By: Nurah Rasheed
މަގުމަތިން ހިނގާފައި ދިޔަޔަސް، ތަނެއްގައި ހުއްޓިލައިގެން ހުއްޓަސް ނުވަތަ ކެފޭއެއްގައި އެކަނި އެއްޗެއްކާލަން އިނަސް މި ފުރައްސާރައިގެ އުނދަގޫ ނުޖެހި ސަލާމަތްވާނީ ހާލަކުން ފަހަރަކު އެވެ. މިހެން ފޮށޭ މީހުންނަށް އޮތް އެންމެ މުހިންމު އެއް ސުވާލަކީ މިއީ އެވެ؛
މީހަކު ވަގުތު ހުސްކޮށްގެން އެހެން ކަމަކަށް ވިސްނުން ހާއްސަކޮށްގެން ހުއްޓާ ތިހެން ބެހެން ފެށުމުން އެ މީހަކަށް އަމިއްލަ ރައްކާތެރިކަމާ މެދު ވިސްނުން ނޫން ދެން އެހެން ކަމަކާ ވިސްނޭނެ ހެއްޔެވެ؟
މި ދައްކަނީ ކޮންމެ ދުވަހަކު ކުރަން ހުންނަ ކަންކަން ފުރިހަމަކުރަން އުޅޭއިރު ދެޖިންސުގެ މީހުންނަށް ވެސް ކުރިމަތިލާން ޖެހޭ ބައެއް ދުއްތުރާތަކުގެ ވާހަކަ އެވެ. މަގުމަތިން ދާއިރު ހޯއް ގޮވައި ތުނބުން ފުމެ ނުވަތަ އުނދަގޫވާ ފަދަ ކޮންމެންޓުތަކާއި ބަސް ބުނާ ވާހަކަ އެވެ. އާދައިގެމަތިން މިކަންކަމާ ކުރިމަތި ލާން ޖެހޭ މީހުންނަށް މިއީ ހާދަ ބޮޑު ހާސްކަމަކާއި ވަރުބަލިކަމެކެވެ.
އެއްވެސް ވަރަކަށް މަގުމަތީގައި އެހެން މީހެއްގެ އެޓެންޝަން ބޭނުންނުވެ ހިނގާލާފައި ދާ މީހާއާ ދިމާލަށް މިހެން ކަންކަން ކުރުމުން ތިމާއަށް ލިބޭ ފައިދާއެއް ނެތް އިރު މިކަހަލަ ކޮމެންޓުތަކާއި ބަސްތަކަކީ އަހަރެމުން އެއްވެސް ވަރަކަށް ބޭނުންވާ ފަދަ ބަސްތަކެއް އަދި އެޓެންޝަނެއް ވެސް ނޫނެވެ. ބައެއް ފަހަރު މި ސީންތައް ބޮލުގައި ހަރުލާފައި ހުރުމުން ދުވަހުގެ ޕްރޮޑަކްޓިވިޓީއަށް ބުރޫއަރައި މޫޑު ގޯސްވެ މީހަކާ އެކީ ނޫނީ މަގުމަތީގައި އުޅެން ބިރުގަންނަގޮތް ދިމާވެ އެވެ.
ފޮށުމަކީ ކީއްވެ ކުރާ ކަމެއްކަން ބައެއް ދިރާސާތަކުން ލަފާކޮށްފައި އެބަހުއްޓެވެ. މަގުމަތިން ފެންނަ ނުދަންނަ މީހުންގެ ހެދުމާއި ސިފައަށް މިގޮތަށް ބާރަށް ކޮމެންޓުކުރުމުން އެ މީހަކު އުފާވެ ބަލާނެ އެ މީހުންނަށް ހީވެއެވެ. އާންމުކޮށް ކިޔާ ގޮތުން ނަމަ "ސެޓުވެދާނެ" ހެން ހީވަނީ އެވެ. މި ހީގެ މައްޗަށް އެ މީހުން ހިތުން އެ ކުރަނީ "ފްލާޓް" އެވެ.
ބޯ ހަމަ ޖައްސާލައި ފޫހިފިލުވާލަން މަގުމައްޗަށް ނުކުންނަ އިރު ފެންނަ މީހަކާ ދިމާލަށް އެއްޗެއް ބުނެލައި ސްޓްރެސް ބޭރުކޮށްލަން ވެސް މިކަން އެބަ ކުރެ އެވެ. މަދުން ނަމަވެސް މީގެ ތެރޭގައި އުޅޭ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިބަސްތައް ރައްދުވާ މީހާއަށް ލިބޭނީ އުފާވެރިކަމެވެ.
މީގެ އިތުރުން ގްރޫޕްތައް ހަދައިގެން ފޮށުމަކީ ވެސް ކުރާ ކަމެކެވެ. މިއަށް ކިޔައި އުޅެނީ މޮބް މެންޓަލިޓީ އެވެ. "ސްޓްރީޓް ހެރަސްމަންޓު" ނުވަތަ "ސެކްޝުއަލް ހެރަސްމަންޓް" ގެ ގޮތުގައި ވެސް މި އަމަލުތައް ހިމެނޭއިރު މިކަންކުރާ މީހުންނަކީ ގެވެށިއަނިޔާގެ އަމަލުތަކަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ވެސް ބައެއް ތަޖުރިބާކާރުންގެ ލިޔުންތަކުގައި ބުނެފައި އެބަހުއްޓެވެ.
މިކަންކަން ހައްލުކުރުމަށް ކުރެވެން އޮތްކަމަކީ މި ވާހަކަަަތައް ދައްކައި އެކަކު އަނެކަކުގެ ތަޖުރިބާ ހިއްސާކޮށް އެންމެންގެ ތެރޭގައި އޮތް ކޮމިއުނިޓީ ސަޕޯޓް ސިސްޓަމް ވަރުގަދަކޮށް ހޭލުންތެރިވުމެވެ. މިއީ ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ އާދައިގެ ކަމެކޭ ހީކޮށް ދޫކޮށްނުލުމުވެ. މީހުންނަށް ކުރާ ގަދަރާއި ބޭރުތެރޭގައި ގެންގުޅެން ޖެހޭ އެންމެ އާދައިގެ ރަނގަޅު ސިފަތައް ހަނދާންކުރުން އެއީ ކުރެވޭނެ އެންމެ ކުޑަ މިންވަރެވެ. މާބޮޑަށް އުނދަގޫވާ ނަމަ ރުޅިވެރިކަމާ އެކު ހަތަރުކަޅި ހަމަކޮށް ބެލުމާއި ފޯނެއް އަންނަ ކަމަށް ހަދައި އެތަނަކުން ދިއުމަކީ ކުރެވިދާނެކަމެކެވެ.
މީގެ އިތުރުން މި އަމަލުތައް ކުރާ މީހުންނާ މެދު އެޅެން ހުރި ފިޔަވަޅުތައް ވެސް ނޭޅުމަކީ އެކަން ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ހިމާޔަތާއި ހިތްވަރެވެ.