By: Asiya Abdul Raheem (Dietician)
ބޮނޑިބަތް، ރިހާކުރު، ހަނާކުރި ހަވާދު، ނާރޯފަލްދާ، އައްޑޫ އަދި ހުވަދޫ ބޮނޑި ފަދަ ރާއްޖެ އަށް ހާއްސަ އެތައް ކެއުމެއްގެ ތެރެއިން އަޅުގަނޑުގެ ނަޒަރު އެ ކާނާއަކާ ދިމާއަށް ހުއްޓޭ އެކައްޗަކީ ގުޅަރިހަ އެވެ. ގުޅަރިހަ އަކީ ތިލަދުންމައްޗާއި ހައްދުންމަތި ފަދަ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޚާއްސަ ރިހައެއް ނަމަވެސް ހައްދުންމަތީގެ ރަހުމަތްތެރިން ބުނާގޮތުން ގުޅަރިހަ ނުވަތަ ހައްދުންމަތީގައި ކިޔާގޮތުން ނަމަ ގޮޅަރިހަ އަކީ ހައްދުންމަތިން ތައާރަފްވި ރިހައެކެވެ.
ގޮޅަރިހަ ތައްޔާރުކުރާ ގޮތާ ބެހޭ ގޮތުން ހައްދުންމަތީ ރަހުމަތްތެރިން ކަމަށްވާ އައިޝާ (އަސްލު ނަމެއް ނޫން) އާއި ފާތުން (އަސްލު ނަމެއް ނޫން) އަޅުގަނޑާ ހިއްސާކުރި ރެސިޕީ "ދޯ" ގައި ހިއްސާކޮށްލާނަމެވެ.
މަސްގުޅައަށް ބޭނުންވާތަކެތި
ފަރުމަސް (ސަމްސަލަކުން ކަހާފައި ނުވަތަ ހިމުންކޮށް މުގުރާފައި)، ދިވެހި ހަވާދު، ފިޔާ، މިރުސް، ދިރި، އިނގުރު، ހިކަނދިފަތް، ލޮނުމެދު، ލޮނު
ދިވެހި ހަވާދު، ފިޔާ، މިރުސް، ދިރި، އިނގުރު، ހިކަނދިފަތް، ރާނބާފަތް، ލޮނުމެދު، ލޮނު، ކާށިކިރު
މަސްގުޅަ އަށް ނަގާފައި ހުރި ފިޔާ، މިރުސް، ދިރި، އިނގުރު، ހިކަނދިފަތް، ލޮނުމެދު، އަދި ހަވާދު ރަނގަޅަށް ފުނޑާލާށެވެ (ނުވަތަ ބްލެންޑް ކޮށްލާށެވެ). ތައްޓެއްގެ ތެރެއަށް މަހާއި ހަވާދުގެ ބާވަތްތައް އަދި ލޮނު ލައިގެން ރަނގަޅަށް މޮޑެލާފައި ކުދި ގުޅަގުޅަ އަށް ޖަހާލާށެވެ.
ގޮޅަ ރިހައިގެ މަސް ކަނޑަނީ
ރިހައަށް ނަގާފައި ހުރި ފިޔަލުގެ އެއްބައި، މިރުސް، ދިރި، އިނގުރު، ހިކަނދިފަތް، ލޮނުމެދު އަދި ހަވާދު އަޅައިގެން ހިމުންކޮށް މުގުރާލާށެވެ. ބާކީ ހުރި ފިޔާކޮޅު ކުދިކޮށް ކޮށައި، ހިކަނދިފަތާއި ރޯ މިރުސް އަޅައިގެން މީރުކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި ހަވާދު އަޅައިގެން ފަސް ވަރަކަށް މިނިޓްވަންދެން ހަނާކޮށްލާށެވެ. ދެން އޭގެތެރެއަށް ކާށިކިރު އަޅާ މަޑުގިނީގައި ކައްކައި ރިހަގަނޑު ކެކެން ފެށުމުން އޭގެތެރެއަށް ގުޅަތައް އަޅައިގެން ރޯ ފިލަންދެން ކައްކާ ލޮނު ހެޔޮވަރު ކޮށްލާށެވެ.
