By: Asima Nizar
ބޮޑު މީހަކަށް ކެންސަރު ނުވަތަ ބޮޑު ބައްޔެއް ޖެހިއްޖެ ނަމަ އެއީ ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާ ގޮތުން ދިމާވާ ކަމެކޭ ބުނެފާނެ އެވެ. ނަމަވެސް، އެންމެ ތުއްތު ކުދިންނާ ހިސާބުން 19 އަހަރުގެ ޒުވާނުންނަށް އާއްމުކޮށް ޖެހޭ 'ޗައިލްޑުހުޑް ކެންސަރު" އަކީ މުޅިން ތަފާތު ކަމެކެވެ.
ބޮޑެތި މީހުންނަށް ޖެހޭ ގިނަ ކެންސަރުތަކާ ހިލާފަށް، ކުޑަކުދިންނަށް ކެންސަރު ޖެހޭ ސަބަބެއް ގިނަ ފަހަރަށް ނޭނގެ އެވެ.
އެހެންވެ، އެ ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ނުވަތަ ފެންނަ އަލާމާތްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކުޑަކުދިންގެ ކެންސަރުގެ އަލާމާތްތައް
- މެދުނުކެނޑި ނުވަތަ ސަބަބު ނޭނގި ހުން އައުން
- އާދަޔާ ހިލާފަށް ވަރުބަލިވުން ނުވަތަ ފާހަގަކުރެވޭ ވަރަށް ހަންގަނޑުގެ ކުލަ ފަނޑުވުން
- އާދަޔާ ހިލާފަށް ނޫފައިގަތުން ނުވަތަ ލޭއައުން
- މެދުނުކެނޑި ކަށީގައި ނުވަތަ ހުޅުތަކުގައި ރިއްސުން
- ގޮށްލުން ނުވަތަ ދުޅަވުން
- ސަބަބެއް ނޭނގި ބަރުދަން ލުއިވުން
- މެދުނުކެނޑި ބޮލުގައި ރިއްސުން ނުވަތަ ހޮޑުލެވުން
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ކޮންމެ އަހަރަކު ވެސް އެވްރެޖުކޮށް 400،000 ކުދިންނަށް ކެންސަރު ޖެެހެ އެވެ. އޭގެ ތެރެއިން، ކުރިއަރާފައިވާ ގައުމުތަކުގައި ކެންސަރު ޖެހޭ ކުދިންގެ 80 ޕަސެންޓު ކުދިން ބަލިން ފަސޭހަވާއިރު، މެދު މިންވަރަކަށް އާމްދަނީ ލިބޭ ގައުމުތަކުގައި ކެންސަރުން ސަލާމަތްވަނީ 30 ޕަސެންޓަށް ވުރެ މަދު ކުދިން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ކުދިންނަށް އެންމެ ގިނައިން ޖެހެނީ ލެ އާއި ސިކުނޑީގެ ޓިއުމަރު އަދި ކައްޓަށް ޖެހޭ ފަދަ ކެންސަރުތަކެވެ. އަދި އެޗްއައިވީ، އެޕްސްޓެއިން-ބާ ވައިރަސް އަދި މެލޭރިއާއަކީ ކުދިންނަށް ކެންސަރު ޖެހުމަށް އޮތް ރިސްކުތަކެވެ.
ކުޑަކުދިންނަށް ޖެހޭ ކެންސަރު ރަނގަޅުކުރެވުމުގެ ބޮޑު ފުރުސަތެއް އޮވެ އެވެ. ނަމަވެސް ބަލި އަވަހަށް ދެނެގަތުމަކީ މި ފުރުސަތު އެންމެ ބޮޑަށް ބިނާވާ ކަންތަކެވެ. އެހެންވެ، ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ޝައްކުވާ ނަމަ އަވަހަށް ބަލަންވާނެ އެވެ.
ކެންސަރުގެ ބަލި ކުދިންނާ ޒިޔާރަތްކުރާއިރު ސަމާލުކަން ދޭންވީ ކަންތައް
- ގައިގައި އެއްވެސް އިންފެކްޝަނެއް ހުރި ނަމަ ކެންސަރަށް ފަރުވާ ހޯދާ ކުދިންނަށް ޒިޔާރަތް ނުކުރުން
- ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ކުދިން ހޮސްޕިޓަލަށް ނުގެންދިއުން
- ކުދިންނަށް އެހީތެރިކަމެއް ދިނުމުގެ ކުރިން ރަނގަޅަށް އަތް ދޮންނަން ދަސްކޮށްދިނުން