23 Jul 2024

By: Aishath Mihna Nasih

ސޯޝަލް މީޑިއާއިން އިހަށްދުވަހު ފެނުނު "ތެޔޮ މިރުސް ބަތް" މާބޮޑަށް ވެސް ތަފާތެވެ. އަހަރެމެންގެ ބަދިގެތަކުން އާންމުކޮށް ލިބެން ހުންނަ މަދު ބާވަތްތަކެއް ބޭނުންކޮށްގެން ނިކަން ފަސޭހައިން ހެދޭ މި ބަތްގަނޑަކީ ދިވެހި ބިރިޔާނީއަކަށް ވެސް ވުން ގާތެވެ. ނުވަތަ މިއީ މަސްބަތާ ދާދި ގާތް އެކަމަކު މުޅިން ތަފާތު ރެސިޕީއެކެވެ.

މި ރެސިޕީގެ ފަހަތުގައިވަނީ، އަހަރެމެންގެ ރަހަތަކަށް ފެތޭހެން ތަފާތު ގިނަ ރެސިޕީތަކެއް ގެނެސްދެމުން އަންނަ "ރަށު ބަދިގެ" އެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން އެކި ކަހަލަ ބުއިންތަކާއި ކެއުންތަކުން އަހަރެމެންގެ ސުފުރާތަކަށް ވެސް ފުރިހަމަކަމެއް ގެނެސްދެމުން އަންނަ ރަށު ބަދިގޭގެ ވާހަކަ ފަށަންޖެހެނީ މި ޕޭޖުގެ ހިންގުންތެރި ވެރިޔާ މަޒީނާ މުހައްމަދާ ހިސާބުންނެވެ.

View this post on Instagram

A post shared by Rashu Badhige (@rashubadhige)

މަޒީނާގެ ހިތުގައި ކެއްކުމަށް އޮތް ލޯބި

މަޒީނާ މުހައްމަދު، 33، އަކީ އއ. އުކުޅަހު ސްކޫލްގައި އޭލެވެލް އަށް ދިވެހި ކިޔަވައިދެމުން އަންނަ މުދައްރިސެކެވެ. ބުރަކޮށް ސްކޫލްގެ މަސައްކަތުގައި އުޅުނަސް، ރަށު ބަދިގެއަކީ އޭނާގެ އެންމެ ފުރަތަމަ ލޯތްބެވެ. ކިޔެވި އިރު ވެސް ތަފާތު އެއްޗެހި ކައްކައި އެކުގައި ކިޔަވަމުން އައި ދަރިވަރުންނަށާއި އާއިލާއަށް ކާންދިނުމަކީ އޭނާ އެންމެ ގަޔާވެގެން ކުރަމުން އައި އެއްކަމެވެ. އެއްއިރެއްގައި އެކިބާވަތުގެ ފޮނިތަކެތި ތައްޔާރުކޮށް ވިއްކި ނަމަވެސް އެ މަސައްކަތް ހުއްޓާލީ އެވަރަށް ވަގުތު ނުދެވެން ފެށުމުންނެވެ.

ނަމަވެސް އޭނާގެ ހިތުގައި ކެއްކުމަށް އޮތް ލޯތްބަށް ފަނޑުކަމެއް ނާދެ އެވެ. އެހެންވެ، އަމިއްލައަށް ކައްކާ އެކި ބާވަތްތައް މީހުންނާ ހިސާބަށް ގެނެސް، އެހެން މީހުންނަށް ވެސް ކައްކަން ދަސްކޮށްދެވޭނެ އެންމެ ފަސޭހަ ގޮތެއްކަމަށް އޭނާއަށް ފެނުނީ އަމިއްލަ ޕޭޖެއް ހުޅުވުމެވެ.

"މި މަސައްކަތް އަސްލު ފެށި ސަބަބުތަކުގެ ތެރޭގައި އެހެން މީހުންނަށް ކައްކަން ދަސްކޮށްދިނުން ހިމެނޭ. ވަރަށް ގިނަ މީހުން ބޭނުންވާހެން ހީވަނީ މީރު ރެސިޕީތައް. އެހެންވީމަ އެހެން މީހުންނަށް މި ރެސިޕީތައް ފޯރުކޮށްދިނުން އެއީ ވަރަށް ބޮޑު މަގްސަދެއް... އެހީވުމުގެ ގޮތުން" މަޒީނާ ބުންޏެވެ.

މަޒީނާގެ އެކައުންޓްތަކާއި ޗެނަލްތައް އިންސްޓަގްރާމް، ފޭސްބުކް، ޔޫޓިއުބް އަދި ޓިކްޓޮކްގައި ވެސް ހުރެ އެވެ. އޭނާ ބުނާ ގޮތުން ފިރިމީހާއަކީ ވެސް އަމިއްލަ ޔޫޓިއުބް ޗެނަލެއް ގެންގުޅޭ މީހަކަށްވުމަކީ މިކަހަލަ ހިޔާލެއް އައުމުގެ އެއް ސަބަބެވެ.

