24 Oct 2017

އޭ-މޯޑްގެ ހަޔާތުނާމާ: ފައްކާ ދިވެހި ޒުވާނެއް!

އޭ-މޯޑްގެ ހަޔާތުނާމާ: ފައްކާ ދިވެހި ޒުވާނެއް!

By: Ahmed Nadym

ނިކަން ކުޑައިރު މަންމަ އާއި ބައްޕަ ވަކިވެ، ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތް ހުސްވެ، އިލްމާއި ޙިލްމު ލިބިގަނެވޭނެ މަގާއި ދޮރު ބަންދުވެފައިވީ ހާލަތެއްގައި މި ނުބައިވެގެންވީ ދުނިޔެއާ އަލުން ކުރިމަތިލައި އޭގެ މައްޗަށް ކުރި ހޯދުމަކީ އެއްގޮތަކަށް ވެސް ފަސޭހަވާނޭ ކަމެއް ނޫނެވެ. އެކަމަކު މޭކްއޯވާގެ މި ހަފުތާގެ ހޮވުމަކީ އެހުރިހައި ހާލާތެއް ވެސް ބަލިކޮށް ދިރިއުޅުމުގެ މުޅިން އާދަޔާހިލާފު ތަޖުރިބާތަކެއް ކިޔައިދޭ ޒުވާނެކެވެ. އޭނާގެ ނަމަކީ މުހައްމަދު އަހުމަދެވެ.

"އެކަމަކު އޭ-މޯޑްގެ ގޮތުގައި ސޭވްކޮށްލާ. އޭއި-މޯޑް. އެގޮތަށް ނަން ސޭވްކޮށްލައްޗޭ،" މުހައްމަދު އަހުމަދު ކިޔަސް އެންމެން އޭނަ އަށް ގޮވައި އުޅޭ ރައްޓެހި ނަމަށް އޭނާގެ ފޯނު ނަމްބަރު ސޭވްކުރުމަށް އިރުޝާދު ދެމުން މޯޑް އަހަންނަށް ކިޔާލަދިނެވެ.

އޭ-މޯޑްގެ މޭކްއޯވާ ބިހައިންޑް ދަ ސީންސް

އަހަރެމެން ތިބީ މާލޭގެ މަސް މާރުކޭޓު ކައިރިން ގޮސް ތޮށިގަނޑުމަތީގަ އެވެ. އޭރު، ފުންމާލެވޭހާ ގާތުގައި އަޅާފައިވީ ކަންނެލި ދޯނިތަކަށް އަރައި ފައިބަމުންދާ މީހުންތައް ރަތްދަކައަވީގައި އެއްވެސް ވަރުބަލިކަމެއް ނެތި ފުންމަމުން ފުންމަމުން ގެންދާ މަންޒަރު ފެނެ އެވެ. އަހަރެމެންނަށް މޯޑު ފެނުނީ ފުންމާލައިގެން ގޮސް ދޯންޏަކަށް އަރައިގެން ގޮސް އެހެން ދޯންޏަކަށް ފުންމަން ފަރިކޮށްލިތަނުންނެވެ. އެކަމަކު އަހަރެމެންގެ ފޮޓޯގްރާފަރު މަސްރަހް ދުވެލާފައި ގޮސް އޭނާ އަށް ގޮވާލުމުން ނިކަން އެކުވެރި މޫނަކާ އެކު އެނބުރި އައިސް ތޮށިގަނޑު މައްޗަށް އަރައިފި އެވެ.

