17 Aug 2026

ބަރުދަން 150 އަށް އެރި، އެކަމަކު ހުސީ ބަދަލުވެއްޖެ!

By: Asima Nizar

ދެތިން ބްލޮކް ދުރުގައި ހުރި ތަނަކަށް ވެސް ހިނގާފައި ދިއުމަކީ ހުސެއިން އަލީ (ހުސީ) ނުކުރާނެ ކަމެކެވެ. އޭނާއަށް އޮންނާނީ އެންމެ ގޮތެކެވެ. ބޮޑު އަގު ދީފައި ޓެކްސީގައި އެ ތަނަކަށް ދިއުން ނުވަތަ ގޭގައި އޮތުމެވެ. 

އާދަޔާ ހިލާފަށް މީހާ ބަރުވެ، ހިނގާފައި އުޅެން ދަތިވުމުން އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަން ޖެހުނީ ދަތުރުފަތުރަށެވެ. އެންމެ ޒުވާން އުމުރުގައި ހަކުރު ބަލީގެ އެންމެ ނުރައްކާ ހިސާބަށް ގޮސް އަދި ސިއްހީ ބޮޑު މައްސަލައެއް ދިމާވިއިރު ވެސް ހުސީއަށް އެކަން ރޭކާއެއް ނުލި އެވެ. އެ ގަދަ ނިދިން ހޭލެވުނީ ޖެހި ނުރައްކަލުގެ ރަނގަބީލުގެ ގަދަ އަޑާއެކުގަ އެވެ. 

"ދަތުރުކުރަން އުޅެނިކޮށް ފަޔަށް ތަދުވާން ފަށަނީ. ތަނބިކަށި ހިސާބުން ތަދުވާތީ އެއްވެސް ވަރަކަށް ނުހިނގޭ. ފައި ހުންނަނީ ވަރަށް ބޮޑަށް ދުޅަވެފައި. ދެން ފައި ރަތްވާން ފެށީމަ ޑޮކްޓަރަށް ދެއްކީމަ ބުނީ ފަލަވީމަ މައިބަދައިގެ ނާރެއް ފިތޭތީވެ ފަޔަށް ރަނގަޅަށް ލޭ ދައުރު ނުވާތީ އެހެން ވަނީއޭ. މީގެ ދެ އަހަރު ކުރިން ފެށިގެން އޮން-އޮފްކޮށް ތަދު ހުރޭ. އޭރު ބުނި ބަރުދަން ލުއިކުރަން ވެސް އަދި ޑައިބެޓީސް ކޮންޓްރޯލްކުރަން ވެސް. އެކަމަކު އޭރު ވެސް އަޅާނުލާ ހުރެވުނީ،" އޭނާ ބުންޏެވެ. 

ހުސީ. ހަކުރު ބައްޔާއެކު ބަރުދަން ލުއިކުރީ ކަސްރަތު އަދި ހެލްތީ ޑައެޓަކުން.

"ހަކުރަކަށް ނުބަލަން. ބޭނުން އެއްޗެއް ކައިގެން އުޅުނީ. އެހެން ހުއްޓާ މިދިޔަ އަހަރު ނޮވެމްބަރު ހިސާބުގައި ހެލްތު ސްކެއާ ދިމާވީ. އެ ހިސާބުން ރިއަލައިޒްވީ ބަދަލެއް ގެންނަން ޖެހެއޭ، މިގޮތަށް އުމުރު ދުއްވައެއް ނުލެވޭނެކަން."

ހުސީ ބުނި ގޮތުގައި މީހާގެ ވައްޓަފާޅި ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅު އެޅިއިރު ބަރުދަނުގައި 155 ކިލޯ ހުއްޓެވެ. ކްލީން އީޓިންއަކަށް މީހާގެ ޑައެޓު ބަދަލުކޮށް، 2-3 މަސް ދުވަހުގެ ތެރޭގައި އެ ނަންބަރު 140 އަށް ތިރި ކުރި އެވެ. 

އެ ދުވެލި ބާރުކޮށް، މިދިޔަ ފެބްރުއަރީ މަހު ޖިމަށް ދާން ވެސް ވަނީ ފަށައިފަ އެވެ. ތިރީސް އަހަރުވީ އެ ހަޔާތުގައި ބޮޑު ކަމެއް ހާސިލްކުރެވުނު ކަމުގެ އިހުސާސްކުރެވުނެވެ. 

