20 Dec 2024

By: Aishath Jazlee

ކޮންމެ ރިލޭޝަންޝިޕެއްގައި ވެސް މައްސަލަ ޖެހޭނެ އެވެ. ހިތްހަމަނުޖެހި ދެބަސް ވެސް ވާނެ އެވެ. އެކަމަކު ދެ މީހުންގެ މެދުގައި ދެކެވޭ ކޮންމެ ވާހަކައެއް ޒުވާބަކުން ނިމެންޏާ އެއީ މައްސަލައެކެވެ. އަބަދާއި އަބަދު ކޫސަނި ކަންކަމުގައި ދެބަސްވެ، އެކުގައި ހޭދަވާހާ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރަން ޖެހެންޏާ އެއީ ގޯހެކެވެ.

އާއްމުކޮށް މިކަހަލަ މައްސަލަތައް ދިމާވުމުގެ ފަހަތުގައި ކޮންމެވެސް އެހެން ސަބަބެއް އޮންނާނެ އެވެ.

ކުރީގެ ހިތްހަމަނުޖެހުމެއް އޮތުން

ރިލޭޝަންޝިޕެއްގައި ކޮމިއުނިކޭޝަން މުހިންމޭ ބުނަނީ މިހެންވެ އެވެ. ދެ މީހުންގެ މެދުގައި ބޮޑު މައްސަލައެއް ޖެހުމުން ބައިވެރިޔާއަށް އެ އިހުސާސްތައް ބޭރުކުރުމުގެ ފުރުސަތު ނުދީ, އެ މައްސަލައާ މެދު ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ބޭއްވުމަކީ ކުދި ކުދި މައްސަލަތައް ޖެހެން މެދުވެރިވާނެ އެއް ސަބަބެވެ. އެއީ އެކަމެއްގެ ސަބަބުން ވާ ދެރަ އާއި އިހުސާސްކުރެވޭ ހިތްހަމަނުޖެހުން ރުޅިއަށް ބަދަލު ވާތީ އެވެ.

އިންޓަމެސީ ނެތުން

ދެ މީހުންގެ ދެމެދުގައި ފިޒިކަލް އިންޓަމެސީ ނެތުމަކީ ގުޅުން ކުޑަވެ, ކޫސަނި ޒުވާބުތަކަށް މަގުފަހިވާ ކަމެކެވެ. ދެ މީހުންގެ ދެމެދުގައި ފިޒިކަލް އިންޓަމެސީ ކުޑަވާ ވަރަކަށް ދެ މީހުންގެ ދެމެދުގައި އޮންނަ ލޯތްބާއި އަޅާލުން ވެސް ކުޑަވާކަމުގެ އިހުސާސްތައް ބޮޑުވެ އެވެ. އެހެންވެ, ދެ މީހުންގެ ދެ މެދުގައި ދުރުކަން އުފެދި ހިތްހަމަނެޖެހުން ގިނަވެ އެވެ.

ސްޓްރެސް މެނޭޖުނުކުރެވުން

ދިރިއުޅުމުގެ އެކި ކަންތައްތަކުގެ ސްޓްރެސް މެނޭޖުކުރަން ނޭނގުމަކީ މޫޑު މާބޮޑަށް ގޯސްވެ ކަންތައްތަކާ މާބޮޑަށް ރުޅި ގަދަވާ ކަމެކެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ވެސް ރިލޭޝަންޝިޕަށެވެ. ބައެއް ފަހަރު އޮފީހުގައި ހުންނަ ހިތްހަމަނުޖެހުންތައް ގިނަވުމާއި އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރަން ނޭނގި އެ ކަންކަމުގެ ސްޓްރެސްއާ ހެދި ވެސް މާ ބޮޑަށް ޒުވާބުތައް ގިނަ ވެދާނެ އެވެ.

ބައެއް ފަހަރު ރިލޭޝަންޝިޕުގައި މީހާގެ ތާޒުގައި ހުންނަ ގޮތެއްގެ ސަބަބުން, ނޫނީ ކުޑައިރުން ފެށިގެން ފެންނަމުން ދިޔަ ރިލޭޝަންޝިޕުތަކުގައި އަބަދު ޒުވާބުކުރާތަން ފެންނާތީ އެކަން އާދަވެފައި ވެސް ހުރެ ދާނެ އެވެ. މިއިން ކޮންމެ ސަބަބަކާ ހުރެ ޒުވާބުކުރި ނަމަވެސް މި ކަމަށް ހައްލު ހޯދޭނީ ވާހަކަ ދައްކާ ވިސްނައިދީގެންނެވެ. ނުވަތަ ތެރަޕިސްޓެއްގެ އެހީ ހޯދައިގެންނެވެ.

Popular