By: Aishath Mihna Nasih
މަސް ދަޅާއި ބަތް މިއީ އަހަރެމެންގެ ރަސްމީ ކެއުމުގެ އެއް ބާވަތެވެ. ހައްޓަށާއި، ޖީބަށް ލުއި އަދި އަނގަޔަށް މީރު މި ކެއުން ކޮންމެ ދުވަހަކު ކާންޖެހުނަސް ގިނަބަޔަކަށް އެއީ މައްސަލައަކަށް ވެސް ނުވެ އެވެ. އެކަމަކު ދުޅަހެޔޮކަމަށް ބޮޑު ސަމާލުކަމެއް ދޭ މިދުވަސްވަރު މަސްދަޅާއި ބަތް މިއީ ހަށިގަނޑަށް އެންމެ ފައިދާހުރި ކެއުމެއްތޯ ސުވާލު އުފެދެ އެވެ،
މަގްބޫލު ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް މިފަދަ ބަތްތަށްޓެއް ބެލެންސްކުރާނެ ގޮތް ކިޔާދީފަ އެވެ.
ބަތް ކެއުމާ ބެހޭ ގޮތުން އާސިޔާ ކޮށްފައިވާ ޕޯސްޓެއް
އާސިޔާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގެ ފުރަތަމަ ފޮޓޯގައި ފެންނަނީ އާންމުކޮށް އަހަރެމެން މި ކައިއުޅޭ ބަތްތަށީގެ ފޮޓޯއެކެވެ. ބޮޑު ބަތްގަނޑާކާއި މަސްދަޅެއްގެ ކުޑައެތިކޮޅަކާއި، ފިޔާ އަދި މިރުސްކޮޅަކުން ހަމަ ހަގީގަތުގައި ވެސް ބަނޑު ފުރޭވަރަށް މީރުކޮށް ކާލެވެ އެވެ. މަދުވަނީ ތެއްލި ފަތްކޮޅަކާއި މަސްމިރުހެވެ. ނޫނީ ދެން ކޮންމެވެސް ކަހަލަ އަސާރައެކެވެ.
އެކަމަކު މިވަރުން ފުއްދާލެވޭކަށް ނެތެވެ. ތަރުކާރީގެ އެއްވެސް ބާވަތެއް ނުހިމެނޭއިރު ވިޓަމިން ސީގެ މިންވަރެއް ލިބޭނެހާ ވެސް ނެތެވެ. ނުވިތާކަށް މަސްކޮޅު ވެސް އެހާމެ މަދެވެ.
މި ބަތްތަށި ދުޅަހެޔޮ ކުރުމަށްޓަކައި، އާސިޔާ ހިމަނާލާފައިވާ ފޮޓޯގައި ހިމެނެނީ ތަށީގެ 1/3 ބަތާއި، ހަމަ އެ މިންވަރަށް މަހާއި އަދި އޭގެ ވެސް އިތުރަށް ތަރުކާރީ އެވެ. ކޮންމެހެން ޓޮމާޓޯ ނުހިމެނިޔަސް، ކެރެޓު، ކެބެޖު، ކިއުކަމްބާ ފަދަ އެކި ބާވަތްތައް އެއްކޮށްގެން ވެސް އެ މިންވަރަށް ތަރުކާރީ ހިމަނާލެވިދާނެ އެވެ. މީގެއިތުރަށް ތާޒާ ކޮޕީ ފަތް ނުވަތަ ލެޓިއުސް ފަަދަ ބާވަތެއް ވެސް ހިމަނާލެވިދާނެ އެވެ.
ދުޅަހެޔޮކޮށް ކެއުމަކީ ކޮންމެހެން ބޮޑު އަގުދީގެން ނުވާވަރުން އަގުބޮޑެތި ތަރުކާރީ ގަނެގެން ކުރަންޖެހޭ ކަމެއް ނޫނެވެ. އަހަރެމެން މި ކައިއުޅޭ އާންމު ބާވަތްތަކުން ވެސް ހަށިގަނޑަށް ފައިދާހުރި މީރު ކެއުމެއް ކެވިދާނެ އެވެ.