By: Aishath Mihna Nasih
ހަފްތާގެ ބުރަ ޒިންމާތަކުން ދުރުވެ އާއިލާއާ އެއްކޮށް މޫދަށް އެރި، މަޖާކޮށްލުމަކީ އަހަރެމެންގެ ތެރޭގައި އާންމު ކަމެކެވެ. ރަށްރަށުގައި މިކަންކަމަށް ހާއްސަކޮށް މިހާރު ބީޗު ވެސް ހުންނަނީ ތައްޔާރުކޮށްފަ އެވެ. މާލެ ކައިިރި ނަމަ އޮތީ ހުޅުމާލެ އާއި ވިލިނގިއްޔެވެ.
މިކަހަލަ ދަތުރެއް ދާ ނަމަ މީރު ކެއުމެއް ބޭނުންވެ އެވެ. މޫދަށް އެރި އެ ލޮނުކަންމަތީ ދޮންވެލިގަނޑުމަތީގައި އިށީނދެ އިނދެ ކެވޭ ކެއުން ހަމަ މާ ބޮޑަށް ވެސް ތަފާތުވީމަ އެވެ. މި ހިމަނާލަނީ މި ހަފްތާ ބަންދުގެ ޕިކްނިކް މެނޫގައި ހިމަނާލެވިދާނެ ބާވަތްތަކެކެވެ.
މިއީ އެންމެ ކުރިން ވެސް ޕިކްނިކްގައި އެންމެ ގިނައިން ތައްޔާރުކުރާ ބަތްގަނޑެވެ. އެއް ތެއްޔެއްގައި ހުރިހާ ބާވަތެއް އެއްކޮށް އަޅައިގެން ނިކަން ފަސޭހައިން މަސްބަތް ތައްޔާރުކުރެވޭއިރު، ދަތުރުގައި ބާނާ ތާޒާ ފަރުމަސްތަކާއި، ރިހާކުރާ މޮޑެލައިގެން ކާލަން މިއީ ހަމަ އެއްވަނަ އެވެ.
އެންމެ އާންމު ނޫނަސް، މިވެސް މިފަހަކަށް އައިސް މިފަދަ ޕިކްނިކްތަކުން ފެންނަ ބާވަތެކެވެ. ވަޅޯމަސް ނުވަތަ މަސްދަޅާ އެކު، ޓޮމާޓޯ ޕޭސްޓް އަޅައިގެން މައިގަނޑު ގޮތެއްގައި ތައްޔާރުކުރާ ޓޯމާޓޯ ބަތަކީ ވެސް ފިހުނު މަހާއި، ކޮޕީ ފަތާއި، ކެރެޓު އަދި ކިއުކަމްބާ ފަދަ ބާވަތްތަކާ އެކު މީރު ބާވަތެކެވެ. ގައިމު ވެސް ރިހާކުރު ކާން ބޭނުން ނުވާ ނަމަ މަސް ބަތަށްވުރެ ޓޮމާޓޯ ބަތް ކާން ބޭނުންވާނެ މީހުން ގިނަ ވާނެ އެވެ. އަނެއްކޮޅުން، ޓޮމާޓޯ ބަތް ހުންނަ ނަމަ އިތުރު އެހެން ފިހުނު މަސް، ރިހާކުރު ފަަދަ ބާވަތްތައް ބޭނުމެއް ނުވާނެ އެވެ.
މިއީ މިފަހުން އަހަރެމެންގެ ތެރޭގައި މަގުބޫލުވެގެން އައި ބާވަތެކެވެ. ޑަބިޔަލެއްގައި ނުވަތަ ބޮޑު ދަގަނޑު ދަޅެއްގައި ފިޔާ، ލޮނުމެދު އަދި އިތުރު ދެތިން ތަރުކާރީގެ ބާވަތަކާ އެކު ހަވާދުގެ ބާވަތްތައް އަޅައި މޮޑެލާފައި މަތިޖަހައި ދަރު އުނދުނެއް މަތީގައި ބަހައްޓައިން ރަނގަޅަށް ކައްކާލަނީ އެވެ. ސިއްހީ ގޮތުން ބަލާއިރު އެންމެ ފައިދާހުރި ގޮތަކަށް ނުވެދާނެ އެވެ. ނަމަވެސް ހަމަ މި ގޮތަށް ތެއްޔެއްގައި ނުވަތަ މަސްފިހުމަށް ގެންގުޅޭ ދާގަނޑެއް މަތީގައި ބަހައްޓައިގެން ހަމަ މި ރެސިޕީގެ އަޖުމަ ބަލާލެވިދާނެ އެވެ.
4. ވަޅޯމަސް އާލިއޯ އެ އޯލިއޯ
ބަތް ކަމުނުދާ ފަރާތްތަކަށް މިއީ ވެސް މިފަހުން މަގުބޫލުވާ އެއް ކެއުމެވެ. ފަސޭހައިން ކައްކާލެވޭގޮތަށް ދަތުރުހަދައިގެން ދާ ނަމަ އެންމެ ދެތިން ބާވަތެއް ބޭނުންކޮށްގެން ވަޅޯމަސް އާލިއޯ އެ އޯލިއޯއެއް ތައްޔާރުކޮށްލެވޭނެ އެވެ. ހާއްސަކޮށް ބާބަކިއުއެއް ތައްޔާރުކުރާ ނަމަ މިހާރު ބަތަށް ވުރެ މާ ބޮޑަށް ވެސް މީރު ސްޕެގެޓީއެއް މާ ހިނގާނެ އެވެ.
