By: Aishath Mihna Nasih
ކޮންމެ ކަމެއްވެސް އަލަށް ކުރަން ފަށާއިރު، ލައްކަ ގިނަ އުނދަގުލާ ދިމާވެ އެވެ. ހާސްވެ ފަަސްޖެހެވެ އެވެ. އަލަށް ޖިމަށް ދިއުމަކީވެސް ހަަމަ މި ފާޑުގެ ކަމެކެވެ. ކުރަންޖެހޭ ކަސްރަތަށްވުރެ ހާސްބޮޑުވަނީ ދިއުމާ ދޭތެެރޭ އެވެ. ތިބޭނެ ބަޔަކާއި، ލާނެ އެއްޗަކާއި، އަންފިޓް ކަމުން ކުރިމަތިވެދާނެ "ޖަޖްމެންޓް" ތަކަށެވެ.
ޖިމަށް ދާ ނަމަ ބޭނުންވާނީ ކޯއްޗެއް؟
ޖިމަށް ދިއުމުގައި އެންމެ މުހިންމީ ގަޔަށް ފަސޭހަ އަދި މާ ބޮޑަށް ހޫނު ނުހިފަހައްޓާ ހެދުމެއް ލުމެވެ. ގައިގައި މަސްކޮޅެއް ނެތް އިންސްޓްރަކްޓަރުންނާއި، އެހެން މީހުންގެ ހެދުންތައް ފެނި، އަމިއްލަ ހަށިގަނޑާ މެދު ވަރަށް ސުވާލުކުރެވި ދެވަނަ ފަހަރަށް ޖިމަށްދާން ބޭނުން ނުވުމަށްވުރެ ވިސްނަންވީ ރަނގަޅަށް ހަމަޖެހިލައިގެން އެމީހަކަށް ކަސްރަތުކުރެވޭނެ ގޮތަކަށް ހެދުން އެޅުމެވެ. ދިގުމިނެއް ކުރުމިނެއް ބާރު މިނެއް ނޫނެވެ. މިގޮތުން ބޭނުންކުރެވިދާނެ ބައެއް މެޓީރިއަލްތަކުގެ ތެރޭގައި ކޮޓަން، ބެންބޫ ފައިބާ، ޕޮލީ ޑްރައި ނުވަތަ ސްވެޓް އެބްސޯބިން ފެބްރިކްސް ބޭނުންކުރެވިދާނެ އެވެ.
ހާސްކަން ފިލުވާނީ ކިހިނެއް؟
ޖިމަށް ދާން ކޮންމެވެސް ވަރަކަށް ހާސްވުމަކީ އާންމުކަމެކެވެ. އެކަމަކު މާ ބޮޑަށް ހާސްވާ ނަމަ ނުވަތަ އެކަމާހުރެ ދާން އުނދަގޫވާ ނަމަ ރަހުމަތްތެރިއަކާ އެކު ދެވިދާނެ އެވެ. ނުވަތަ ވީހާ ވެސް މީހުން މަދުން ގޮސްއުޅޭ އޮފްޕީކް ގަޑިތައް އިޚްތިޔާރުކުރެވިދާނެ އެވެ. ނޫން ނަމަ ގްރޫޕް ފިޓްނަސް ކްލާސްތައް ވެސް ރަނގަޅުވާނެ އެވެ.
ޖިމަށްދާ ވަގުތާ މާ ކައިރިކޮށްފައި ކެއުމަކީ ބަރުހަލިވެ ރަނގަޅަށް ކަސްރަތުކުރުމަށް ހުރަސްއަޅާ ކަމެކެވެ. އެހެންވެ، ޖިމަށް ދިއުމުގެ ކުރިން ދޮންކެޔޮ، އާފަލު، ޕީނަޓް ބަޓަރު ނުވަތަ މޭވާ ސްމޫތީ އާއި ޕްރޮޓީންގެ ބާވަތްތަކުން މުއްސަނދި ސޭންޑްވިޗެއް، އެންމެ ކުޑަމިނުން ޖިމް ފެށުމުގެ ގަޑިއެއްގެ އިރު ކުރިން ކާލަން ރަނގަޅުވާނެ އެވެ. އަދި މީގެ އިތުރުން ގަވާއިދުން ރަނގަޅަށް ފެން ބުއިމަށް ވެސް ސަމާލުކަން ދޭންވާނެ އެވެ.