"ބޭނުންވީ ވަރަށް ދިވެހި ނަމެއް ކިޔަން. ދެން މި ނަން މިއީ ފިރިމީހާ ދިން ހިޔާލެއް. ދެން އާއިލާ އާއި ރަހުމަތްތެރިންގެ ހިޔާލު ހޯދައިގެން، ރަށެއްގައި ހުރެ ކައްކާތީ އާއި މީހުުންނާ ވެސް ގުޅޭނެ ނަމަކަށްވާތީ މި ނަން ދޭން ވިސްނީ،" ރަށު ބަދިގެ ކިޔުނު ގޮތާ ބެހޭގޮތުން މަޒީނާ ބުންޏެވެ.

View this post on Instagram

A post shared by Rashu Badhige (@rashubadhige)

ބޭނުންވަނީ އެންމެ ފުރިހަމަ މަސައްކަތްތަކެއް

ރަށު ބަދިގޭގެ ރެސިޕީތަކުގެ ތެރޭގައި "ނެތް އެއްޗެއް ނެތޭ" ބުނުމަށް ވުރެ ފަސޭހަ ގޮތެއް ނެތެވެ. އެކި ކަހަލަ ބުއިންތަކާއި ސަޔާއި މީރު ބަތްގަނޑުތަކާއި ނޫޑުލް އާއި ސޭންޑްވިޗްތަކާއި ކުކުޅާއި މަހާއި ތަރުކާރީ ސައިޑް ޑިޝްތަކާއި ކޭކުތަކާއި ބަނާނާ ބްރެޑްގެ ރެސިޕީތައް ވެސް ނަން ހުސްކޮށް އެބަހުއްޓެވެ. ކޮންމެ ރެސިޕީއެއް ވެސް ގެނެސްދީފައިވަނީ ބަލާހިތްވާ އަދި އެންމެ ކުދި ކަންކަމަށް ވެސް ސަމާލުކަންދީގެންކަން ފާހަގަވެ އެވެ. ބޭނުންކުރާ ތައްޓާއި ޖޯޑާއި ސަމްސަލަށް ދަންދެން ވެސް، އެ ރެސިޕީއަކާ އެންމެ ގުޅޭނެހެން ޚިޔާރުކޮށްފައި ހުރެ އެވެ. އަނެއްކޮޅުން، ވީޑީއޯ ކުރުމުގައި ވެސް މީހުން ބަލާހިތްވާނެ އަދި ވީހާވެސް ތަފްސީލްތަކަށް ސަމާލުކަންދީގެން މަސައްކަތްކޮށްފައި ހުރެ އެވެ.

އެވްރެޖްކޮށް ކޮންމެ ވީޑިއޯއަކަށް އަށެއްކަ ގަޑިއިރު ހޭދަކޮށްގެން ހަދާ މި ވީޑިއޯތަކުގެ ރެސިޕީ ފައިނަލްކޮށް، ބޭނުންވާ ސާމާނު ހޯދައި ވީޑިއޯ އެޑިޓްކުރުމުގައި އެހާވަގުތު ނަގަ އެވެ. މަޒީނާ ބުނީ މި މަސައްކަތަށް އޭނާގެ ޝައުގުވެރިކަން ބޮޑުވެ، ގޭގެ ބަދިގެވެސް އަލުން މަރާމާތުކޮށް، ބޭނުންވާ ގިނަ އާލަތްތައް ރާއްޖޭން ބޭރުން ގެނައި ކަމަށެވެ.

މަސައްކަތް ހުންނަ ގޮތުން އޭނާ އާންމުކޮށް ވީޑިއޯތައް ޝޫޓްކުރަނީ ހަފްތާ ބަންދުގަ އެވެ.

"ގިނަ ވީޑިއޯތައް ނަގާފައި ހުންނާނީ އަމިއްލައަށް. އެއީ ހަމަ ސްޓޭންޑެއް ވެސް ހޯދައިގެން. ދެން އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާ ރެސިޕީތަކުގައި އާންމުކޮށް ހުންނާނީ ފިރިމީހާ. ނޫން ނަމަ ދެން ގޭތެރެއިން ކޮންމެވެސް ކުއްޖެއް"

View this post on Instagram

A post shared by Rashu Badhige (@rashubadhige)

