ކޭކު އަޅަން ކޮންމެ ދުވަހަކު ވެސް އެތައް އޯޑަރެއް ލިބެ އެވެ. އެކަމަކު، މިދިޔަ ހަފުތާގައި ލިބުނު އޯޑަރު މަރިޔަމް ޝަފާއަށް އެތައް ގޮތަކުން ހާއްސަ އެވެ.
ކޭކު އަޅަން ކޮންމެ ދުވަހަކު ވެސް އެތައް އޯޑަރެއް ލިބެ އެވެ. އެކަމަކު، މިދިޔަ ހަފުތާގައި ލިބުނު އޯޑަރު މަރިޔަމް ޝަފާއަށް އެތައް ގޮތަކުން ހާއްސަ އެވެ.
ޝަފާގެ ބައްޕައަކީ ގަރުދިޔަ އަދި ވަކިން ހާއްސަކޮށް އޭގެ ބޯ ކާހިތުން އުޅޭ މީހެކެވެ. އެހެންވެ، ބައްޕައަށް އޭގެ ކޭކެއް އަޅަން ޝަފާ ވަރަށް ބޭނުންވި އެވެ. އެކަމަކު، އެކަން ހަގީގަތަކަށް ނުވެ އުޅެނިކޮށް ކެންސަރު ބަލީގައި 2020 ވަނަ އަހަރު ބައްޕަ ނިޔާވީ އެވެ.
އެހެން ހުއްޓައި ޝަފާއަށް މިދިޔަ ހަފުތާގައި ލިބުނީ، ހާއްސަ ދުވަސްތަކަށް އޭނާއަށް ގަވައިދުން އޯޑަރުކުރާ މީހެއްގެ ބައްޕަގެ އުފަން ދުވަހަށް "ގަރުދިޔަ ބޯ" ގެ ކޭކެއް އަޅާށެވެ.
"ދެ ދުވަސް ކުރިން އޯޑަރު ލިބުނީ، ކުޑަ ދުވަސްކޮޅަކަށް ވިޔަސް ގަރުދިޔަ ކޭކެއް ވީމާ ބޭނުންވީ ކޭކު އަޅަން،" ކޭކު އެޅުމުގައި 11 ވަރަކަށް އަހަރު މަސައްކަތްކޮށްފައިވާ ޝަފާ ބުންޏެވެ.
"މި ކޭކު އަޅުގަނޑަށް ވެސް ވަރަށް ހާއްސަވި."
ޝަފާ ބުނީ އެއަށް ބޭނުންވާ ކޭކު އެއް ދުވަސް ކުރިން ފިހުމަށް ފަހު އަނެއް ދުވަސް އެއްކޮށް ދިޔައީ އޭގެ އަސްލު މަސައްކަތުގައި ކަމަށެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު މަސައްކަތް ފެށި ގޮތަށް ފަސް ވަރަކަށް ގަޑިއިރުން ވަނީ ފޮންޑެންޓު ބޭނުންކޮށްގެން ކޭކު ނިންމައިފަ އެވެ.
ބަލާ ބެލުމަށް ހީވަނީ އަސްލު މަހު ބޮލެއް ހެންނެވެ. ދިވެހިން އާއްމުކޮށް ގަރުދިޔައާ އެކު ކާ ދޮންބިހާއި ބަތާއި މިރުހާއި ފިޔާ އަދި ލުނބޯ ވެސް އެ ތަށިން ފެނެ އެވެ. އަދި އެ އެއްޗެހި އަޅާފައި ހުރި ތަށި ހެދީ ވެސް ކޭކުންނެވެ.
މަސައްކަތް ފުރިހަމަކުރަން އެ ގޭގައި އެ ދުވަހު މެންދުރަށް ކެއްކީ ވެސް މަހު ބޯ ލައިގެން ގަރުދިޔަ އެވެ.
ޝަފާ، އޭނާގެ ބައްޕަ، ޝަފާ އެންމެ ފަހުން ބައްޕައަށް އެޅި ކޭކު ކައިރީ ފޮޓޯއަކަށް ހުއްޓިލައިގެން.
އެ ކޭކުގެ ފޮޓޯ، ޝަފާގެ ޕޭޖު "ކޭކްސް ބައި ޝަފާ"ގައި ހިއްސާކުރުމާ އެކު ބޮޑު ތަރުހީބެއް ލިބުނެވެ. އެކަމަކު، ޝަފާ ބުނީ އެއަށް ވުރެ އެ މަސައްކަތް ފުރިހަމަކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ނަމަވެސް، އާއްމުންގެ ބޮޑު ތަރުހީބާ އެކު އޭނާގެ ހިތްވަނީ ފުރިފަ އެވެ.
"ކްލައިންޓު ވެސް ގުޅާފައި ބުނީ ވަރަށް ހިތްހަމަޖެހެއޭ ކޭކު ހުރިގޮތާ މެދު. އެންމެންނަށް ވެސް ވަރަށް އުފާވެފައޭ ހުރީ. އެހެންވެ ވަރަށް އުފާވި." ޝަފާ ބުންޏެވެ.
އަސްލާ އެއްގޮތަށް އަޅާ ކޭކަށް ކިޔަނީ ނޮވެލްޓީ ކޭކެވެ. އެ ވައްތަރުގެ ކޭކު އަޅަން ޝަފާ ވަކި ތަމްރީނެއް ނުހަދަ އެވެ. އާޓަށް ހުންނަ ލޯތްބާއެކު އެ މަސައްކަތް ވެސް ދަސްކުރީ އެވެ. އޭނާގެ ފަހަތުން ދަރިފުޅު މިޝްކާ ވެސް އަންނަނީ ކޭކުގެ ދުނިޔޭގައި ފިޔަޖަހަމުންނެވެ.