9 May 2024

By: Aishath Jazlee

ދުވާލަކު ކިތައް ފަހަރު ސަންސްކްރީން ބޭނުން ކުރަން ހެއްޔެވެ؟ ސަންސްކްރީން ބޭނުން ކުރަނީ ހެނދުނު ގެއިން ނުކުންނަ އިރު ދޯ އެވެ. ގެއިން ނުކުންނަ އިރު ސަންސްކްރީން ބޭނުން ކުރާ ގޮތަށް މުޅި ދުވަހު, އެ އެޕްލައި ކުރި ސަންސްކްރީނުން އަވިން ރައްކާތެރިކަން ލިބޭނެ ކަމަށް ހީކުރަނީ ދޯ އެވެ؟ ތި ހީކުރާ ހީކުރުން އަދި ރަނގަޅެއް ނޫނެވެ.

ކޮންމެ ސަންސްކްރީނެއްގެ ޕެކެޖިންގައި ވެސް މި ވާހަކަ އޮންނާނެ އެވެ. ސަންސްކްރީން އަކީ އެންމެ ދެ ގަޑި އިރުގެ ރައްކާތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. މިއީ ކޮންމެ ދެ ގަޑިއިރަކުން ރީ އެޕްލައިކުރަން ޖެހޭ އެއްޗެކެވެ. ހާއްސަކޮށް ރާއްޖޭގައި މި ދޭ އަވީގައި މެންދުރު ބޭރަށް ނުކުންނަ ނަމަ, ހެނދުނު ތި އުނގުޅާ ސަންސްކްރީނުން ބޭނުންވާ ޕްރޮޓެކްޝަނެއް ނުލިބޭނެ އެވެ.

ރާއްޖޭގެ މި ހޫނުގައި އަބަދު ދާހިއްލާ ފޯވާ އިރު, ކޮންމެ ދެ ގަޑިއިރަކުން ނޫނީ ވީހާ ވެސް ގިނައިން ސަންސްކްރީން ބޭނުން ކުރަން ޖެހެ އެވެ. މި ބުނަނީ ކަމެއް ނުކޮށް މުޅި ދުވަހު ކޮޓަރީގައި އޮތަސް އުނގުޅަން ޖެހޭނެ ވާހަކައެއް ނޫނެވެ. ހެނދުނު އަވިދޭން ފަށާފަހުން ހަވީރުވެ, އަވި ނިއްވާލަން ދެން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ސަންސްކްރީން ބޭނުން ކުރަންވާނެ އެވެ.

ކުރިއާ ހިލާފަށް މިހާރު ހޫނުމިން ވެސް މި ވަނީ އިތުރުވެފަ އެވެ. އަވީގެ ދިލަ ހޫނާއި އިހުސާސް ނުކުރެވޭ ވަގުތުކޮޅެއް ދުވާލު ގަޑީގައި މަދެވެ. އަވިން އަހަރުމެން އެންމެން އަނދާފައި ހުރި އިރު, ހަމަށް އިތުރު ގެއްލުމެއް ނުލިބި, ސަންބާން ނުވެ, ހަނގަނޑު ރަތްވެ, ކުރަކި ނުވެ ސަލާމަތްކުރެވޭނީ އޭރުންނެވެ. އަދި މި އަވިން އޮތް ސްކިން ކެންސަރުގެ ބިރަށް ވެސް އެންމެ ބޮޑު ރައްކާތެރިކަމެއް ހޯދޭނީ ސަންސްކްރީންއާ އެކު ކަމަށް ޑާމަޓޮލަޖިސްޓުން ވެސް ބުނެ އެވެ.

ސަންސްކްރީން އަބަދު ބޭނުން ކުރަން ޖެހުމަކީ އުނދަގުލަކަށް ވެދާނެ އެވެ. މި ރީއެޕްލިކޭޝަން ޕްރޮސެސް ފަސޭހަކޮށްދިނުމުގެ ގޮތުން އެކި ބްރޭންޑުތަކުން ސަންސްކްރީންގެ ސްޕްރޭ އާއި ސްޓިކްސް ވަނީ ތައާރަފްކޮށްފަ އެވެ. މި ޕްރޮޑަކްޓުތަކަކީ މޭކަޕްގެ މަތިން ވެސް ބޭނުން ކުރެވޭނެ ޕްރޮޑަކްޓުތަކެވެ. އަދި މިއީ ބޭނުން ކުރަން ފަސޭހަ, ދަބަހުގައި ނޫނީ މަޑި ދަށުގައި ވެސް ބެހެއްޓޭނެ ޕްރޮޑަކްޓުތަކެކެވެ.

ސަންސްކްރީން ބޭނުން ކުރާއިރު މޫނުގެ އިތުރުން ހެދުމުން ކަވާނުވާ ތަންތަނުގައި ވެސް ސަންސްކްރީން ބޭނުން ކުރަން ވާނެ އެވެ. އަވީގެ ރައްކާތެރިކަން ގައިގެ ހުރިހާ ބަޔަކަށް ވެސް ބޭނުން ވެ އެވެ.

އަތްވަކީ ހަމަށް ނުރައްކާ އެތައް މާއްދާއެއް ދޫކުރާ އެއްޗެކެވެ. އަހަރުމެން ރާއްޖެ ފަދަ ޓްރޮޕިކަލް ގައުމެއްގައި އުޅޭ އިރު, އަވީގައި ނުޖެހި ނޫޅެވޭނެ އެވެ. އަހަރުމެންނަށް ކުރެވެން އޮތްހާ ވެސް ކަމަކީ އަވިން ރައްކާތެރިކަން ހޯދުމަށް ކުރެވެން ހުރި ކަންތައްތައް ރަނގަޅަށް ކުރުމެވެ.

ހަމުގެ ފަރުވާ

Popular