ޕިކްނިކްގައި ކެއްކުމަށް ތައްޔާރުވަނީ-
ޕިކްނިކް ނޫޑުލްސްއަކީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ހިމަނާލެވުނަސް، ގިނަ ބައެއްގެ ފޭވަރިޓެކެވެ. ދަތުރުމަތީގައި ކެއްކުމުގައި މާ ގިނަ ވަގުތު ހޭދަނުކޮށް މަޖާކޮށްލަން ބޭނުންވާ މީހުންނަށް އެންމެ ކަމުދާނެ ބާވަތަކީ ވެސް މިއީ އެވެ. ކެއްކުމުގެ ފަސޭހައާ އެކު، ކުޑަ ވަގުތުކޮޅެެއްތެރޭ އެހާމެ ރަހަ މީރުކޮށް ނޫޑުލްސް ގަނޑެއް ތައްުޔާރުކުރެވޭއިރު ޕިކްނިކްދާ ކުޑަކުދިންނަށް ވެސް މިއީ މާ ބޮޑަށް ބޮޑާނުހާކާ ކެވޭނެ އެއް ކެއުމެވެ.
ނަމުގައި ތަފާތުތަކެއް ހުއްޓަސް، ކްރީމް ކްރޭކަރު ބިސްކޯދާއި ގެރިކިރާ އެއްކޮށް މޮޑެލައިގެން ޕިކްނިކްގައި ކާލާއިރު ހަމަ ރަހަ މާ ބޮޑަށް ވެސް މީރުވެފައި ތަފާތެވެ. ބައެއް މީހުން ކުޑަ ރޯސްސިރަޕް ފޮދެއް ނުވަތަ ދޮންކެޔޮ ވެސް އަޅައިގެން މޮޑެ އެވެ.
ކްރީމް ޖެހި ބަނަހަކީ ވެސް ދަތުރާއި ނުލާހިކު ގުޅޭ ނިކަން މީރު އެއްޗެކެވެ. ފޮނި އެއްޗެއް ގެންދަން ބޭނުންވާ ނަމަ މިއީ އެންމެ ފަސޭހަ އެއްބާވަތް ވެސް މެ އެވެ. ދަތުރު ދިއުމުގެ ކުރިން ކްރީމް ގަނޑު ހަދާފައި ވެސް ބެހެއްޓޭނެ އެވެ. އަދި ކާންވުމުން ބަނަހުގައި ހާކާލެވޭނެ އެވެ.
މަޖާ މިއީ ދަތުރެއް ނޫނަސް މޫދަށް އެރެން ދާ ނަމަ ކޮންމެހެންވެސް ގެންދަންޖެހޭ އެއްޗެކެވެ. ޅަ ފަޅޮލާއި، ހުތް އަނބާއި ބިލިމަގާއި ހެލެބެއްޔާއި ކިހާ އާންމުކޮށް މަޖާ ހެދުމުގައި ބޭނުންކުރާއިރު މިފަހަކަށް އައިސް އާފަލު ވެސް މަޖާ ހަދާއިރު ބޭނުންކުރެ އެވެ. މި ސާމާނުތައް ހޯދައިގެން މަޖާ ހަދަން މާ ބޮޑަށް އުނދަގޫަވަންޏާ އޯޑަރު ކޮށްލައިގެން ވެސް މިހާރު މިއީ ފަސޭހަ ކަމެކެވެ.
ކިތަންމެ ހޫނަސް އަދި ކިތަންމެ ވާރޭ ވެހުނަސް، ޖޫސްޕެޓީ އާއި ލޮލީ ނުލާ އަހަރެމެންނަށް ދަތުރުމަތީގެ އިހުސާސްކުރެވޭނެ ހެނެއް ހިއެއް ނުވެއެވެ. މިފަހަކަށް އައިސް މި ވިޔަފާރީތައް ސޯޝަލް މީޑިއާގައި ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ދާއިރު، މައިލޯ އާއި ކޮފީ އަދި ރޯސް ސިރަޕްގެ ރަހަތަކުގެ އިތުރަށް ތަފާތު އެކި ރަހަތަކުން މިހާރު ޖޫސްޕެޓީ އާއި ލޮލީ ގަންނަން ލިބެން ހުރެ އެވެ.
ގަދަ އަވީގަަ އާއި މޫދުގައި އުޅޭއިރު ވަރަށް ފަސޭހައިން ޑީހައިޑްރޭޓް ވާނެ އެވެ. އެހެންވެ ހަށިގަނޑުން މަދުވާ ފެން އަނބުރާ ހޯދައިދީ، ތާޒާކަން ގެނެސް، މުހިންމު މާއްދާތައް ލިއްބައިދޭ ތަރުކާރީ އާއި މޭވާ ވެސް ޕިކްނިކްގައި ހިމަނާލުން ރަނގަޅެވެ. ހާއްސަކޮށް އަލަނާސި، ކަރާ، ދޮންކެޔޮ ފަދަ ބާވަތްތަކަކީ އެންމެ ކުޑަކުދިންނަށް ވެސް ކަމުދާނެ އަދި ފޮޓޯތަކަށް ވެސް ހިތްގައިމުވާނެ ބާވަތްތަކެވެ،