20 Apr 2021

ކުޅިބޯކިބާ އަޅާނީ ހަނޑުލު ފުށުގައި، މޮޅީ ދަރު އުނދުން

ބޯކިބާގެ ހަގީގީ ރަހަ ނުކުންނާނީ ހަމައެކަނި ވަޅޯމަސް ބޭނުންކުރުމުން. އެއީ ދުމުގައި ހުންނަ ތެލެއް މަހުގައި ޖެހިގެން ނުކުންނަ ރަހައެއް. ހަގީގީ ބޯކިބާ ރަހަލާ ބޯކިބަލެއް 'ފެލިވަރު' މަސްދަޅުން ނޭޅޭނެ

ބޯކިބާގެ ހަގީގީ ރަހަ ނުކުންނާނީ ހަމައެކަނި ވަޅޯމަސް ބޭނުންކުރުމުން. އެއީ ދުމުގައި ހުންނަ ތެލެއް މަހުގައި ޖެހިގެން ނުކުންނަ ރަހައެއް. ހަގީގީ ބޯކިބާ ރަހަލާ ބޯކިބަލެއް 'ފެލިވަރު' މަސްދަޅުން ނޭޅޭނެ

By: Ifraz Ali

ދަރު އުނދުނުން ކުޅި ބޯކިބާ އަޅާ އުޅުނު އުފާވެރި ދުވަސްތަކުގެ ހަނދާން އާކުރަމުން އަންހެނަކު ބުނީ މިހާރު ބޯކިބާ އަޅާ ގޮތް ވަރަށް ބޮޑަށް ބަދަލު ވެއްޖެ ކަމަށެވެ. އަދި ކުޅި ބޯކިބާ ހަދަން ބޭނުންކުރާ އެއްޗެހި ވެސް ތަފާތު ވެއްޖެ އެވެ. ކުރިން ނަމަ ކުޅި ބޯކިބާ އަޅަނީ ހަމައެކަނި ހަނޑުލު ފުށުގަ އެވެ. އެކަމަކު މިހާރު ފަސޭހައަކަށް ގޮދަންފުށުގައި ވެސް ބޯކިބާ އަޅަ އެވެ.

"ދިވެހިން މިހާރު ކޮންމެ އެއްޗަކުން ވެސް ބޯކިބާއެއް ފިހެފާނެ،" އެހެން މީހަކު ބުންޏެވެ.

މިއީ ދޮގެއް ނޫނެވެ. މިހާރު ދިވެހިން ބޯކިބާ ފިހަން ބޭނުން ނުކުރާ އެއްޗެއް ވަރަށް މަދު ވާނެ އެވެ. އެކި ވައްތަރުގެ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން ވެސް ފޮނި ބޯކިބަލާއި ކުޅި ބޯކިބާ އަޅާ ނުވަތަ ކޭކު ވެސް ފިހެ އެވެ. އެކަމަކު އަދިވެސް ގިނަ މީހުނަށް އެންމެ ކަމުދާ، މީރު ކުޅި ބޯކިބަލަކަށް އޮތީ ހަނޑުލުފުށުގައި އަޅައި އުޅޭ ކުޅި ބޯކިބަލެވެ. ހަނޑުލުފުށުގައި ނޫނީ ކަމަކުނުދެ އެވެ.

View this post on Instagram

A post shared by Nattulicious (@nattulicious)

ތާރީހުން ކުޅި ބޯކިބާ

އެންމެ ފުރަތަމަ ބޯކިބާގެ ތާރީހަށް ބަލައިލަމާ ހިނގާށެވެ. ބޯކިބަލާ އެންމެ އެއްގޮތް އެއްޗަކަށް ލިޔުމަކުން ފެންނަ އޮތީ "މަސް ފަތަފޮޅި" އެވެ. އެއީ ރާއްޖޭގައި ކާތަކެތި ތައްޔާރުކުރާ ގޮތް ލިޔެފައި އޮތް އެންމެ ދުވަސްވީ އެއް ފޮތް ކަމަށްވާ "ކަރުނައާއި ނުލާ ކެއްކުން" އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް އޭނާ އެކުލަވައިލެއްވި ފޮތެކެވެ.