މޯޑް، އޭނާގެ ރައްޓެއްސަކާ އެކު ތޮށިގަނޑުމަތީގައި މަޑުކޮށްލައިގެން. --ފޮޓޯ: މަސްރަހް

މޯޑު ގޮވައިގެން ގޮސް އަހަރެމެން މަޑުކޮށްލީ ގަހެއްގެ ހިޔަލުގަ އެވެ. އަހަރެމެންނޭ މި ބުނީ މަށާއި މަސްރަހާއި ވީޑިއޯގްރާފަރު އަފްޝީނު ވާހަކަ އެވެ. އެއަށް ފަހު މަސްރަހް ލައްވައި އަރިއަރިއަށް މި ޒުވާނެއްގެ ފޮޓޯނަގައި ހަދައިލުމުން މޭކްއޯވާގެ ޕާފެކްޓް މޫނަކީ އޭނާކަން އަހަރެމެންނަށް ޔަގީންވެއްޖެ އެވެ. މި ވާހަކައެއް ކިޔައިދިނުމުން އެންމެ ފުރަތަމަ މޯޑު ޖަހާލީ ޗަކަ ހިނިގަނޑެކެވެ. އެކަމަކު ހަމަ އެއްވެސް ޖެހިލުމެއް ނެތި ފޮޓޯ ސެޝަނަށް އޭނާ އެއްބަސްވެއްޖެ އެވެ.

މޯޑް ދޯންޏެއްގައި: އޭނާ ކުރިން ކަންނެއްޔަށް ދިޔައީ މީގެ ދޯންޏެއްގައި. --ފޮޓޯ: މަސްރަހް

އެއަށް ފަހު އޭނައާ ގުޅޭނެ ނަމްބަރު ނަގައިގެން "އޭއި-މޯޑް" ގެ ނަމަށް ސޭވްކޮށްގެން އަހަރެމެން ތިން މީހުން ނައްޓާލީއެވެ. ޖެހިގެން އައި ދުވަހު އަހަރެމެން އޭ-މޯޑް ހަވާލުކޮށްލީ މި ސެގްމަންޓްގެ ސްޓައިލިސްޓް ނޫރާ އާއެވެ. މޯޑް ގޮވައިގެން ނޫރާ ދިޔައީ ރޮމްބަސް އަށެވެ. ޗާނދަނީ މަގުގައި އެހެރަ ބޮޑުބޮޑު ރޮމްބަސް އަށެވެ.

މިހުރިހައި ތައްޔާރީއަކަށް ފަހު ފޮޓޯޝޫޓް އަހަރެމެން ފެށީ އޭގެ އަނެއް ދުވަހުގެ ހެނދުނު، ގާތްގަނޑަކަށް އަށެއް ޖެހިއިރެވެ. ފޮޓޯތައް ޝޫޓްކޮށްފައި އެ ވަނީ ރަސްރަނި ބަގީޗާ އާއި އެ ޕާކާ އިންވެގެންވީ ހިސާބުތަކުގަ އެވެ.

މޯޑު އޭނާ ކުރިން މަހަށް ދިޔަ ދޯނީގައި ފޮޓޯއަކަށް ހުއްޓިލައިގެން. --ފޮޓޯ: މަސްރަހް

އެހެންވީމަ މޯޑްގެ ވާހަކައަކީ ކޮބައި ހެއްޔެވެ؟ މި ޒުވާނާއަކީ ވެސް އާދައިގެ މަތިން މި ސިލްސިލާގެ "ކުއްލި" ހޮވުމެކެވެ. އަހަރެމެން އަސްލު މަސް މާރުކޭޓު ސަރަހައްދަށް ދިޔައީ ޒުވާން ކެޔޮޅެއް ނުވަތަ މަސްވެރިއަކު ފެނޭތޯ ބަލާށެވެ. އެކަމަކު އަހަރެމެންނަށް ވެސް ނޭނގި އެއް ދޮނުގަ ދެ ބުޅިޖެހުނީ އެވެ.

