By: Asima Nizar
އަހުމަދު އަމާން އިބްރާހިމްގެ ޝައުގުވެރިކަން އެންމެ ކުޑައިރު ވެސް ހުއްޓުނީ ޖައްވީ ކަންކަމަށެވެ. އެއާ ގުޅޭ އެކި ފޮތްތައް ކިޔައި، ޓެލެސްކޯޕުން އަމިއްލައަށް ތަރިތައް ހޯދަ އެވެ. އެކަމަކު، އެއީ ކުރިއަށް ދާން އެންމެ ރަނގަޅު ދާއިރާ ނޫންކަން ވެސް އަމާނަށް ވިސްނައިދިނީ، މާލޭގައި 2018 ވަނަ އަހަރު ބޭއްވި އެ ފަދަ ހަރަކާތެއްގައި ބައިވެރިވި ސައިންޓިސްޓުންތަކެކެވެ.
ޕީއެޗްޑީއާ ހަމައަށް ކިޔަވައިގެން ވެސް އެ ދާއިރާއިން ވަޒީފާ ހޯދަން ދައްޗެވެ.
"..ސައިންޓިސްޓުންނަށް މެއިލްކޮށްފައި އެދުނީ ކެރިއަ ގައިޑެންސަކަށް. އެ އެންމެން ވެސް ބުނީ ކޯޑުކުރަން ދަސްކުރާށޭ ޖެހޭނީ، މިހާރު އެ ހުރިހާ ކަމެއް ވެސް ކުރަނީ ކޮމްޕިއުޓަރުންނޭ،" ކުރިއަށް ދާންވި ރޮނގު ބަދަލުކުރުމުގެ ފިޔަވަޅު އަޅަން ޖެހުނު ސަބަބު ކިޔައިދެމުން އަމާން ބުންޏެވެ.
އެ މީހުންގެ ލަފައާ އެކު، ސްކޫލުގައި އުޅެމުން ކޯޑުކުރަން ދަސްކުރި އެވެ. އޭ ލެވެލް ނިމުމުގެ ކުރިން އަމިއްލައަށް ވެބްސައިޓް ހެދި އެވެ. އެހެންވެ، އެއީ ކުރިއަށް ދާންވީ ދާއިރާކަން އަމިއްލައަށް ޔަގީންކުރި އެވެ.
އެ ތަޖުރިބާތަކާ އެކު މެލޭޝިއާގެ މަލާޔާ ޔުނިވާސިޓީން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރޮނގުން ޑިގްރީއަށް ކިޔަވަމުން އެކި ތަންތަނުގައި އަމާން މަސައްކަތްކުރަން ފެށި އެވެ. އޭނާ ވަނީ އެލައިޑް އިންޝުއަރެންސްގައި ފްރޯޑް ޑިޓެކްޓް އަދި ރިކޮމެންޑޭޝަން ސިސްޓަމެއް ގާއިމްކޮށްފަ އެވެ.
ނޮޓިންހަމް ޔުނިވާސިޓީން މާސްޓާސް ނިންމުމަށްފަހު އަމާން ގްރެޖުއޭޝަންގައި.
ފްރޯޑްގައި ބަލަނީ މަކަރު ހަދައިގެން އިންޝުއަރެންސް ހޯދާއިރު ބަލާ ކަންކަމަށެވެ. ޑިމޮގްރެފިކް އިންފޮމޭޝަނާއި ޕާޗޭސް ހިސްޓްރީއަށް ބަލައި، ކުރިއަށް އޮތް ތަނުގައި ރިކޮމެންޑުކުރާ އެއްޗެހި ބަލަނީ ރިކޮމެންޑޭޝަން ސިސްޓަމުންނެވެ.
ފ. ނިލަންދުއަށް އުފަން އަމާން ބުނީ ހަމަ އެ ދުވަސްވަރު، ޕްރޮފެސަރު ހަސަން އުގެއިލާ އެކު މަސައްކަތްކޮށް އެމެރިކާ ކުންފުންޏެއްގެ ޕްރޮޖެކްޓެއްގައި މީހާގެ ފޭސް އަދި ސްޕީޗް އެނަލައިޒްކޮށްގެން މެންޓަލް ހެލްތު ދެނެގަންނަން ފަސޭހަވާނެ ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓުތަކުން ލިބުނު އާމްދަނީން، އަމާން ވަނީ އޭނާގެ ޑިގްރީގެ ފަހު އަހަރުގެ ކޯސް ފީ އަމިއްލައަށް ދައްކައިފަ އެވެ.
