އެއްގޮތަކަށްވެސް ޓައިޕް ނުކޮށް ހަމަ އެކަނި އިމޯޖީން ބޮޑެތި ވާހަކަ ނިންމާލާ މީހުން ވެސް ފެނެ އެވެ. އެކަމަކު ހުރިހާ އިމޯޖީއެއްގެ އަސްލު މާނަ އާއި އެކި ކަހަލަ ހާލަތްތަކުގައި މި އިމޯޖީތަކުގެ މާނަ އެހެން ގޮތް ގޮތަށް ބޭނުން ކުރެވެ އެވެ. އެހެންވަނީ އެކި މީހުން އެކި މާނައިގައި އިމޯޖީސް ބޭނުންކުރާތީ އެވެ. އެގޮތުން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް އިމޯޖީސްތަކުގެ މާނަތައް މި ކިޔައިދެނީ އެވެ.
ދެލޯ ނުވަތަ "ޝިފްޓީ އައިޒް"
"ސްނީކީ" ނުވަަތަ އޮޅުވާލުމެވެ. އަދި ބައެއް ހާލަތްތަކުގައި ފްލާޓް ކޮށްލަން ވެސް މީގެ ބޭނުންކުރެ އެވެ. ބައެއްފަހަރު އަނެއް މީހާ މާ ގަޔާނުވެ އަޑު އަހަން އިންނަހެން ހީވަނީ ވަރަށް ސީރައަަސް ވާހަކައެއް ދައްކަމުން ދާއިރު މި އިމޯޖީ ބޭނުން ކުރެވޭތީ އެވެ.
ރަތް ހިތުގެ ތިރީގައި ތިއްކެއް
ވަރަށް ހާއްސަ ނިކަން ބޮޑު ލޯތްބެެކެވެ. އެކަމަކު ގިނަ މީހުން މި އިމޯޖީ ބޭނުންކޮށްލަނީ އާދައިގެ ރަތް ކުލައިގެ ހިތް އިމޯޖީއަށް ވުރެ މި އިމޯޖީ ރީތިވީމަ އެވެ.
އެއްކަނުން ހީލާފައި
މިއީ ފްލާޓް ކޮށްލުމުގެ ގޮތުގައި މަޖާ ނުވަތަ ސަމާސާ ބަސްތައް ބުނެލާފައި ބޭނުން ކޮށްލާ އިމޯޖީއެވެ.
"އައި ރޯލް"
ސަމާސާ ކޮށްލުން ނުވަތަ ފޫހިވުން ދޭހަކޮށްދޭ އިމޯޖީއެކެވެ. ދެން ހުންނަ މީހާ ހަމަނުޖެހޭ ވާހަކައެއް ބުނުމުން ވެސް މި އިމޯޖީ ބޭނުންކުރެ އެވެ. ކުރުކޮށް ބުނާނަމަ "ކްރިންޖް" ވުން އަންގައިދޭ އިމޯޖީއެކެވެ.
މަތިމަހާއި އައިނު
ކޭސްއެއް ނުވަތަ މައްސަލައެއް ހައްލުކޮށްލަން މީހާގެ އަސްލު އޮޅުވާލައިގެން ދާ ޑީޓެކްޓިވްއެއްގެ ގޮތުގައި ދައްކުވައިދޭ އިމޯޖީއެކެވެ.
"ފިއާފުލް ފޭސް"
މީހަކު ނުވަތަ ކަމެއް ދެކެ ބިރުން އުޅޭ ކަމަށް ދެއްކުމަށާއި ދެރަވެ ހައިރާން ވެފައި ހުރިކަން ދައްކުވައިދޭ އިމޯޖީއެކެވެ.
"ޑޮޓަޑް ފޭސް"
މިއީ ވަރަށް ގިނަ މީހުންނަށް މާނަ ނޭނގޭ އިމޯޖީއަކަށް ވެދާނެ އެވެ. މީގައި މި ދައްކަނީ މަޑުމަޑުން ބެކްގްރައުންޑުގެ ތެރެއަށް ގެއްލެމުންދާކަމެވެ. ނުވަތަ އެ ހުރި ތާކަށް ނުވަތަ ބަޔަކާ އެކީ އެމީހަކު ފިޓުނުވާކަން އަންގައިދޭން މި އިމޯޖީ ބޭނުންކުރެ އެވެ.
ނިދި އައިސް
މިއީ ރޯގާ ޖެހިފައި ނުވަތަ ރޮވިފައި ހުރިކަން އަންގައިދޭ އިމޯޖީއެއް ނޫނެވެ. މީގެ މާނައަކީ ވަރުބަލިވެގެން ނިދި އައިސްފައި ހުރުމެވެ.
އެކޮޅުކޮޅުން އޮންނަ ސްމައިލީ ފޭސް
"ސާކައިޒަމް" ނުވަތަ މާބޮޑަށް މަޖާނުވެ ސަމާސާކޮށްލަނީ އެވެ.
އިމޯޖީ އަކީ މިހާރު ބަހުރުވައެއްކަން ހަނދާންކޮށްގެން، ލިޔުންތަކުގައި ރަނގަޅު އިމޯޖީ ބޭނުންކުރާށެވެ. އެހެން ނޫނީ ނުބައި މެސެޖެއް މީހަކަށް ނުވަތަ ބަޔަކަށް ދެވިދާނެ އެވެ.