އުމުުރުން 26 އަހަރުގެ މި ޒުވާނާއަކީ އަސްލު މަސްވެރިއެއް ނޫނެވެ. އެ ދުވަހު އޭނާ އަހަރެމެންނަށް ދޯންޏަކުން ފެނުނީ ކަންނެއްޔަށް ދާ އޭނާގެ ރައްޓެއްސަކާ އަނގައެއްތަޅާލަން ގޮސް އުޅުނު އުޅުމެއްގެ ތެރެއިންނެވެ. އެކަމަކު އެ ދޯންޏަކީ މީގެ ދެ ތިން އަހަރު ކުރިން މި މޯޑު ވެސް ކަންނެއްޔަށް ގޮސް އުޅުނު ދޯންޏެވެ. އެހެންވީމަ މޯޑު މި ވަނީ ކުރީގެ-މަސްވެރިއަކަށެވެ.

މޯޑް، އޭނާގެ ކުރީގެ ދޯނީގައި މަޑުކޮށްލައިގެން. --ފޮޓޯ: މަސްރަހް

މިހާރު އޭނާ އަދާކުރާ ރަސްމީ ވަޒީފާއަކީ ސަޕްލައި ދޯންޏެއްގެ ކައްޕިކަމެވެ. ސަނަދު ލިބިގެން ރަސްމީކޮށް ހުންގާނާ އޭނާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހު ކަމުގައިވިޔަސް މޯޑުގެ ހަޔާތުގައި އެންމެ ގަދަ ހަނދާނަކީ އަދި ކުލައަކީ ވެސް މާކަނޑުގެ ވާހަކަ އެވެ.

"ކަނޑުމަތީގައި މިގޮތަށް އެކި މަސައްކަތުގައި އުޅޭތާ މިހާރު ދިހަ ވަރަކަށް އަހަރުވެދާނެ. އެންމެ ފުރަތަމަ ކަނޑުމައްޗަށް މިގޮތަށް ނުކުތީ ފަރުމަހަށް ދާންވެގެން،" ފޮޓޯސެޝަނަށް ފަހު މި ސެގްމަންޓަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން މޯޑު ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

"ފަރުމަހަށް ގޮސްގޮސްފައި ދެން އުޅުނީ އެމްޓީސީސީގެ ފެރީއެއްގައި ފަޅުވެރިއަކަށް. އެއީ ވަރަށް ކުރިން. ވިލިގިއްޔާއި މާލެއާ ދެމެދު ދަތުރުކުރި ފެރީއެއް އެއީ. ދެން އެއަށް ފަހު ދާން ފެށީ ކަންނެއްޔަށް. ކަންނެއްޔަށް ދެވުނު ވަރަށް ގިނަ ދުވަހު."

ގާތްގަނޑަކަށް ހަތް އަހަރު ވަންދެން މޯޑުގެ ރަސްމީ ވަޒީފާއަކީ އެއީ އެވެ. އެއަށް ފަހު ނިޔަމި ކޯހެއް ފުރިހަމަކޮށް ކައްޕިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މިހާރު ގާތްގަނޑަކަށް އަހަރު ދުވަސްވީ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

މޯޑަކީ އޭނާގެ މަންމަގެ ތިބި ފަސް ކުދިންގެ ތެރެއިން ހަތަރު ވަނަ އެވެ. އޭނަގެ ތިބީ އެއް ބަނޑު ދެ ބޭބެ އާއި ދައްތަ އަކާއި ދޮއްޓަށް ހުރި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެކެވެ. އޭނާގެ އަންހެން ކޮއްކޮ މީހަކާ އިނދެގެން މިހާރު ދިރިއުޅެނީ ޔޫކޭގަ އެވެ. ދޮއްޓަށް ހުރި ދައްތަ މީހަކާ އިނދެގެން ދިރިއުޅެމުން އަންނަކީ ރަށުގަ އެވެ. ދެ ބޭބެ އަކީ ރިސޯޓެއްގެ ރެސްޓޯރަންޓް ވަޒީފާގައި ނިކަން އަވަދިނެތި އުޅެމުން އަންނަ ދެ ހުނަރުވެރިންނެވެ. އެ ދެބައިން ވެސް މަސައްކަތްކުރަނީ އެއް ރިސޯޓެއްގަ އެވެ. މޯޑު ވެސް އެ މީހުންނާ އެކު ރިސޯޓަށް ނުދިޔައީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ދެން އޭނާ ކިޔައިދިން ވާހަކައާ އެކު މި ޖެހެނީ އެންމެ ދެކުނުގައި އޮތް އައްޑޫ އާއި ފުވައްމުލަކުގެ ހަނދާންތަކެއްގެ ތެރެއަށް ދާށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

