އެލާޖީ އާއި ނޭވާހިއްލުމުގެ މައްސަލަތައް އިތުރުވުން
ފަންކާ އެނބުރޭއިރު ކޮޓަރި ތެރޭގައި ހުންނަ ހިރަފުހާއި ލޮލަށް ނުފެންނަ އެކި ޒާތުގެ ކުނޑިތައް (އެލާޖެންތައް) ވައިގެ ތެރޭގައި ދައުރުވާން ފަށަ އެވެ. ނޭވާލާ ނިޒާމު 'ސެންސިޓިވް' މީހުންނަށް މިކަމުގެ ސަބަބުން ކެހުން، ކެއްސުން، އަދި ނޭވާހިއްލުމުގެ އަލާމާތްތައް އިތުރުވެގެންދެ އެވެ. މީގެ އިތުރުން ފަންކާގެ ފިޔަތަކުގައި ޖަމާވާ ހިރަފުސް ވެސް މުޅި ކޮޓަރިއަށް ފެތުރިގެންދެ އެވެ.
މަސްތަކަށް ވާންވެ ރިއްސުން
ފިނި ވައި ހަށިގަނޑުގެ ވަކި ދިމާލަކަށް މުޅި ރޭ ތަކުރާރުކޮށް ޖެހެމުންދާ ނަމަ، އެ ތަނެއްގެ ލޭ ދައުރުވުމަށް ބަދަލުއައިސް މަސްގަނޑަށް ވާންވެ (ސްޓިފްވެ) އެވެ.
ނޭފަތް ބެދުމާއި އަރުތެރެ ހިކުން
ވައިގެ ދައުރުވުމުގެ ސަބަބުން ނޭފަތާއި، އަރުތެރެ ހިކެ އެވެ. ނޭވާލާ ނިޒާމު ހިކުމުން، ހަށިގަނޑުން އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން އިތުރަށް ތެތްކަން ނުވަތަ އަރިދަފުސް އުފައްދަ އެވެ. މީގެ ނަތީޖާއަކީ ހޭލާއިރު ނޭފަތް ބެދިފައި ހުރުމާއި ކަރުގައި ރިއްސުމާއި ސައިނަސްގެ މައްސަލަ ދިމާވުން އަދި ކެއްސުމެވެ.
ހަމާއި ލޯ ހިކުން
ނިދާފައި އޮންނައިރު މޫނަށް ސީދާ ވައިޖެހޭ ނަމަ، ހަމުގެ ތެރޭގައި ހުންނަ ތެތްކަން ކުޑަވެ ހަންގަނޑު ހިކޭގޮތްވެ އެވެ. އެކްޒީމާ އަދި ސޮރައިއަސިސް ފަދަ ހަމުގެ މައްސަލަތައް ހުންނަ މީހުންނަށް މީގެ އަސަރު ބޮޑަށް ކުރެ އެވެ. އަދި ލޯ ހިކުމުގެ މައްސަލަ ހުންނަ މީހުންނަށް ވެސް އުނދަގޫތައް އިތުރުވެ އެވެ.
ފަންކާ ބޭނުންކުރާއިރު ރައްކާތެރިވާނެ ގޮތްތައް
ފަންކާ ޖައްސައިގެން ނިދަން ބޭނުންވާ ނަމަ، ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ؛
- ސީދާ މޫނާ ދިމާއަށް ނުބެހެއްޓުން: ފަންކާ އަމާޒުކުރަންވާނީ ސީދާ ހަށިގަނޑަށް ނޫން ގޮތަށް، ކޮޓަރީގެ އެހެން ފަރާތަކަށެވެ.
- ސީލިންގް ފަންކާގެ ބަދަލުގައި އޯބިޓް ފަންކާ: ފަންކާގެ ވައި ވަކި ތަނަކަށް އެކަނި ޖެހުމުގެ ބަދަލުގައި މުޅި ކޮޓަރިއަށް ދައުރުވާނެހެން ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. އެހެންވެ، ސީލިންގުގައި، ވަކި ދިމާލަކަށް ހުއްޓިފައި ހުންނަ ގޮތުގެ ބަދަލުގައި، މުޅި ތަނަށް ވައި ދައުރުވާ ގޮޮތަށް ބޭނުންކުރެވޭ އޯބިޓް ފަންކާ ރަނގަޅުވާނެ އެވެ.
- ފަންކާ ސާފުކުރުން: ފަންކާގެ ފިޔަތަކާއި ގްރިލްގައި ހުންނަ، ހިރަފުސް މަދުވެގެން ހަފުތާ އަކު އެއްފަހަރު ސާފުކުރާށެވެ. އަދި ކޮޓަރީގައި ހިރަފުސް ޖަމާވިޔަނުދިނުމަށް ކުނިކަހައި ފޮޅާށެވެ.
- ސަލައިން ސްޕްރޭ ބޭނުންކުރުން: ނިދަން އޮށޯތުމުގެ ކުރިން ނޭފަތަށް ސަލައިން (ލޮނުފެން) ސްޕްރޭއެއް ޖެހުމަކީ ނޭފަތް ހިކުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ފާހަގަކޮށްލަންޖެހޭ ނުކުތާއެއް: ފަންކާ އަކީ ކޮޓަރީގެ ފިނިހޫނުމިން ދަށްކޮށްދޭ އެއްޗެއް ނޫނެވެ. ފަންކާއިން ކުރާ ކަމަކީ ހަމުގެ މަތިން ވައި ދައުރުކޮށްދީ، އަރާމު ފިނިކަމެއް އިހުސާސްކޮށްދިނުމެވެ.