"ވަރަށް ވަރަށް ވަރަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ. އެކަން ރަނގަޅަށް ކިޔައިދޭނެ ގޮތެއް ވެސް ނޭނގެ. އެންމެ ބޮޑަށް ފާހަގަވާ އެއް ކަންތައް މިއީ ބަރުކޮށް ހުރިއިރު އެހާ ވަރަކަށް ހިނގާކަށް ޕްރެފާއެއް ނޫން، ހިނގާކަށް ބޭނުމެއް ވެސް ނޫން އަދި ނުވެސް ހިނގޭނެ. ތަނަކަށް ދާން ވެއްޖިއްޔާ މެޕް ބަލާލާފައި 250 މީޓަރަށް ވުރެ ދުރުވިއްޔާ ކޮންސިޑާއެއް ނުކުރަން އެއީ ވޯކިން ޑިސްޓެންސެއް ކަމަކަށް. ހަމަ ކާރެއް ނަގާނީ. ފަލަ ވީމަ ލައިކެއް ނޫން ސައިކަލަކަށް އަރާކަށް، އަބަދު ހަމަ ކާރަކަށް." ފްރީލާންސްކޮށް ގްރެފިކްސް ޑިޒައިންގެ މަސައްކަތްކުރާ ޒުވާނާ ބުންޏެވެ. 

އެކަމަކު އެ ހުރިހާ މިހާރު ކަމެއް ބަދަލުވެއްޖެ އެވެ. 

ކިތަންމެ ދުރަށް ދާން ޖެހުނަސް، ކާރެއް ހޯދުމުގެ ބަދަލުގައި ހުސީ މިހާރު ބަލާނީ ހިނގާފައި ދާށެވެ. 

"މިހާރު މާލެ ކީއްކުރަން، މުޅި ހުޅުމާލޭގެ ކޮންމެ ތަނަކަށް ދާން ވެސް އުނދަގުލެއް ވެސް ނޫން، ހިނގާ ހިތް ވެސް ވޭ. ވަރަށް އެކްސެސިބުލް ވެއްޖެ ހުރިހާ ތަނެއް ވެސް. އެހެން ހުރެލާފައި ހުރިހާ ތަނަކަށް ވެސް ހިނގާފައި މިހާރު އުޅެނީ. އެންމެ ބޮޑަށް އެވްރިޑޭގައި އެންމެ ބޮޑަށް ނޯޓިސްވާ އެއް ޗޭންޖު އެއީ، މާލެ ކުޑަވެފައި އިންނަނީ އަދި ހުރިހާ އެއްޗެއް ވެސް އެކްސެސިބުލްވެއްޖެ މިހާރު،" 

"ވަރަށް ބޮޑަށް ސޭވް ވޭ އެކަމަކު މިހާރު މާލެ ދާން ވިއަސް އަވަސް ސައިކަލަކުން އޯޑަރު ކުރެވޭ."

މި ފެށުނީ ލަހުން، އެކަމަކު އެންމެ މުހިއްމީ ފަރުވާތެރިވުން

ދަތުރު ހަދާފައި ކޮންމެ ދުވަހަކު ހުޅުމާލެ 2 އިން މާލޭގައި ހުންނަ ޖިމަށް ދިއުމަކީ ހުސީއަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެކަމަކު، ހިތްވަރު ގެއްލޭ ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެނީ އެކަން ފުރަތަަމަ ފެށުނު ގޮތެވެ. އެހެންވެ، ކަމަކާ މެދު ހިތްހަމަނުޖެހިފައި ހުއްޓަސް ނޫނީ ދެރަވިއަސް ހުސީއަށް އިތުރު ގޮތެއް ނޯވެ އެވެ. 

"މޯޓިވޭޝަނަށް ވުރެ ބޮޑަށް ޑިސިޕްލިން މުހިއްމު ވަނީ. ކޮންމެ ދުވަހަކު ވެސް މީހާއަށް އަންނަ ބަދަލު ފެނި ރަނގަޅަށް ހެލިފެލިވެ އުޅެ، ގައިގައި ހަކަތަ ހުންނަން ފެށީމަ އޭގެ މުހިއްމުކަން ރިއަލައިޒްވީމަ އެކަން ހުއްޓާލަން ބޭނުމެއް ނުވާނެ. މޫޑީވެ، ދާހިތްނުވެ ހުއްޓަސް، ވޯކައުޓު ނިންމާލީމަ މީހާ ހުންނަނީ ވަރަށް ހަމައަކަށް އެޅިފައި،"

ހުސީ ފަލައިރުގެ ފޮޓޯއެއް.

"ކޮންސިސްޓެންސީ އެންޑް ޑިސިޕްލިން އޯވާ މޯޓިވޭޝަން ދާހިތްނުވިއަސް،" އޮންލައިންކޮށް ގްރެފިކްސް ޑިޒައިންގެ މާސްޓާސް ޑިގްރީ ކިޔަވަމުން އަންނަ ހުސީ ބުންޏެވެ.

ކަސްރަތުކޮށް، އެކަމަށް ހިތްޖެހުމުން އޭނާއަށް މިހާރު ގަބޫލުކުރެވެނީ އެ ދުނިޔޭގެ ތެރެއަށް ވަދެވުނީ މާ ލަހުން ކަމަށެވެ. 