މޯޑުގެ ބައްޕަ އަކީ ސ. މަރަދޫ މީހެކެވެ. މަންމަ، ފުވައްމުލަކެވެ. މޯޑު އާއި އޭނާގެ ކުޑަކުޑަ އާއިލާ އޭރު އުޅުނީ މަންމަގެ ރަށުގަ އެވެ. އެކަމަކު އޭރު ވެސް އޭނާގެ ބައްޕަގެ އެހީތެރިކަމެއް އާއިލާ އަށް ނުވަތަ މަންމަ އަށް ވެސް ނުލިބެ އެވެ.

"ބައްޕަ އުޅޭނެ މިހާރު ވެސް މާލޭގަ، އެހެން މީހަކާ އިނދެގެން. ހަނދާން ހުންނަން ފެށީއްސުރެން ބައްޕަ އުޅެނީ އެގޮތަށް. އަހަރެންގެ ހަނދާނުގައި ވެސް އަދި ލޮލަކަށް ނުފެނޭ ބައްޕައެއް އެއީ،" މޯޑު ބުނެލި އެވެ.

ނިކަން ކުޑައިރު މަންމަ އާއި ބައްޕަ ވަކިވެ އާއިލާ ރޫޅިގެން ދިއުމުން އެމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ބޮޑުވެ އެހެން މީހުންގެ ފުރައްސާރަ ވެސް އަމާޒުވާން ފެށީ އެވެ. އެންމެފަހުން އެ ފަގީރުކަމާ އެކު މޯޑުގެ މަންމަ އޭނާގެ ދަރިންތައް ގޮވައިގެން ތާއަބަދަށް ފުވައްމުލަށް ދޫކޮށް ފުރައިގެން ދިޔައީ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

"ރަށުގައި މަންމަ އޭރު އުޅުނީ ވަރަށް ނިކަމެތިކޮށް. އަހަރެން ސްކޫލަށް ވައްދަން އުޅުނީމަ އެފަހަރު ސްކޫލަށް ނުވެއްދީ ... އެއަށް ފަހު މަންމަގެ އިތުރު އެއްވެސް ކުއްޖަކު ސްކޫލަކަށް ނުވެއްދި އެ ރަށު މީހުން. ސްކޫލަށް ނުދެވި މަންމައާ އެކު އެންމެފަހުން މާލެ އައިއިރު ވާނީ 10 އަހަރު،" މޯޑު ކިޔައިދިނެވެ.

"އޭގެ ފަހުން ދުވަހަކު ވެސް ފުވައްމުލަކަށް ނުދަން. ދާން ބޭނުމެއް ވެސް ނޫން މިހާރަކު. ދާހިތެއް ވެސް ނުވޭ. އެ ރަށަށް ނުދާނެ ވާހަކަ އޮންނާނީ ބުނެފައި ރަށުގައި އުޅޭ މަންމަ އާއިލާގެ މީހުން ގާތު ވެސް"

"މާމަގެ އާއިލާ ގޯހީކީ ނޫން. އެމީހުން ވަރަށް ރަނގަޅު. އެކަމަކު އެހާ ހާލުގައި އުޅެފައި އެ ރަށު މީހުން މަންމަ އެ ރަށުން ފައިބަން މަޖުބޫރުކުރުވީތީ. ސްކޫލަށް ދަރިން ނުވެއްދީމަ މަންމަ އަށް މަޖުބޫރުވީ އެ ރަށް ދޫކޮށް ދަރިން ގޮވައިގެން ދާން. ކޮންމެ މަންމައަކު ވެސް ބޭނުންވާނެތާ ކޮންމެ ގޮތެއް ހަދައިފައި ވެސް ދަރިންނަށް ކިޔުއްވައި ރަނގަޅުގޮތް ވާން"

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

"އެކަމަކު މާލެ އައިސް ވެސް ލާޗާރި ބިޗާރި އަށް ތެޅުނީ އެންމެ ފުރަތަމަ."