ޑިގްރީގެ ނަތީޖާ ރަނގަޅުވުމުން، އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީގައި އޭއައިގެ ސްޕެޝަލައިޒްޑް ފީލްޑެއް ކަމަށް ވާ މެޝިން ލާނިން އިން މާސްޓަސް ފުރިހަމަކުރީ ސްކޮލަޝިޕެއްގެ ދަށުންނެވެ.
އޭރު ވެސް އޭނާ ދިޔައީ ސިފަ ބަދަލުކޮށްގެން އުޅޭ ކުށްވެރިން، ހިނގާ ގޮތަށް ބަލައިގެން، ދެނެގަންނާނެ ޕްރޮޖެކްޓެއްގެ މަސައްކަތް ދުބާއި ޕޮލިސްގެ ޕްރޮޖެކްޓެއްގައި ކުރަމުންނެވެ. އުގެއިލާ އެކު ދެ އަހަރުގެ މަސައްކަތަށް ފަހު އުފެއްދި އެ ސިސްޓަމް ޓެސްޓުކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އޯ ލެވެލްގައި ރާއްޖެއިން އެއް ވަނަ ހޯދި ޒުވާނާ ބުނީ ސިލަބަހާ އެއްވަރަށް ކުރިއަށް ދިއުމުގެ ބަދަލުގައި އޮންލައިން އެކި ޕްލެޓްފޯމްތައް ބޭނުންކުރުމަކީ، ކިޔެވުމުގައި އޭނާއަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އޭގެ ނަތީޖާއަކީ، ކޯސް ނުނިމެނީސް އަމާނަށް ރަނގަޅު ވަޒީފާތައް ލިބުމެވެ.
އަމާން، ޕްރޮފެސަރު އުގެއިލާއެކު. އޭނާ ވަނީ އުގެއިލާއެކު ދެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައި.
"ޑިގްރީގެ ފުރަތަމަ އަހަރު ކޯސެރާގައި އަޅުގަނޑު ކިޔެވީ، އެ ކޯހުގައި ކިޔަވައިދޭނެ އެއްޗެހި ކުރީ ބައިގައި. އެހެންވެ ޔޫއެސްގެ ކުންފުންޏަކުން ވަޒީފާއެއް ލިބުނު. ނޯމަލް ޕާތުވޭގައި ކިޔަވައި، ހަމައެކަނި ކްލާސް ރޫމުން ކިޔަވާ ނަމަ ވަޒީފާއެއް ވެސް ހޯދަން ޖެހޭނީ ޔުނިވާސިޓީ ނިންމާފައި. އެކަމަކު، ކިޔަވާ ނިމުނުއިރު 1-2 ދެ އަހަރު މަސައްކަތް ކުރެވިއްޖެ،" 25 އަހަރުގެ ޒުވާނާ ބުންޏެވެ.
އޭނާ ބުނީ ކްލާސްރޫމްގެ އެތެރޭގައި ކިޔަވައިދޭ އެއްޗެހި އެކަނި އެނގިގެން މިހާރު ނުފުދޭ ކަމަށެވެ. އަމިއްލައަށް މަސައްކަތްކޮށް އެއަށް ވުރެ ކުރިއަށް ދާން ޖެހޭ ކަމަށް އަމާން ބުންޏެވެ.
"ޔުނިވާސިޓީގެ ފޮތުން ކިޔަވާ އެއްޗެހި އެކަނި އެނގިގެން އިންޑަސްޓްރީއަށް އަންނާކަށް ނުފުދޭ. އަމިއްލައަށް ވަރަށް ގިނަ އެއްޗެހި އެކްސްޕްލޯކުރަން ޖެހޭ. އޮންލައިންކޮށް ކޯސް އެއްޗެހި ހެދޭނެ މަގު ފަހިވެއްޖެ. ޝައްކެއް އުފެދެންޏާ އެކަން ޔަގީން ކުރެވޭނެ އެތައް ގޮތްތަކެއް އެބަހުރި." ރާއްޖޭގެ ލޫޕްކްރާފްޓުގެ ލީޑު އޭއައި އިންޖީނިއަރަކަށް މަސައްކަތްކުރާ ޒުވާނާ ބުންޏެވެ.