"މިހާރު ވަރަށް ހިތަށް އަރާ 120 ކިލޯގައި ހުރިއިރު ވޯކައުޓު ކުރަން ފެށުން ނަމަ ކިހާ ރަނގަޅު ވީހީ، އޭރު ވަރަށް ޒުވާން އަދި ވަރަށް ފަސޭހަވީހޭ ބަރުދަން ލުއިކުރަން. މިހާރު 155 ގައި ފެއްޓީމަ އެބަޖެހޭ ޑަބަލް އަދި ޓްރިޕަލް ވޯކްކުރަން. ވަރަށް ހިތަށް އަރާ ކަމެއް އެއީ." އަށެއްކަ މަސް ދުވަހުގެ މަސައްކަތުން 50 ކިލޯ ލުއިކޮށް، ބަރުދަން 105 ތިރިކުރި ހުސީ ބުންޏެވެ.


"ލައިފް އިސް ޓޫ ޝޯޓޭ ބޭނުން ވަރަކަށް ނުބަލާ އުޅެން. އުނދަގޫ ކަމެއްހެން ހީވިއަސް ފެއްޓީމަ ރިއަލައިޒްވާނެ އެހާ އުނދަގުލެއް ނުވާނެ. ކޮންމެ މީހަކަށް ވެސް ބަރުދަން ލުއިކުރެވޭނެ، އެކަމަކު ކުރަންޖެހޭ މަދު ކަންތައްތައް ކޮށްގެން. ރަނގަޅަށް ކައި، ނިދައި އަރާމުކޮށްގެން އުޅޭ ނަމަ ބަދަލު ފެންނާނެ. އެކަމަކު، އެންމެ ދުވަހަކުން ނޫން. 3-5 މަސް ވެސް ނަގާފާނެ. ނަމަވެސް، އެ ކަމެއް ކުރަންޏާ ފެންނާނެ،"

ރަނގަޅަށް ކާން ބޮޑު ހޭދައެއް ކުރާކަށް ނުޖެހޭ

އަދި ވެސް ވިސްނިފައި އޮންނަނީ ރަނގަޅަށް ކާން ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށެވެ. ސިކުނޑިއަށް އަންނާނެ ފުރަތަމަ އެއްޗަކީ ސެލެޑު ނޫނީ ވެސްޓާން ކެއުންތަކެވެ. އެކަމަކު، ހުސީގެ ތަޖުރިބާއަކީ އާއްމުކޮށް ދިވެހިން ކާ އެއްޗެހި ވެސް ހެލްތީކޮށް ބަދަލުކޮށްލެވޭނެ ކަމެވެ. މުހިއްމުވަނީ ބެލެންސާއި ޕޯޝަންކުރުމެވެ.

ގަރުދިޔަ އަދި ބަތަކީ ވެސް އެގޮތަށް ވަރަށް ފަސޭހައިން ގެނެވޭނެ ބަދަލެކެވެ. 

"މިހާރު ގަރުދިޔައާ ބަތާއި ލުނބޯކޮޅެއް ފިތާލީމަ ނިމުނީ. އެކަމަކު، ބަތްކޮޅު މަދުކޮށްފައި، މުރަނގަ ފަތް ނޫނީ ކޮޕީ ފަތްކޮޅެއް އަޅައި ތަރުކާރީކޮޅެއް އަޅާފައި ގަރުދިޔައިގެ މަސް ގިނަ ކޮށްލީމަ ހަމަޖެހުނީ. އޭރުން ހެލްތީވާނެ،" ހުސީ ބުންޏެވެ.

އޭނާ ބުނީ ކައްކަން ފިޔާ ރަތްކުރާއިރު އާއްމުކޮށް ތެޔޮ އަޅާ މިންވަރު، ކުޑަ ސަމުސަލަކަށް މަދުކޮށްގެން ވެސް ބަދަލެއް ގެނެވޭނެ ކަމަށެވެ.

ދެ ހިޔާލެއްގައި ހުރެފައި ހުސީ ޖިމަށް ދާން ފެށިއިރު އަތުގައި އޮތީ ބޫޓެއް އެކަންޏެވެ. ހަމަޖެހިލައިގެން ކަސްރަތުކުރާނެ އަންނައުނެއް ނެތެވެ. އެކަމަކު، އެއީ ބަހަނާއަކަށް ނުހަދައި އެ ބާރު މިނުގައި އޭނާ ފެށީ އެވެ. 

ކައިރި ތަނަކަށް ވެސް ހިނގާފައި ނުދެވުނު ޒުވާނާ މިދިޔަ ހަފުތާ ބަންދުގައި ވަނީ 10 ކިލޯ މީޓަރުގެ ރޭހެއް ނިންމައިފަ އެވެ. 

"މިހާރު މި ހުރީ ގޯލް ވެއިޓާ ވަރަށް ގާތްކޮށް. ނުވިސްނާ ފައްޓާށޭ ބުނާނީ،" 

"ފަހަށް މަޑުކުރާނެ ކަމެއް. ކަސްރަތުކުރަން ފަށަން މިއީ އެންމެ ރަނގަޅު ވަގުތު. އެއީ ދޭނެ ނަސޭހަތަކީ." އޭނާ ބުންޏެވެ.

ފިޓްނެސް ކަސްރަތު

Popular