މި ފޮތުގައި ބޯކިބަލުގެ ގޮތުގައި ލިޔެފައި ވަނީ މިހާރު މި ކިޔައި އުޅޭ، ފޮނި ބޯކިބަލެވެ.

"ކަރުނައާއި ނުލާ ކެއްކުން" ގައި ހުރި މައުލޫމާތު ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވަނީ ކުރު ދިރާސާއެއް ވެސް ކުރައްވައިފަ އެވެ. އެއީ "ކުޅި ބޯކިބާގެ އަސްލު ރެސިޕީ" ހޯއްދެވުމަށް އޭނާ ކުރެއްވި ދިރާސާއެކެވެ.

View this post on Instagram

A post shared by Nahu’s (@ainth_nahu)

ޑރ. ހަސަން ހަމީދު ފާހަގަކުރެއްވި ގޮތުގައި ބޯކިބާގެ މާނަ ވެސް ވަނީ ވޭތުވެދިޔަ 50 އަހަރު ތެރޭގައި ބަދަލުވެފަ އެވެ. އަމީންގެ ފޮތުގައި ހަމައެކަނި ފޮނި ބޯކިބާގެ ވާހަކަ ލިޔެފައި އޮތުމުން ކުރީގައި ބޯކިބާ މާނަކުރީ ހަމައެކަނި ފޮނި ރަހަ ލާ ބޯކިބަލަށް ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ. އެކަމަކު މިހާރު ބޯކިބާގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ ކުޅި ބޯކިބަލާއި ފޮނި ބޯކިބަލެވެ.

ކުޅި ބޯކިބަލާ އެންމެ ގާތް އެއްޗެއްގެ ގޮތުގައި އާމީންގެ ފޮތުން، ޑރ. ހަސަން ހަމީދު ވެސް ފާހަގަކުރެއްވީ "މަސް ފަތަފޮޅި" އެވެ.

"މަސް ފަތަފޮޅި" ތައްޔާރުކުރަނީ ހަނޑުލު ފުށާއި ވަޅޯ މަހާއި ހުންޏާއި ފިޔާ އާއި ރޯމިރުހާއި އިނގުރުކޮޅެއް ލައިގެން މަސްގަނޑު މޮޑެގެންނެވެ. އަދި ހަމަ ބޯކިބާ އަޅާގޮތަށް ތަވަޔަކަށް އަޅައިގެން ފިއްސަނީ އެވެ. އެކަމަކު މިހާރު އަޅާ ކުޅި ބޯކިބަލަށް މިއަށް ވުރެ ގިނަ ބާވައްތަކުގެ އެއްޗެހި އަޅައި އުޅެ އެވެ.

މަސް ފަތަފޮޅި އާއި މިހާރުގެ ކުޅި ބޯކިބާ އަޅާކިޔުން

މަސް ފަތަފޮޅި އާއި މިހާރުގެ ކުޅި ބޯކިބަލުގައި ހުރި ތަފާތު ބެލުމަށްޓަކައި ޑރ. ހަސަން ހަމީދު މީހަކު ލައްވައި މި ދެ ރެސިޕީއަށް ބޯކިބާ އެޅި އެވެ. އެއީ އަމީންގެ ފޮތުގައި ވާ މަސް ފަތަފޮޅީގެ ރެސިޕީ އާއި އައިޝަތު ހުދާ ކިޔާ މީހަކު ލައްވާ އެޅުވި އޭނާގެ އަމިއްލަ ކުޅި ބޯކިބާ ރެސިޕީއެކެވެ.

