By: Aishath Jazlee
ސޯޝަލް މީޑިއާގެ ވީޑިއޯތައް މިދުވަސްވަރު ސްކްރޯލްކުރާ ނަމަ "ވިޝަން ބޯޑް" އަކީ އާ ނަމަކަށް ނުވާނެ އެވެ. މީގެ ކޮންސެޕްޓް މާ ބޮޑަށް ނޭނގުނަސް ރައްޓެހިންނާ އެކު ވިޝަން ބޯޑު ހަދާ ޑޭޓުތަކާއި މިއަހަރަށް ހެދި ވިޝަން ބޯޑު ހަގީގަތަކަށްވެ, އެކަމަށް ހަދާފައި ހުރި އެތައް ވީޑިއޯއަކުން ސޯޝަލް މީޑިއާ ފުނިޖެހެނީ އެވެ. ހާއްސަކޮށް ޓިކްޓޮކުގައި މި ދުވަސްވަރު މިއީ ޓްރެންޑެކެވެ.
ވިޝަން ބޯޑަކީ އަންނަ އަހަރު ހާސިލްކުރަން ބޭނުންވާ ކަންތައްތައް ރިޕްރެޒެންޓުކުރާ ފޮޓޯ ހިމަނައިގެން ހަދާ ބޯޑެކެވެ. މި ބޯޑުގައި އެ އަހަރަކު ދާން ބޭނުންވާ ތަންތަނާއި ދަސްކުރަން ބޭނުންވާ އެކި ކަންކަމާއި ކުރަން ބޭނުންވާ ކަންތައްތަކާ ގުޅުން ހުރި ފޮޓޯތައް ބޭނުން ކުރެ އެވެ. އަދި މޯޓިވޭޝަނަލް އެކި ކަހަލަ ކޯޓްސް ވެސް ހިމަނަ އެވެ.
ވިޝަން ބޯޑެއްގެ ބޭނުމަކީ ހާސިލް ކުރަން އެދޭ ކަންތައްތައް ވިޝުއަލައިޒްކުރުމެވެ.
ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި މިކަމަކީ ހާސިލްކުރަން ބޭނުންވާ ގޯލަށް މީހާގެ ފޯކަސް އިތުރުކޮށްދީ, ދާންވީ މަގު ސާފުކޮށް ދައްކައިދޭ ކަމެކެވެ. އަދި ބޭނުންވާ ކަންކަން ވިޝުއަލައިޒްކުރުމަކީ ސިކުނޑި ރީވަޔާކޮށް, ބޭއިހުތިޔާރުގައި ވެސް އެކަމެއް ހާސިލްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރެވޭނެ ކަމެކެވެ. ވިޔަފާރިތައް ފަށާއިރު, އެ ވިޔަފާރިތައް ފުޅާކުރުން ފަދަ ކަންކަމުގައި ވެސް ވިޝަން ބޯޑު ހަދަނީ މިހެންވެ ކަމަށް އެ މީހުން ބުނެ އެވެ.
ޓިކްޓޮކުގެ ބައެއް ކްރިއޭޓަރުން ބުނި ގޮތުގައި ވިޝަން ބޯޑު ހެދުމަކީ އެކަމެއް މެނިފެސްޓުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. އަދި ވިޝަން ބޯޑުން އެކަންކަން ފެންނަން ހުރުމުން އަހަރުގެ އެކި ހިސާބުގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް މި ބޯޑު މޯޓިވޭޓުކޮށްދިން ކަމަށް ބުނެފައިވެ އެވެ.
ވިޝަން ބޯޑަކީ ހަމައެކަނި ޓްރެންޑެއް ނޫނެވެ. މިއީ ސައިކޮލޮޖިސްޓުން ވެސް ކުރުމަށް ހިތްވަރު ދޭ ކަމެކެވެ. މިއީ އަންނަ އަހަރު މިހާރަށް ވުރެ ޕްރޮޑަކްޓިވް އަހަރަކަށް ހެދުމަށް އަންނަ އަހަރާ މެދު ވިސްނަން ލިބޭ ފުރުސަތެކެވެ. އަންނަ އަހަރުކުރަން އެދޭ ދެ ތިން ކަމެއް ވިޝުއަލައިޒްކޮށްލައި އެ މިސްރާބަށް ދެވޭތޯ އަވަހަށް ބޯޑެއް ހަދާލާށެވެ. ކަރުދާހުގައި ވެސް, ފޯނުގައި ވެސް މި ހެދިދާނެ އެވެ.