މި ހާލެއްގައި އުޅެނިކޮށް މޯޑުގެ އަތުގައި ހިފީ އޭނާގެ ރަޖިސްޓްރީ މިހާރު އޮތް ދަރަނބޫދޫގެ ހެޔޮއެދޭ ފަރާތަކުންނެވެ. އެމީހާ ދިނީ އެ ރަށަށް ގޮސް ކިޔަވާނެ ފުރުސަތެވެ.

"ސްކޫލަށް ނުވަދެވި ތިބޭ ކުދިންނަށް އެ ރަށު މީހުންގެ ޚަރަދުގައި ކިޔަވައިދޭ މީހުން އުޅޭ އެ ރަށުގައި. އެގޮތަށް އެ ރަށު މީހަކާ ދިމާވެގެން އެ މީހާ ފުރުސަތު ހޯދައިދިނީ ކިޔަވަން ދާން. އެކަމަކު އަހަރެން އެހާ ބޭނުމެއް ނުވި ދާކަށް. ނުވިޔަސް އެންމެފަހުން ދިޔައީ އެއީ އަންހެން ކޮއްކޮ ކިޔަވަން ދާން ބޭނުންވެފައި ހުރިވަރުން،" މޯޑު ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

"މަންމަ ބުނީ މަ ނުދަންޏާމު ކޮއްކޮއަކަށް އެކަނި އެ ރަށަކަށް ނުދެވޭނެއޭ. ދެން މަށަށް މަޖުބޫރުވީ ކޮއްކޮ އަށް ކިޔުއްވަން ކޮއްކޮ ގޮވައިގެން އެ ރަށަށް ދާން. ދެން ގޮސް ކޮއްކޮ ގްރޭޑް 10އެއް ނިމެންދެން އަހަރެން ސްކޫލަށް ދިޔައީ. އެއީ ކޮއްކޮ ކިޔަވައި ނިމެންދެން ވިއްޔަ މަ ސްކޫލަށް ދިޔައީ."

މޯޑުގެ 26 އަހަރުވީ ހަޔާތުގައި އޭނާ ދިޔަ ހަމައެކަނި ސްކޫލަކީ އެ ރަށު މަދަރުސާއެވެ. ކިޔެވި ހަމައެކަނި ގްރޭޑަކީ، ގްރޭޑު ހައެކެވެ.

"އެ ރަށަށް ދިޔައިރު ވާނީ ގާތްގަނޑަކަށް 13 ވަރަކަށް އަހަރު. ދިޔަގޮތަށް ގޮސް ވަނީ ގްރޭޑް ހައެކަށް. މަ ނުކިޔަވަން އެކަމަކު އެކައްޗެއް ވެސް. ސްކޫލަށް ދިޔައީ އަސްލު ކޮއްކޮއަށްޓަކައި،" މޯޑު ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

ކިޔެވުމާ ކިތަންމެ ދުރުގައި އުޅެން ބޭނުންވިޔަސް އޭނާގެ އަތުގައި އޮތީ އަބަދުވެސް ނިކަން ބޮޑު ހިތެކެވެ. އާޚިރުގައި މޯޑުގެ ލާޗާރު ބިޗާރީކަން ކަނޑުގައި ޒިންމާދާރު ޒުވާނަކަށް އޭނާ ބަދަލުކޮށްލަދިނީ ވެސް އެ ބޮޑު، މޮޔަ ހިތެވެ. ކިޔަވަން ގޮސް އުޅެނިކޮށް އެ ރަށުގެ އަންހެން ކުއްޖަކަށް އޭނާގެ ހިތް ބަންޑުންވި ހިސާބުންނެވެ.