ގުޅަ ހަދަން މަސްގަނޑު މޮޑެނީ
މި ރެސިޕީއަކީ އަޅުގަނޑުމެންގެ ރަހަތަކާ ގުޅޭ އަދި ސިއްހީ ގޮތުން ވަރަށް ފައިދާހުރި ބައެއް ކާނާ ބޭނުންކޮށްފައިވާ ރިހައެކެވެ. ކަނޑުމަސް އަދި ފަރުމަހަކީ އެއްގަމު މަހާ އަޅާ ބަލާއިރު ސަރުބީގެ ބައި މަދުވެފައި ކޮލެސްޓްރޯލް މަތިވިޔަ ނުދޭން ވަރަށް ރަނގަޅު މަހުގެ ބާވަތެކެވެ. އަދި އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޑައިޓަރީ ރިކޮމެންޑޭޝަންގައިވާ ގޮތުން ހަފްތާގެ މަދުވެގެން ދެ ދުވަހު މަހު ބާވަތެއް ބޭނުން ކުރުން އެދެވިގެން ވެއެވެ. އަދި މި ރެސިޕީގައި ބޭނުންކޮށްފައިވާ ފަރުމަހަކީ ކަނޑުމަހާ އަޅާ ބަލާއިރު ޕިޔުރިންގެ ބައި މަދު ބާވަތެއް ކަމުން ލޭގައި ޔޫރިކްއެސިޑް އޭ ކިޔާ މާއްދާ މައްޗަށް ދާނަމަ ކަނޑުމަހުގެ ބަދަލުގައި ކޮންމެވެސް މިންވަރަކަށް ބޭނުންކުރެވޭނެ އެވެ. އަދި މި ރެސިޕީގައި ބޭނުންކޮށްފައިވާ ދިރި، ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ދިވެހި ހަވާދުގެ ބާވަތްތަކަކީ ޕޮޓޭސިއަމްގެ މިންވަރު ގިނަ ކާ ތަކެތިކަމުން ލޭގެ ޕްރެޝަރު މައްޗަށް ދާނަމަ ބޭނުންކުރަން ވެސް ރަނގަޅެވެ.
މި ރެސިޕީގައި ހަށިގަނޑަށް ގެއްލުން ކޮށްފާނެ އެއްޗެއް ކަމުގައި ހިމެނެނީ ކާށި ކިރުގެ ބާވަތެވެ. ކާށި ހުންޏާއި ކާށި ކިރަކީ ހަށިގަނޑަށް ގެއްލުންވާ ސެޗުރޭޓަޑް ފެޓް ގިނަ ބާވަތެއްކަމުން ކާށި ކިރު ނުވަތަ ހުނި މާ ގިނައިން ބޭނުން ކުރެވޭ ނަމަ ލޭގައި ހުންނަ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލްގެ މިންވަރު މަތިވުން ގާތެވެ.
ގުޅަ ހަދަނީ
އެހެންކަމުން ކާށި ކިރު ބޭނުންކުރާ ނަމަ ބޯ ކިރުގެ ބަދަލުގައި ފެން ކިރު، ނުވަތަ ކާށި ކިރުގެ ބަދަލުގައި ކާޑް ނުވަތަ ހިކިކިރު ގިރައިގެން ނުވަތަ ގެރީގެ ދިޔާ ކިރު ބޭނުންކޮށްލުމުން މިކަން ރަނގަޅު ކޮށްލެވިފައި ރަހަ ކުޑަކޮށް ތަފާތުވި ކަމުގައި ވިޔަސް މީރު އެހެން ރަހައެއް ޖައްސާލެވޭނެ އެވެ.
މި އާޓިކަލް ލިޔަން ރެސިޕީ އާއި ފޮޓޯތައް ނަގައިދީ އަދި މި މީރު ރިހަ ކައްކައި، އަޅުގަނޑަށް ރަހަ ދައްކައިދިނީތީ ހައްދުންމަތީގައި ތިބި ރަހުމަތްތެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. އާޓިކަލް އަށް ބޭނުންވާ ނިޔުޓްރިޝަންގެ މައުލޫމާތު ހޯދީ އެމެރިކަން ހާޓް އެސޯސިއޭޝަންގެ ވެބްސައިޓް އަދި ކްރޯސަސް ފުޑް އެން ނިޔުޓްރިޝަން ކެއާ ޕްރޯސަސް 13 ވަނަ އެޑިޝަނުންނެވެ.