By: Aishath Mihna Nasih
ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނީ އެވެ. ރޯދަވީއްލަން ތައްޔާރުކުރާ ތަކެތީގެ ލިސްޓު ވެސް ގާތްގަނޑަކަށް ހުސްވަނީ އެވެ. ރޯ ރެސިޕީގެ ފުރަތަމަ މެހެމާން، "ފުޑްނަސް ބައި ސާ" ގެ ވެސް މިއީ ފަހު ރެސިޕީ އެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރަހަމީރު އަދި އާންމުކޮށް ލިބެން ހުންނަ ބާވަތްތަކުން ތައްޔާރުކުރެވޭ މި ރެސިޕީއަކީ ރަހަބަލައިނުލައި ދޫކޮށްލާވަރުގެ ރެސިޕީއެއް ނޫނެވެ.
ބްރެޑް ޕޮކެޓްސް-- ފޮޓޯ:ފުޑްނަސްބައި ސާ
1 ޕާން، 1 ސައިސަމުސާ އަސޭމިރުސް، 3 ބިސް، ½ ސައިސަމުސާ ލޮނު، 2 ޖޯޑު ފާރޮށިކުނޑި 2 މޭޒުމަތީ ސަމުސާ ސޯޔާސޯސް، 2 ޖޯޑު ތެޔޮ (ޕޮކެޓްސް ތެލުލަން)، 2 މޭޒުމަތީ ސަމްސާ އޮއިސްޓަރ ސޯސް، 3 ޖޯޑު ފެން، 250 ގްރާމު ސަބްމެރިން ސޯސް، 2 ބޯންލެސް ކުކުޅު ބްރެސްޓް، 1 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި)، 2 ކުކުޅު ސްޓޮކް ކިއުބުސް
ބްރެޑް ޕޮކެޓްސް: ފުޑްނަސް ބައި ސާ
* ބްރެޑް ޕޮކެޓްސް: 2 ފޮތި ޕާން އެއްކޮށްލުމަށް ފަހު ރޮށިދަމާއެތީގައި ދަމާނީ އެވެ. އެއަށްފަހު ވަށްކޮށް ޕާންފޮތިން ކަޓްއައުޓެއް ނަގާނީ އެވެ. ދެން އެ ޕާން ކަޓްއައުޓް ބިހުގެ ތެރެއަށް ލުމަށްފަހު ފާރޮށި ކުނޑިލާނީއެވެ. ދެން ތާހުގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ފާރޮށިކުނޑި ލާފައިހުރި ޕާންފޮތި ކަޓްއައުޓްސް ތެލުލާނީއެވެ. ކަޓްއައުޓްސް ތެލުލާ ނިމުމުން އޭގެ މެދުން ކަފާލާނީ އެވެ.
* ޗިކަން ފިލިންގް: އެންމެ ފުރަތަމަ، ތެއްޔެއްގައި ފެން ފޮދެއް އުދާނީ އެވެ. ފެން ކެކެން ފެށުމުން ކުކުޅު ބްރެސްޓާއި ކުކުޅު ސްޓޮކް ކިއުބްސް އެޅުމަށް ފަހު ކުކުޅުމަސް ކައްކާލާނީ އެވެ. ދެން ފެންގަނޑުން ކުކުޅު ބްރެސްޓްތައް ނެގުމަށް ފަހު ކުދިކޮށް ކޮށާލާނީ އެވެ. އެއަށްފަހު ތަވާގައި ކުކުޅުމަސްކޮޅު ހަނާކޮށްލާނީ އެވެ. ދެން ކުކުޅުމަސްތަކުުގެ ތެރެއަށް ލޮނު، އަސޭމިރުސް، ސޯޔާސޯސް އަދި އޮއިސްޓަ ސޯސް އެޅުމަށް ފަހު ސްޓަރ-ފްރައި ކޮށްލާނީ އެވެ. ދެން އުނދުން ނިވާލުމަށް ފަހު ކުކުޅުމަސްގަނޑު ހިހޫ ވުމުން ސަބްމެރިން ސޯސް އާއި ކޮށާފައި ހުރި ގިތެޔޮ މިރުސްކޮޅު އެއްކޮށްލުމަށްފަހު ބްރެޑް ޕޮކެޓްސް ތެރެއަށްއަޅާ ފިލްކޮށްލާށެވެ.