8 Sep 2017

ތޫފާނުތަކަށް ނަން ދެނީ ކާކު، ކިހިނެއް؟

By: Niumathullah Idhurees

އެމެރިކާއަށް 2005 ވަނަ އަހަރު އެރި ތޫފާން ކެޓްރީނާގެ އެއްވެސް އަސަރެއް ދިވެހިރާއްޖެއަކަށް ނުކުރެ އެވެ. އެކަމަކު އެ ތޫފާނުގެ ނަން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ނަން ރީތިވެފައި، ދުލަށް ފަސޭހަވުމަކީ މި ނަން ހަނދާނުގައި ހުރި ސަބަބު ކަމަށް ވެދާނެ އެވެ.

އެޓްލާންޓިކްގެ ހަރިކޭން މޫސުމާ އެކު އަނެއްކާވެސް ރީތި ނަންނަމުގައި ތޫފާނުތަކުގެ ނަން އެބަ އިވެ އެވެ. މިހާރު އުޅެނީ "ހާވީ" އަރައިގެންނެވެ. ދެން "އިރްމާ" އެވެ.

މިހާރު ނަން އިވެމުންދާ ތޫފާންތަކާއި އޭގެ ކުރިން އައި ތޫފާނުތަކުގެ ނަންތައް، ތޫފާނު އެރި ތާރީހުގެ ތަރުތީބުން އަތުރާލައިފި ނަމަ ހާއްސަ ކަމެއް ފާހަގަވާނެ އެވެ. ކޮންމެ ނަމެއްގެ ފެށޭ އަކުރަށް ބެލުމުން، އޭބީސީ ތަރުތީބުން ހުރިކަން އެނގޭނެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ތޫފާނުތަކަށް ނަން ދިނުމަށް ގެންގުޅެނީ ތަފާތު ނަން ލިސްޓްތަކެކެވެ. ނެޝަނަލް ހަރިކޭން ސެންޓަރުން 1950ގެ ތެރޭގައި ވަނީ އެޓްލާންޓިކްގެ ތޫފާންތަކަށް ދޭނެ ނަންތަކުގެ ލިސްޓެއް ހަދައިފަ އެވެ.

ތޫފާނުތަކަށް ނަން ދޭ ލިސްޓް މިހާރު ބަލަހައްޓަނީ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ) އިންނެވެ. މި އިދާރާއިން، ލިސްޓުން އުނިކުރާނެ ނަންތަކާއި ބަދަލުކުރަން ޖެހޭ ނަންތައް ކަނޑައަޅާނެ އެވެ.

ތޫފާނަށް ނަން ދެނީ ކީއްކުރަން؟

މިއީ ރީއްޗަކަށް ކުރާ ކަމެއް ނޫނެވެ. ޑަބްލިއުއެމްއޯ އިން ބުނަނީ ތޫފާނަށް ޓެކްނިކަލް ނަމެއް ދިނުމަށް ވުރެ، އާންމުކޮށް ބޭނުންކުރާ ނަމެއް ދިނުމުން ހަނދާނުގައި ބަހައްޓަން މާބޮޑަށް ވެސް ފަސޭހަ ކަމަށެވެ. ހަނދާނުގައި ބަހައްޓަން ފަސޭހަ ނަމަކަށް ވުމުގެ އިތުރުން، އާންމު ނަމަކުން ނަން ދިނުމުން ތޫފާނާ ބެހޭ މައުލޫމާތު އާންމުންނަށް ދިނުމުގައި ވެސް މާބޮޑަށް ފަސޭހަވެ އެވެ. ތޫފާނުގެ ލޮކޭޝަނާ ގުޅުވައިގެން ނަންބަރުތަކެއް ދީގެން، އެއާ ބެހޭ މައުލޫމާތު ދަތުރުވެރިންނަށާއި އެހެން މީހުންނަށް ދޭއިރު އޮޅުމެއް އެރުމުގެ ފުރުސަތު ކުޑައީ ވެސް ފަސޭހަ ނަމެއް ދިނުމުން ކަމަށް ޑަބްލިޔުއެމްއޯ އިން ބުނެ އެވެ.

ނަން ދެނީ ކޮން ގޮތަކަށް ބަލައިގެން؟

ތޫފާނުތަކަށް ދޭނެ ނަން ލިސްޓެއް އޮންނަނީ ތޫފާނުތައް އުފެދުމުގެ ވެސް މާކުރިން ހަދައިފަ އެވެ. އެ ލިސްޓުގައި ނަންތައް ހުންނާނީ އޭބީސީ ތަރުތީބުންނެވެ. އެކި މޫސުމަށް އެކި ސަރަހައްދަށް ބޭނުންކުރާ ތަފާތު ލިސްޓެކެވެ.

އެޓްލާންޓިކް އަދި އިރު އުތުރު ޕެސިފިކް ސަރަހައްދަށް ހަ ލިސްޓެއް އޮވެ އެވެ. އަދި މިއީ ހަ އަހަރު ތެރޭ ބުރުހަމަވާ ގޮތަށް ބޭނުންކުރާ ލިސްޓުތަކެކެވެ.

އެންމެ ކުރިން ތޫފާނުތަކަށް ދެނީ އަންހެނުންނަށް ކިޔާ ނަމުން އެކަންޏެވެ. އެކަމަކު 1979 އިން ފެށިގެން ފިރިހެނުންގެ ނަންތައް ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

އެޓްލާންޓިކް ސީޒަނުގެ ލިސްޓުގައި 21 ނަމެއް އޮންނައިރު ކިޔު، ޔޫ، އެކްސް، ވައި އަދި ޒެޑުން ފެށޭ އެއްވެސް ނަމެއް ބޭނުމެއް ނުކުރާނެ އެވެ.

މިގޮތަށް އެކުލަވާލާ ލިސްޓުގައި ހުންނަނީ އެ ސަރަހައްދެއްގައި ބޭނުންކޮށް އުޅޭ އާންމު ނަންތަކެވެ. އެކަމަކު ވަކި މީހަކަށް ނިސްބަތް ނަމެއް ނަމަ ޑަބްލިޔުއެމްއޯ އިން އެ ނަމެއް ތޫފާނަކަށް ނުދޭން ނިންމަ އެވެ.

މި ލިސްޓުތަކުން ނަންތައް "ރިޓަޔާ" ވެސް ކުރެ އެވެ. މާބޮޑަށް ގެއްލުން ލިބުނު ތޫފާނެއް ނަމަ ތޫފާނަކަށް ދެން ދުވަހަކު ވެސް އެ ނަމެއް ނުދޭނެ އެވެ. އެގޮތުން ކެޓްރީނާ، ސޭންޑީ އަދި މެތިއު އަކީ ވަރަށް ގެއްލުން ބޮޑު ތޫފާނުތަކަށް ވާތީ މިހާރު ވަނީ ލިސްޓުން އެ ނަންތައް އުނިކޮށްފަ އެވެ.

މޫސުން ތޫފާން

Popular