By: Aishath Jazlee
މި އަހަރުގެ ރިޒޮލޫޝަނަކަށް، ޖިމަށް ދާން ނިންމައި, މާދަން, މާދަން ކިޔަކިޔާ ތިއްބާ އަހަރު މި ނިމެނީ އެވެ. ވަގުތެއް ނުވި ދޯ އެވެ. މަޖަލަކަށް ހަދާފައި މިހާރު އެ ވާހަކަ ދެއްކިޔަސް ރިޒޮލޫޝަނެއްގެ ގޮތުގައި އެކަން ކަނޑައެޅީ ކޮންމެވެސް ވަރެއްގެ ޝައުގެއް އެކަމަށް ހުރީމާ ނޫން ހެއްޔެވެ.
އާ ކަމެއް ފެށުމަކީ ކޮންމެ މީހަކަށް ވެސް އުނދަގޫ ކަމެކެވެ. އަމުދުން، އަލަށް ޖިމަށް ދާން އުޅުމަކީ ބައެއް މީހުންނަށް ވަރަށް އޯވާވެލްމިން ކަމަކަށް ވެ އެވެ. ފަސްކުރަމުންކުރަމުން ގޮސް އެކަމާ ނޫޅެވެނީ އެހެންވެ އެވެ.
މި ފަށާ އާ އަހަރު ޖިމަށް ދާން ބޭނުންވަންޏާ މިހާރުން ފެށިގެން މަސައްކަތް ފަށާށެވެ. މިހާރު ކުރަންވީ މަސައްކަތަކީ ދާން ބޭނުންވާ ޖިމަކާއި އެ ޖިމެއްގައި ކުރަން ބޭނުންވާ ކަމަކާއި ޖިމަށް ދާން ހުސްކުރެވެން އޮތް ވަގުތެއް ބެލުމެވެ. އަދި މިކަމަކީ ފައިސާ ހަރަދުކުރެވެން އޮތް ކަމެއްތޯ އާއި ހަރަދުކުރެވެން އޮތީ ކިހާވަރެއްތޯ ވެސް ކަނޑައެޅުމެވެ. މިއީ ޖިމަށް ދާން ފެށުމަށް ލިބޭނެ ހިތްވަރެކެވެ.
ދެން އޮތީ މިކަންތައްތައް ބަލާއިރު ޖިމަށް ހޭދަކުރާނެ ފައިސާ ނެތި, ކޮންމެ ދުވަހަކު ވަގުތު ހުސްނުކުރެވެން ނެތް ނަމަ ދެން ހަދަންވީ ގޮތަކާ މެދު އުފެދޭ ސުވާލެވެ.
ޖިމަށް ދިއުމަކީ ކޮންމެހެން މުހިންމުކަމެއް ނޫނެވެ. މުހިންމީ ކަސްރަތު ކުރުމެވެ. ގޭގައި ހުރެގެން ޔޫޓިއުބުން ވީޑިއޯ ބަލައިގެން ވެސް ކަސްރަތު ކުރެވިދާނެ އެވެ. މަގުމައްޗަށް ނުކުމެ, ހިނގައިގެން ނުވަތަ ދުވެގެން ވެސް ކަސްރަތު ކުރެވިދާނެ އެވެ. މޫދަށް ގޮސް ފަތައިގެން ވެސް މިކަން ކުރެވި ދާނެ އެވެ. މިހާރުއްސުރެ, ފިޓްނަސް ގޯލް އާ މެދު ވިސްނަން ފެށުމުން އަންނަ އަހަރު ފަށަން ވާއިރަށް އެކަން ކުރެވެން ހުރި ގޮތެއް ހޯދޭނެ އެވެ.
މާ ބޮޑަށް ބިޒީ ޝެޑިއުލެއްގައި އުޅޭ ނަމަ ނިންމަންވީ ކޮންމެ ދުވަހެއްގެ ބަދަލުގައި ދެ ދުވަހުން އެއް ދުވަހު ކަސްރަތު ކުރުމަށް ގަޑިއެއްހާއިރު ހުސްކުރާށެވެ. މަދުވެގެން، ހަފްތާއަކު ތިން ދުވަހު ކަސްރަތު ކުރަންޏާ އެކަމުގެ ނަތީޖާ ފެންނާނެ އެވެ.
ދެން އޮތީ ޖިމަށް ދިއުމާއި ކަސްރަތު ފެށުމަށް ފަހު މޯޓިވޭޝަން ދިއުމެވެ. އާއްމުކޮށް މިހެން ދިމާވަނީ ބޮޑެތި ގޯލްތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހާސިލްކުރަން އުޅުނީމަ އެވެ. އެންމެ ގިނައިން މިކަން އޮންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ވަކި އަދަދެއް ބަރުދަނުން ލުއިކުރުމާ ގުޅިފަ އެވެ.
ކޮންމެ ކަސްރަތެއް ކުރިއަސް ނަތީޖާ ފެންނަން ވަގުތު ނަގާނެ އެވެ. އަދި އެކި ނަތީޖާ ފެންނާނީ ވެސް އެކި ގޮތަށް އެކި މިންވަރަށެވެ. ކަސްރަތުކުރަން ފަށާއިރު ރިއަލިސްޓިކް ގޯލްތަކެއް ސެޓުކުރަންވީ އެހެންވެ އެވެ. ބައެއް ފިޓްނަސް އިންސްޓްރަކްޓަރުން ބުނާ ގޮތުގައި ވަކި ވަރަކަށް ހިކެން ކަނޑައެޅުމަށް ވުރެ, ދުޅަހެޔޮވުމަށް ބޭނުންވެ ޖިމަށް ދާން ފެށުމަކީ ފިޓްނަސް ގޯލްތަކުގައި ދެމިހުރެ, ކޮންސިސްޓަންޓްކޮށް މަސައްކަތްކުރަން ހިތްވަރު ލިބޭ ކަމެކެވެ. އެއީ ދުޅަހެޔޮވުމަށް ޖިމަށް ދާން ފަށާ މީހާ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނާތީ އެވެ. އަދި ކޮންސިސްޓަންޓުކޮށް މި ބަދަލުތަކުގައި ހިފަހައްޓާލުމުން ބަރުދަން ވެސް ލުއިވެ, ހަށިގަނޑުން އެކަން އަވަހަށް ފެންނަން ފަށާނެ ކަމަށް ވެސް ބުންޏެވެ.
އަންނަ އަހަރު ފެށެން ކުޑަ ދުވަސްކޮޅެއް ބާކީ އޮތް އިރު އަވަހަށް ރިއަލިސްޓިކް ޕްލޭނެއް ހަދާށެވެ. މިއަހަރުވެސް މިކަން ހަމައެކަނި އަނގަބަހުން ނިންމާ ނުލާށެވެ.