18 Oct 2026

އުރަމަތީ ކެންސަރުގެ އަލާމާތެއް ފެނޭތޯ އަބަދުވެސް ބަލާތި!

އުރަމަތީ ކެންސަރުގެ އަލާމާތެއް ފެނޭތޯ އަބަދުވެސް ބަލާތި!

By: Asima Nizar

މިއީ މުޅި ދުނިޔޭގައި ވެސް އެންމެ އާއްމު ބާވަތުގެ ކެންސަރެވެ. އެކަމަކު ދުރާލައި ދެނެގަނެވިއްޖެ ނަމަ އެންމެ އަވަހަށް ވެސް ސަލާމަތްވެވޭ އެއް ބައްޔަކީ އުރަމަތީގެ ކެންސަރެވެ. އެހެންވެ، މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެ އެވެ. 

އުރަމަތީގެ ކެންސަރުގެ އަލާމާތްތައް

- އުރަމަތީގެ ސައިޒު ނުވަތަ ބައްޓަމަށް އެއްވެސް ބަދަލެއް އައުން

- އުރަމަތީގައި ނުވަތަ އުރަމައްޗާއި ކައިރި ހިސާބެއްގައި ނުވަތަ ކިހިލިފަތްދޮށުގައި ގަނޑުލާފައި ހުރުން

- އުރަމަތީގައި ނޫނީ އުރަމަތީގެ ތަންކޮޅެއްގައި އަޑިކޮޅެއް ނުވަތަ ރަތްވެފައިހުރުން 

- ކުއްލިއަކަށް އުރަމަތީގެ ކޮޅުން ނޫނީ ވައްގަނޑުން ލޭ ނުވަތަ ދިޔައެއް އައުން

- އުރަމައްޗާއި ވައްގަނޑުގެ ހަން ތުނިވުން އުރަމަތި ހޫނުވުން

- އުރަމަތީގައި ފަސޭހަނުވާ ފާރުކޮޅެއް ހުރުން

އެ އަލާމާތްތައް ފެނުނަސް އެއީ އުރަމަތީގެ ކެންސަރަށް ނުވެދާނެ އެވެ. ޑޮކްޓަރަށް ދައްކައިގެން އަވަހަށް ޓެސްޓުތައް ހަދައިގެން ހާލަތު ދެނެގަތުން މުހިއްމު ވަނީ އެހެންވެ އެވެ. 

އާއްމު ބަލިތަކުގެ ޑޮކްޓަރު، ޑރ. އަބްދުލް އަޒީޒް ހަމީދު، އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި އުރަމަތީގައި ރިއްސުމާއި އުނދަގޫވުމަކީ ވަރަށް މަދުން ފެންނަ އަލާމާތެކެވެ. 

ކެންސަރު ސޮސައިޓީން ބުނީ އެއްގޮތަކަށް ވެސް ކަސްރަތުނުކުރާ އަދި ހެލިފެލިވެ ނޫޅޭ މީހުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އާއިލާގައި އެ ބަލި ޖެހިފައި ހުރި މީހަކު ހުރި ނަމަ ރިސްކު ބޮޑުވެ އެވެ. 

ބަލި ޖެހުމަށް މަގުފަހިވާ ބައެއް ސަބަބުތައް

އުރަމަތީގެ ކެންސަރު ޖެހޭ ސީދާ ސަބަބެއް އަދި ނޭނގުނަސް އެކަމަށް މަގުފަހިވާ ބައެއް ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި؛

- އުމުރު: ހަޔާތުގެ ކޮންމެ 10 އަހަރަކުން އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ދެގުނަ އިތުރުވޭ. ދުވަސްވާ ވަރަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާއިރު އެ ރިސްކު 30 އަހަރުން މަތީގެ މީހުންނަށް އިތުރުވޭ. 

- މައްސަރު ކަންތައް ފެށޭ އުމުރު ހަގުވުން: އެގާރަ އަހަރުވުމުގެ ކުރިން މައްސަރުވުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެއް. އާންމު ގޮތެއްގައި ޕީރިއަޑުވަނީ 12-13 އަހަރުގައި ކަމަށްވިއަސް ބައެއް އާއިލާތަކުގައި ނުވަ އަހަރު ވާއިރު ވެސް މައްސަރު ކަންތައް ޖެހޭ. އެހެން ކުދިންނަށް ވުރެ މި ކުދިންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު.

- ފުރަތަމަ ފަހަރަށް ބަލިވެ އިންނަ އުމުރު މަތިވުން: ފުރަތަމަ ފަހަރަށް ބަލިވެ އިނީ 30 އަހަރަށްވުރެ ދަށުގައި ނަމަ އުރަމަތީ ކެންސަރު ޖެހުމުން ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބޭ. އެކަމަކު، އެ އުމުރު ދޮށީ ވާނަމަ އެ ރިސްކު ބޮޑުވޭ. 

- އާދަޔާ ހިލާފަށް ފަލަވުން: މާބޮޑަށް ފަލަވުމަކީ ވެސް އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމެއް. އަދި އިއްދައިން ކެނޑުމަށްފަހު އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ މީހުންގެ ތެރޭގައި ހަށިގަނޑުގައި ސަރުބީ ހުންނަންޖެހޭ މިންވަރަށް ވުރެ މަތީގައި ހުންނަ މީހުން ހިމެނޭ.

- ގާތުން ކިރު ނުދިނުން: ދަރިފުޅަށް ހަ މަސްވަންދެން ގާތުން ކިރުނުދިނުމާއި ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ގާތުން ކިރު ނުދިނުމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް.

އުރަމައްޗަށް އަންނަ ބަދަލު އަމިއްލައަށް ދެނެގަންނާނެ ގޮތް

އުރަމަތި އަދި މޭމަތީގައި އަތް އުނގުޅާލައިގެން ހަރުތަނެއް ނުވަތަ ގޮށެއް ހުރިތޯ ބަލާށެވެ. އެގޮތަށް ބަލާއިރު، އަތްތިލައިގެ އިނގިލިތައް ބޭނުންކޮށް މަތިން ތިރިއަށް ނުވަތަ ތިރިން މައްޗަށް މުޅި އުރަމަތީގައި މަޑުން އަދި މެދުމިނަކަށް އަދި ބާރަށް އަތް އުނގުޅާލާށެވެ. އެގޮތަށް އަތްއުނގުޅާއިރު އިނގިލިތަކުގެ ކޮޅުގެ ބަދަލުގައި މުޅި އިނގިލި ބޭނުން ކުރާށެވެ. 

ކެންސަރު ސަޮސައިޓީން ބުނީ އުރަމަތީގެ ސެލްފު އެގްޒަމިން ކުރަން އެންމެ ރަނގަޅީ މައްސަރު ދުވަސްވަރަށް ފަހުގަ އެވެ. މައްސަރު ކަންތައް ގަވައިދުން ނުޖެހޭ މީހުން އަދި އިއްދައިން ކެނޑިފައިވާ މީހުން، ކޮންމެ މަހަކު ވެސް އެއް ދުވަހު އަދި ދުވަހެއް ހިޔާރުކޮށްގެން ބެލުން މުހިއްމެވެ.

އުރަމަތީ ކެންސަރު ސިއްހަތު

Popular