View this post on Instagram

A post shared by Amila Adam (@amila_adam)

ހުދާގެ ރެސިޕީއަށް އިތުރުވި އެއްޗެއްސަކީ ހިކި މިރުހާއި ހިކަނދި ފަތާއި ލުނބޯޔާއި ރީނދުލާއި ލޮނެވެ. އަމީން ލިޔުއްވި މަސް ފަތަފޮޅި ހަދަން ބޭނުންކުރި ހުރިހާ އެއްޗެއް މި ރެސިޕީގައި ވެސް ހިމަނާފައިވެ އެވެ. ދެ ބޯކިބާ ފިހުމަށް ފަހު، މީހުން ލައްވާ މީގެ ރަހައިގައި ހުރި ތަފާތު ބެލި އެވެ. އަދި މާލޭގެ މަޝްހޫރު ދެ ފިހާރައަކުން ގަތް ކުޅި ބޯކިބަލުގެ ރަހަ ވެސް ބަލަން ދިނެވެ. މިތަނުން މީރީ ކޯއްޗެއްތޯ ޔަގީންކުރުމަށެވެ. ގިނަ މީހުނަށް އެންމެ ކަމުދިޔައީ މަސް ފަތަފޮޅި އެވެ.

"ބޯކިބާގެ ހަގީގީ ރަހަ ނިކުންނާނީ ހަމައެކަނި ވަޅޯ މަސް ބޭނުންކުރުމުންނެވެ. އެއީ ދުމުގައި ހުންނަ ތެލެއް މަހުގައި ޖެހިގެން ނުކުންނަ ރަހައެކެވެ. އެހެންކަމުން ހަގީގީ ބޯކިބާ ރަހަލާ ބޯކިބަލެއް 'ފެލިވަރު' މަސްދަޅުގައި ހުންނަ މަހަކުން ނޭޅޭނެ އެވެ،" ޑރ. ހަސަން ހަމީދު ލިޔުއްވާފައިވެ އެވެ.

ކަރަންޓު ނުވަތަ ގޭސް އުނދުނުން ބޯކިބާ ފިހުމާއި ދަރު އުނދުނަކުން ފިހުން ވެސް ވަރަށް ތަފާތެވެ. އޭގައި ލާ ރަހަ ވެސް ތަފާތު ވާނެ އެވެ. އެއީ ޑރ. ހަސަން ހަމީދު ލިޔުއްވި ގޮތުން ނަމަ، ދުމުގައި ހުންނަ ތެލެއް މަހުގައި ޖެހިގެން ނިކުންނަ މީރު ރަހައެއް ލާނީ ދަރު އުނދުނުން ފިހެގެން ކަމަށް ވާ ނަމަ އެވެ.

ކުޅި ބޯކިބާ އެޅޭނީ ހަނޑުލު ފުށުން

ޑރ. ހަސަން ހަމީދުގެ ކުރު ދިރާސާގައި ބޯކިބާ އެޅުމަށް މުޅިން ވެސް ބޭނުންކޮށްފައި ވަނީ ހަނޑުލު ފުށެވެ. އެހެން ފުށެއްގެ ވާހަކަ އެއްވެސް ވަރަކަށް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އަމީންގެ ރެސިޕީގައި ވެސް ބޭނުންކޮށްފައި ވަނީ ހަނޑުލު ފުށެވެ. އެހެންވެ، އަސްލު ކުޅި ބޯކިބަލެއް އެޅޭނީ ހަމައެކަނި ހަނޑުލު ފުށުންނޭ ބުނެވިދާނެ އެވެ. ގޮދަން ފުށުން ކުޅި ބޯކިބާ އަޅައިފި ނަމަ އޭގެ އަސްލު ގެއްލުނީ އެވެ.

***

ކަވަ ފޮޓޯ ކްރެޑިޓްސް: ނައްޓުލީޝިއަސް / އިންސްޓަގްރާމް

ހަނޑޫ ފުށް ހެދިކާ

Popular