By: Asima Nizar
މީރުކޮށް ކައްކަން އެނގުނަސް ބައެއް ފަހަރު ހެދޭ ގޯސްތަކުން ކާން ފޫހިވެ އެވެ. ބޭނުންވާ ރަހަ ނުލިބި، ދުވަސް ޚަރާބުވާ ފަހަރުތައް ވެސް މަދެއް ނޫނެވެ. ސޯޝަލް މީޑިއާގައި މަޝްހޫރު "ރަށު ބަދިގެ" ހިންގާ މަޒީނާ މުހައްމަދު ކެއްކުމުގައި އޭނާ ބޭނުންކުރާ ބައެއް އުކުޅުތައް އާންމުންނާ ހިއްސާކުރަމުން އަންނައިރު މިއީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.
ކައްކާއިރު އާއްމުކޮށް އެންމެ ގިނަ މިސްޓޭކް، ކާ އެއްޗެހީގެ ލޮނު ހެޔޮވަރުނުވުން ފަދަ ކަންކަމުގައި ހަދާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.
ރަށު ބަދިގޭގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އިއްޔެ ކުރި ޕޯސްޓުގައި ކިޔައިދިނީ ލޮނު ގަދަވެއްޖެ ނަމަ ކަން ކުރާނެ ގޮތެވެ.
ދިޔާ އެއްޗެއް ކައްކާއިރު ލޮނު ގަދަވެއްޖެ ނަމަ އިތުރަށް ފެން އަޅައިގެން ލޮނު ހެޔޮވަރުކުރުމުގެ އިތުރުން އަލުއްވެއް މަށާލައި ތެލީގެ ތެރެއަށް ލުމަށް ފަހު ކައްކާލައިގެން ވެސް ލޮނު މަޑުކޮށްލެވިދާނެ އެވެ. އޭރުން، އެ އަލުވީގެ ތެރެއަށް ލޮނުތައް ދަމައިގަނެ ލޮނު މަޑުވާނެތީ އެވެ.
ލޮނުރަހަ މަޑުކުރުމަށް ޔޯގަޓް، ކާށި، ކިރު، މަސް އަދި ތަރުކާރީ ވެސް ބޭނުންކުރެވިދާނެ އެވެ. ލުނބޯހުތާއި ވިނެގާއަކީ ވެސް އޭގެ ރަހަ ހެޔޮވަރުކޮށްދޭ އެއްޗިއްސެވެ.
ލޮނު އެޅުމުގައި ވިސްނަންވީ ކަންކަން ވެސް ރަށު ބަދިގެއިން ވަނީ ކިޔައިދީފަ އެވެ.
އިންސްޓަގްރާމުގައި 20،000 އެއްހާ މީހުން ފޮލޯކުރާ ޕޭޖުން މިދިޔަ މަހުގެ 29 ގައި ކުރި ޕޯސްޓުގައި ވާގޮތުން ކައްކާއިރު އެއްފަހަރާ ގިނައިން ލޮނު އެޅުމުގެ ބަދަލުގައި މަޑުމަޑުން އެތިއެތި ކޮޅުން ލޮނު އެޅުން މާ ރަނގަޅުވާނެ އެވެ.
ރިހާކުރު، ޗިކަން ސްޓޮކް ޕައުޑާ އަދި ސޫޕް ބޭނުންކުރާ ނަމަ، ކައްކާ އެއްޗެއެއްގެ ލޮނު ރަހަ ބަލާފައި ލޮނު އެޅުން މުހިއްމު ކަމަށް ވެސް ބުންޏެވެ.
އެ ޕޭޖުން ބުނެފައިވާ ގޮތުގައި، ފިޔާ މީރުކުރާއިރު ވެސް މަޑު ގިނީގައި ފިޔާ މީރުކުރުމާއި ކުޑަ ލޮނުކޮޅެއް އެޅުމަށް ފަހު ފިޔާ މީރުކުރުމަކީ ރަހަ މީރުވާނެ ކަމެކެވެ.
މިއީ ވެސް ވަރަށް ވިސްނާ ނުލެވޭ ކަމެކެވެ. ގިނަ ފަހަރަށް، ތެއްޔެއް ނުވަތަ ތަވައެއް އުނދުނަށް އުދުމަށް ފަހު ވަގުތުން ކައްކަން ފަށަ އެވެ. މަޒީނާ ވަނީ އެކަމުގައި ވެސް ރަނގަޅު ގޮތް ކިޔައިދީފަ އެވެ.
"ތަވަޔަށް އެއްޗެހި އެޅުމުގެ ކުރިން ތަވާ ރަނގަޅަށް ހޫނުވިތޯ ޔަގީންކުރާށެވެ. ތަވާ ހޫނުވިތޯ ޔަގީންކުރުމަށް ފެންފޮދެއް ބުރުވާލުމުން ކެކި އާތްވަށްވެ ހުސްވާނެ އެވެ،"
"ތަވާ ހޫނުކުރުމުން ތަވާގައި ތަތްވެ، ކާތަކެތި ހަލާކުވުން ފަދަ ކަންކަމުން ސަލާމަތްވެ، ފުރިހަމައަށް ކާތަކެތި ތައްޔާރުކުރެވޭ."