"ކުދިން ޔުނިވާސިޓިއަށް ގޮސްފައި، ނިންމާފައި އައީމާ އެނގެނީ ކްލާސް ރޫމްގައި ކިޔަވައިދޭ އެއްޗެހި އެކަނި. ލޫޕްކްރާފްޓުގައި ހަޔަރިންގައި ވެސް މަސައްކަތްކުރާތީ އެބަ ބަލަން ކުދިންނަށް އެނގޭ އެއްޗެހި. ކޮމްޕެއާ ކުރެވޭ އިންޑަސްޓްރީ އެކްސްޕެކްޓު ކުރާ ކަންކަމާ،" އޭނާ ބުންޏެވެ.
އަމާން ބުނީ ސޮފްޓުވެއާ އިންޖީނިއަރިންނާއި އޭއައި އަކީ އާމްދަނީ ހޯދަން މިހާރު އެންމެ ރަނގަޅު އެއް ދާއިރާތައް ކަމަށެވެ.
ދުނިޔޭގެ ވަޒީފާ ބާޒާރު ވެސް ފައްކާކޮށްފައިވަނީ އެ ދާއިރާތަކުގެ ވަޒީފާތައް، އެ މީހަކު ބޭނުން ތަނެއްގައި ހުރެގެން މަސައްކަތް ކުރެވޭ ގޮތަށެވެ.
"ޔޫކޭގެ ޔުނިވާސިޓީގެ ވަޒީފާގައި އުޅުނުއިރު ވެސް ގޭގައި މަސައްކަތްކުރީ. އަމިއްލަ ރަށުގައި ހުރެގެން، މާލޭގެ ވަޒީފާއަކުން ލިބޭ މުސާރައެއް ލިބެންޏާ ވެސް ކިހާ ސަޅި،" އޭނާ ބުންޏެވެ.
އަމާން. އޭނާ ވަނީ މެޝިން ލާނިން އިން މާސްޓަސް ފުރިހަމަކޮށްފައި.
އަމާން ގަބޫލުކުރަނީ ކިޔެވުން ނިންމައި ކުރިއަށް ދާނެ ރަނގަޅު މަގެއް ނުފެނިފައި ނޫނީ އައިޓީއަށް ޝައުގުވެރިކަން ހުންނަ ނަމަ، މިހާރު ކުރިއަށް ދާންވީ ރޮނގަކީ އޭއައި ކަމެވެ.
އަމާން، ދުބާއީ ޕޮލިސް ޕްރޮޖެކްޓުގައި މަސައްކަތުގެ ކުރި އިރު ވަކި ހިސާބަކުން ސިސްޓަމް ކްރޭޝްވާން ފެށި އެވެ. އެ މައްސަލަ ދެނެގަންނަން ދެ ދުވަހު ކުރި މަސައްކަތުން އެނގުނީ ކޯޑު ކުރިއިރު އިތުރު ކޮމާއެއް އިން ކަމެވެ. ނަމަވެސް، އޭއައި އޭޖެންޓެއް މެދުވެރިކޮށް އެކަން ކުރަން މިހާރު ނަގާނީ ދިހަ ވަރަކަށް ސިކުންތެވެ. މިއީ ވެސް އޭއައިއާ އެކު އަހަރެމެންގެ ދިރިއުޅުމަށް ގެނެސްދިން ބޮޑު ލުއީގެ މިސާލެކެވެ.
އަމާން ބުނީ މިހާރުގެ ޕްލޭނަކީ އޭނާ އިސްކޮށް ހުރެ، ލޫޕްކްރާފްޓުން ހެދި ކުރާ.އޭއައި ކަހަލަ ރާއްޖެއަށް ހާއްސަ އުފެއްދުންތައް މާކެޓަށް ނެރުމެވެ. އަދި އޭއައި ރިސާޗުކުރާ ބޮޑު ތަނެއް ހެދުމަކީ މިހާރު އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.
"މީހުންގެ ދިރިއުޅުމަށް ލުއެއް އަދި ފަސޭހަކޮށްދޭ އޭއައިގެ އުފެއްދުންތައް ނެރުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް،" ސައިންޓިފިކް ޖާނަލްތަކުގައި ވެސް ދިރާސާތައް ޕަބްލިޝްކޮށްފައިވާ އަމާން ބުންޏެވެ.