މޯޑުގެ ހަޔާތުގެ ބައެއް ވާހަކަ ބައެއް މީހުންނަށް ކަމުނުގޮސްފާނެ އެވެ. އެކަމަކު ޔަގީނަށް ވެސް އޭނާގެ ހަޔާތުގެ ލޯބީގެ ވާހަކަ އެންމެން ވެސް އެމީހުންގެ އަމިއްލަ ވާހަކައަކަށް ހަދަން ބޭނުންވާނެ އެވެ. އޭނާ މިހާރު ވެސް އިނދެގެން އުޅެނީ ސްކޫލްގައި އުޅެމުން ރައްޓެހިވި އަންހެން ކުއްޖާއާ އެވެ. ދެ މީހުންގެ ލޯތްބާއި ގުޅުމަށް ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި ތިން އަހަރުގެ އަންހެން ކުއްޖަކު ލިބިފައި އެބަހުއްޓެވެ.

މޯޑު ބުނީ މުހައްމަދު އަހުމަދުހާ ރަނގަޅު ޒުވާނަކަށް އޭނާ ބަދަލުކޮށްލި ލޯތްބަކީ ރަށުގައި ހުރި އޭނާގެ އަންހެނުން ކަމަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

"އޭނައާ މެރީކުރަން އެންމެ ފުރަތަމަ އޭނަގެ އާއިލާ މީހުން އޯކޭއެއް ވެސް ނުވި. އޭނައާ މެރީކުރަން މަށަށް ޖެހުނީ އިސްލާހުވެ ރަނގަޅު މީހަކަށް ބަދަލުވާން. ދެން މަ ދާން ފެށީ ކަންނެއްޔަށް. ކަންނެއްޔަށް ދަމުން މެރީކުރީވެސް،" މޯޑު ކިޔާލަދިނެވެ.

"އެކަމަކު އޭނަ ބޭނުމެއް ނޫން އަހަރެން ކަންނެއްޔަށް ދާކަށް. މިހާރު މި އުޅޭ ވަޒީފާ މާ ރަނގަޅޯ ބުނަނީ."

މޯޑު ބުނަނީ އޭނާ އަށް ވެސް މިހާރު ރަނގަޅީ ކައްޕިކަމުގެ ވަޒީފާ ކަމަށެވެ. އެއީ ކަނޑު ރޯއްޖަށް ކޮންމެ މަހަކު ކުރަން ޖެހޭ އިންތިޒާރު މިހާރު ކުރުވެފައި ސީދާވުމުންނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

ކުރިން ލިބޭ އާމްދަނީގެ ޔަގީންކަމެއް ނެތަސް މިހާރު ކޮންމެ މަހަކު އޭނާ އަށް ކައްޕިކަމުން 13،000ރ. ގެ އާމްދަނީއެއް ލިބެ އެވެ. ގިނަ ވަގުތު އަންހެނުންނާއި ދަރިންނާއި އާއިލާއާ ދުރުގައި އުޅެން ޖެހުނަސް މޯޑު ބުނަނީ އޭނާގެ ދިރިއުޅުން ވަރަށް ވެސް ހަމަޖެހިފައި އުފާވެރި ކަމަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | ވޯޑްރޯބް: ރޮމްބަސް

"ކަނޑުމަތީގައި މިގޮތަށް ގިނައިރު އުޅެން ޖެހުނަސް ނުރައްކާ ވަޒީފާއެއް ނޫން މިއީ މަށަކަށް. އެހެން ނޫނަސް ދިރިއުޅުމުގެ ކަންތައް ދެކޮޅު ޖެއްސޭނީ ވެސް ބޮޑެތި ރިސްކުތައް ނަގައިގެނެއްނުން މިހާރު؟"

މަސްވެރިން

Popular