްލި ކައިވެންޏާ ގުޅޭ ކަންތައްތަކެއް ވެސް މި ސީޒަންގައި ފެންނާނެ އެވެ.

"ޝާއިރާ ދޯ، ވަރަށް ނެގެޓިވް ރޯލެއް މިއީ، ރިޝްމީއަށް ވަރަށް ޗެލެންޖިން ރޯލަކަށް ވީ، ރިޝްމީގެ އަސްލު ކެރެކްޓާއާ އޮޕޮސިޓް ކެރެކްޓާއެއް ޝާއިރާއަކީ، އެކަމަކު ވެސް ބޭނުންވީ މި ކެރެކްޓާ ދައްކައިދޭން، މިކަހަލަ ރޯލުތައް ދައްކައިދީގެން މީހުންނަށް މިއީ ރަނގަޅު ކެރެކްޓާއެއް ނޫންކަން ނޫނީ ޝާއިރާ ކުރާ ކަންކަމަކީ ކުރަން ރަނގަޅު ކަންކަން ނޫންކަން ބުނެދޭން ބޭނުންވަނީ، މިކަންކަން ހުއްޓަން އެބަޖެހޭކަން އަންގައިދޭން ބޭނުންވަނީ، ފަހަރެއްގައި މީހުން ރިޝްމީއަށް ނަފްރަތުވެސް ކުރަން ފަށާފާނެ މި ބަލާފައި،" ރިޝްމީ ބުންޏެވެ.

"އެއްވެސް ހާލެއްގައި މިއި މިކަންކަން ގްލޮރިފައި ކުރަން ދައްކައިދޭ ރޯލެއް ނޫން، މިކަހަލަ ރޯލުތައް ކުޅެގެން މީހުންނަށް އަންގައިދޭން ބޭނުންވަނީ މިކަންކަން ނުކުރަން، އެއީ ކިހާ ގޯސް ކަމެއްކަން،"

ނަތާޝާ

ދިވެހި ފިލްމު އިންޑަސްޓްރީއަށް ނަތާޝާ ޖަލީލް މުޅިން އަލެއް ނޫނެވެ. ބައިސްކޯފުގެ "ތިން ބިބީ" އިން ނަތާޝާ ވަނީ އިންޑަސްޓްރީގައި ފައިތިލަ ހަރުކޮށްލާފަ އެވެ. "އެހެނަސް"ގައި ނަތާޝާ ފެނިގެންދަނީ "ފަރުޒާނާ"ގެ ރޯލުންނެވެ.

"ވަރަށް އިންޑިޕެންޑެންޓް ވަރަށް އިންސްޕަޔަރިން ރޯލެއް އެއީ، އިތުރަށް ނަތާ ބުނާނީ ޕޮޒިޓިވް ރޯލެކޭ، ސީޒަން ޓޫ ބަލާލީމަ ދެން އިނގޭނީ،" ފަރުޒާނާގެ ކެރެކްޓާ ނަތާ ސިފަކޮށްދިނެވެ.

ޝުހާ

ޒޯޔާގެ ރޯލުން "އެހެނަސް"ގެ ދެވަނަ ސީޒަނުން ފެނިގެންދާ އައިމިނަތު ޝުހާ އަކީ ފިލްމީ ދާއިރާއަށް ވެސް މުޅިން އާ މޫނެކެވެ. އައިސް ޓީވީގެ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު މޫނެކެވެ.

"ޒޯޔާއަކީ ނިޔާޒަށް ސަޕޯޓް ދޭން އަންނަ މީހެއް، އެއީ އަދި ބުނެވެން އޮތް މިންވަރަކީ، އިތުރަށް ބުނަންޏާ ޕޮޒިޓިވް އަދި ބޮޑު ރޯލެއް،" ފިލްމީ ދާއިރާގެ އިތުރު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަކަން ފާހަގަކުރަމުން ޝުހާ ބުންޏެވެ.

ވާޝިޔާ

ވާޝިޔާ މުހައްމަދު "އެހެނަސް"ގެ މި ސީޒަންގައި ފެނިގެންދާނީ "ޕިންކް"ގެ ރޯލުންނެވެ. ވާޝިޔާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވީ ބައިސްކޯފުގެ "ތިން ބިބީ" އިންނެވެ.

"ޕިންކް އަކީ ވަރަށް އިންޓްރެސްޓިން ކެރެކްޓާއެއް، މިހާތަނަށް ޝިޔާ ނުކުޅޭ ކަހަލަ ކެރެކްޓާއެއް، ވަރަށް ގިނަ ކަންކަން އެނގިގެންދާނެ އެ ބަލާލީމަ، އަދި މާބޮޑު އެއްޗެއް ނެތް ކެރެކްޓާއާ ގުޅޭގޮތުން ބުނެވޭކަށް،"

އަޒްމަން

އަބްދުﷲ އަޒްމަން ފެނިގެންދާ ކެރެކްޓާ "ފާރިޝް"އަކީ ސީޒަން އެކެއްގައި ވެސް އުޅޭ ކެރެކްޓާއެކެވެ. އެހެން ނަމަވެސް ސީޒަން ނިމުނު އިރުވެސް އިވެނީ ހަމައެކަނި އަޑެވެ. މި ސީޒަންގައި ފާރިޝްގެ ރޯލުން އަޒްމަން ފެނިގެންދާނެ އެވެ. މިއީ މި ދާއިރާގައި އަޒްމަން ކުރި ފުރަތަމަ މަސައްކަތް ވެސް މެ އެވެ.

"ފާރިޝްއަކީ ޝަޒޫގެ ބެސްޓްފްރެންޑް، ދެން ފާރިޝްއަކީ ބޭރުން ކިޔަވައިގެން އައިސް ރާއްޖޭގައި ލޯފާމެއް ހިންގާ ލޯޔަރެއް، ފާރިޝް މަސައްކަތްކުރާނެ ނިޔާޒް އަށް ދިމާވާ ކަންކަމުގައި ޝަޒޫއާއެކު ހެލްޕްވާން،" މިވަގުތަށް ކިޔަދެވެން އޮތް ވަރަށް އަޒްމަން ކިޔައިދިނެވެ.

އައިޝަތު ރިޝްމީ

Popular