ބްލޫބެރީ ސަރުބަތާއި ތެޔޮ މިރުސް ބަތް

ކޮންމެ ހަފްތާއަކު ވެސް ގަވައިދުން ވީޑިއޯތައް ނުވަތަ ޕޯސްޓްތައް އަޕްލޯޑްކުރުމުގެ މަސައްކަތް މަޒީނާއަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ. މިހާތަނަށް އޭނާ ހިއްސާކޮށްފައިވާ ރެސިޕީތަކުގެ ތެރެއިން އެންމެ މަގްބޫލުވީ ބްލޫބެރީ ސަރުބަތެވެ. ޓިކްޓޮކްގައި އެކަނިވެސް 300،000 އަށްވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. ކިރު ސަރުބަތަކީ އާންމުކޮށް ވެސް އަހަރެމެންގެ ތެރޭގައި މަގްބޫލް އެއްޗަކަށް ވާއިރު، ހޫނުގަދަ ރޯދަމަހެއްގައި މި ރެސިޕީ ހިއްސާކުރެވުމަކީވެ ސް އާންމުންގެ ތަރުހީބު އޮހުނު އެއް ސަބަބު ކަމަށް މަޒީނާ ދެކެ އެވެ.

"ވަރަށް ކުޑަ ވަގުތުކޮޅެއްތެރޭ ތައްޔާރުކުރި ރެސިޕީއެއް އެއީ. ހިއެއް ވެސް ނުކުރަން އެހާ ތަރުހީބު ލިބޭނެއޭ ވެސް. ދެން ސިލްވާ ކުއެސްޓް ކުންފުންޏާ ގުޅިގެން ހެދި ވީޑިއޯއެއް އެއީ. ދެން އެކޮޅުން ދިން ހިޔާލަކަށް ބަލައިގެން އަމިއްލަ ގޮތެއް ހަދާލާފައި އެހެރީ."

މިފަހުން އެންމެ ބޮޑު ތަރުހީބެއް ލިބުނު ތެޔޮ މިރުސް ބަތަކީ މަޒީނާ ބުނާ ގޮތުން އޭނާގެ އަމިއްލަ ރެސިޕީއެއް ނޫނެވެ. މިއީ އޭނާގެ ރަހުމަތްތެރިއެއްގެ ރެސިޕީއެކެވެ. އަދި މުޅި އުކުޅަހާއި ރަށު ސްކޫލްގައި ވެސް އެންމެންގެ ފޭވަރިޓެކެވެ.

View this post on Instagram

A post shared by Rashu Badhige (@rashubadhige)

"ވަރަށް ދިވެހިވަންތަ ރެސިޕީއަކަށްވެފައި، ރިހާކުރާއި ހިކިމަހާއި ފިޔާ މިއީ ވަރަށް ދިވެހިންނަށް ކަމުދާނެ ރެސިޕީއެކޭ ހިތާ، މި ރެސިޕީ އަސްލު ހަދާ ކުއްޖާވެސް ގެނެސްގެން އޭނާގެ އެހީ ވެސް ހޯދައިގެން މި ރެސިޕީ ޝޫޓްކުރީ. އާންމުކޮށް ކުޅި ބާވަތްތައް ހަދާއިރު، މިނެ ކިރައިގެންނެއް ނޫން ހަދަނީ ވެސް. އެކަމަކު އޭނާ ރެސިޕީ ފޮނުވީމަ ވެސް، އާންމުންނާ ހިސާބަށް ދޫކޮށްލާއިރު، ހަމަ ޕާފެކްޓް ކުރަން ބޭނުންވީމަ ހަމަ ކައިރީގައި ބަހައްޓައިގެން ބޭނުންވީ ޝޫޓް ކުރަން، " މަޒީނާ ކިޔައިދިނެވެ.

View this post on Instagram

A post shared by Rashu Badhige (@rashubadhige)

ކުރިމަގަށް ތަފާތު ވިސްނުންތަކެއް

މަޒީނާ ބުނި ގޮތުގައި ރެސިޕީތައް ފެނި، މި ތަކެތީގެ ރަހަ ބަލައިލުމަކީ ވެސް ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. ނަމަވެސް އުކުޅަހުގައި ހުރެ ދިގުދެމިގެންދާހެން މިކަހަލަ މަސައްކަތެއް ކުރުމަކީ އަދި އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެއް އަހަރުގެ ތެރޭގައި ޕޭޖަށް ކުރިއެރުންތަކެއް ލިބި އެކި ވިޔަފާރިތަކާ އެކު ކޮލޭބަރޭޓިވް ވީޑިއޯތައް ހަދައިގެން މާލީ ފައިދާތަކެއް ވެސް ލިބެ އެވެ. އެކަމަކު އޭނާގެ އުންމީދަކީ ކޮންސިސްޓަންޓްކޮށް އާމްދަނީއެއް ލިބޭނެ ގޮތެއް މި މަސައްކަތާ އެކު ހޯދުމެވެ. އެހެންވެ އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ރަށު ބަދިގެއިން ފެންނަ ބައެއް ތަކެތި އޯޑިއަންސާ ހިސާބަށް ގެނެސްދޭށެވެ.

ކެއްކުން

Popular