13 Oct 2026

By: Asima Nizar

އަހާ ސުވާލުން ބައެއް ފަހަރަށް ހިތަށް ތަދުވެ އެވެ. ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރެ އެވެ. 

"ކޮބާ، މީހަކާ އިންނާކަށް ނުވޭތަ އަދިވެސް؟"

"ދަރިއަކު ހޯދާކަށް ނުވޭތަ؟"

"މިހާރު ހާދަ ފަލަވެއްޖެއޭ"

"ނުކަނީތަ؟ ހާދަ ހިއްކޭ"

"ކިޔަވައިގެން ވަޒީފާއަކަށް ނުގޮސް ގޭގައި އިންނަނީތަ"

"މަހެއްގެ މައްޗަށް ކިހާ ވަރެއް ހަރަދުކުރަން؟"

"އަބަދު ބޭރަށް ދަތުރުއަޅަނީ ލާރި ގިނައީތަ؟"

އާއިލާ ނުވަތަ ދަންނަ މީހުން ވަރަށް އާދައިގެ ގޮތަކަށް ނުވަތަ ސަމާސާއަކަށް ހަދާފައި މިކަހަލަ ސުވާލުތައް  ކުރެ އެވެ. ވިސްނުން ތަރައްގީވެ، ޒަމާން ކުރިއަރަމުން އައި ނަމަވެސް މި ސުވާލުތައް ކުރުން އަދިވެސް ހުއްޓާނުލަ އެވެ. މިއީ މީހުންގެ ޒާތީ ކަންކަމާ ބެހުމެވެ. 

ބައެއް މީހުންނަށް ކުރެވޭ ސުވާލަކީ އަނެކާގެ ދިރިއުޅުމުގައި ވާނުވާ އޮޅުން ފިލުވާ ހިތުން ކުރެވޭ ސުވާލަކަށް ވިޔަސް ބައެއް ސުވާލުތަކަކީ "ހިތަށް ތޫނު ތީރެއް" ފޮނުވާލުން ފަދަ ކަމަކަށް ވެދާނެ އެވެ.  

ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމުގެ ސަފުހާތަކުގައި ފޮރުވިފައިވާ ކަރުނަ އާއި ތަހައްމަލު ކުރާ ހިތްދަތިކަމަކީ ގިނަ ފަހަރަށް ބޭރު ފުށުން ފެންނާނެ މަންޒަރެއް ނޫނެވެ. އަދި ގިނަ ބަޔަކަށް އަންގަން ބޭނުންވާ ކަންކަމެއް ވެސް ނޫނެވެ. 

މި ބިޒީ ދުނިޔޭގައި ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސާ އެތައް ހިމޭން ހަނގުރާމައެއް ކުރެ އެވެ.

ކައިވެންޏަށް ހުރިހާ ކަމެއް ފައިނަލްވެފައި ހުއްޓާ އެ ގުޅުން ކުއްލިއަކަށް ކެނޑުނީ ކަމަށް ވެދާނެ އެވެ. ދަރިއަކު ލިބޭތޯ އެތައް ފަރުވާއެއް ހޯދައިގެން ވެސް ކާމިޔާބު ނުވި ދެމަފިރިއެއް ގާތުގައި ދަރިން ހޯދުމާ ގުޅޭގޮތުން ކުރާ ސުވާލަކީ އަޅާ ވޭން އިތުރުކޮށްދޭނެ ވިހައެކެވެ.

މީހެއްގެ ހަށިގަނޑުގެ ބައްޓަމަށް ނުވަތަ ބަރުދަނަށް ބަދަލު އަންނަނީ ސިއްހީ ބޮޑު މައްސަލައެއްގެ ސަބަބުން ނުވަތަ ނަފްސާނީ ބުރައެއްގެ ނަތީޖާއަކުން ކަމަށް ވެދާނެ އެވެ. މޮޅަށް ކިޔަވައިގެން ގޭގައި އިނުމަކީ އެހެން މީހުން އިހްތިރާމްކުރަން ޖެހޭ އަމިއްލަ ނިންމުމެކެވެ. މުސާރައިން ކުލި ދައްކައި އެހެން ހަރަދުތަކަށް ފަހު ލާރި ސޭވްކޮށްގެން ދެމަފިރިންގެ ހިތް ހަމަޖެހުމަށް ގައުމުން ބޭރަށް ދަތުރުކުރުމަކީ މައްސަލައެއް ނޫނެވެ. އެންމެ ރަނގަޅީ، އެ ގުޅުން ބަދަހިކުރަން އެ ދެމަފިރިން ކުރާ ކަންކަމުގެ ތެރެއަށް ނުވަނުމެވެ. 

ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ކިތަންމެ ގަދައަށް ދެއްކިއަސް އަމަލީ މައިދާނުގައި އަނެކާގެ އިހުސާސްތަކަށް ދީފައި އޮތީ ކުޑަ ޖާގަ އެކެވެ. ދުލަށް އައިހާ އެއްޗެއް ބުނެލުމާއި މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަދެގަތުމަކީ އާދައިގެ ކަމަކަށް ހަދައިގެން ނުވާނެ އެވެ. 

އެހެންވެ، ނޫން ކަމަށް ހަދާފައި ތި ކޮށްލާ ސުވާލުތައް ވެސް ބަދަލުކޮށްލާށެވެ. މީހާގެ ހާލު އަހާލުމުން އިތުރަށް ކިޔައިދޭން ބޭނުންވާ ނަމަ އެކޮޅުން ވާހަކަތައް ދައްކާނެ އެވެ. އެހެން ނޫނީ އިތުރު ހިތްދަތިކަމެއް ނުދީ ސުވާލުތައް ނުކޮށް މަޑުކޮށްލާށެވެ.

ކިހިނެއްހޭ އަހާލުމުން، ވާހަކަ ދައްކަން ބޭނުން ނަމަ ކިޔައިދޭނެ އެވެ. އަމިއްލަ އަށް ބައެއް ކަންކަން ކޮންނަން އުޅުން ރަނގަޅެއް ނޫނެވެ. 

މީހުންނަށް ޕާސަނަލް ސްޕޭސް ދޭން ދަސްކުރާށެވެ. ހެޔޮ ބަހެއް ބުނަން ނޭނގޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ކުރެވޭ ސުވާލަކުން އަނެކާގެ ދިރިއުޅުމުގައި ޒަހަމްތައް ގިނަ ނުކުރުމެވެ.  

 

 

މަސައްކަތު ދިރިއުޅުން

Popular