8 Apr 2018

ފިނި މޫސުން ނަޔަސް ރާއްޖޭގައި އައިސް ސްކޭޓްކުރަނީ

ފިނި މޫސުން ނަޔަސް ރާއްޖޭގައި އައިސް ސްކޭޓްކުރަނީ

ރާއްޖޭގައި ފިނި މޫސުން ފެށޭނީ ރަސްރަނި ބަގީޗާގައި ހަދާ "ވިންޓަ ކޯނަ" އިން ކަމަށް މި ތިބީ އުންމީދުކޮށްގެންނެވެ. އެކަމަކު ފިނި ނުވިޔަސް ރާއްޖޭގެ ރިސޯޓެއްގައި މި ވަނީ އައިސް ސްކޭޓް ކުރަން ފަށައިފަ އެވެ.

ޖުމެއިރާ ވިޓަވެލި ރިސޯޓްގެ އަތިރިމަތީގައި ހެދި އައިސް ރިންކާ އެކު އެ ރިސޯޓަށް އިތުރު ސަމާލު ކަމެއް ލިބިއްޖެ އެވެ. ހޫނު ގަދަ ގައުމެއްގައި އައިސް ސްކޭޓް ކުރާތީ އެވެ. އެކަމަކު މިތަން ހާއްސަވަނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް މުޅި ދުނިޔޭގައި ވެސް ހެދި މިފަދަ ފުރަތަމަ ތަނަށް ވާތީއާ ވެސް އެކުގަ އެވެ. އެކަމަކު ތިޔަ ހީކުރާ ގޮތަށް، މިއީ ފިނި ތަނެއް ނޫނެވެ. މިތަނުގެ ނަމަކަށް "އައިސް އައިސް މޭބީ" ކިޔަނީ ވެސް އެހެންވެ އެވެ. -- ފަހަރެއްގައި ފިނިކަމެއް ވެސް ހުރެދާނެ އެވެ.

ސީއެންއެން ޓްރެވަލް އަށް ޖުމެއިރާ ވިޓަވެލި ރިސޯޓްގެ ޖެނެރަލް މެނޭޖަރު އަމިތު މަޖުމްދަރު ވިދާޅުވެފައިވާ ގޮތުގައި މިތަން ހެދުމުގެ ޚިޔާލު އައީ ރިސޯޓަށް އާންމުކޮށް އަންނަ ގެސްޓެއްގެ ދަރިއަކު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

"އެ ކުއްޖާ އަޅުގަނޑުމެންނަށް ޗެލެންޖުކުރީ މިކަހަލަ ރިންކެއް ހަދަން. އޭނާގެ ޝަކުވާއަކަށްވީ ކްރިސްމަސް ޗުއްޓީއަށް އޭނާގެ އާއިލާ އަބަދު ރާއްޖެއަށް އަންނާތީ، އައިސް ސްކޭޓް ކުރެވޭނެ ގޮތެއް ނުވާތީ،" ހޫނު ރާއްޖޭގައި ފިނި ގައުމެއްގެ ތަޖުރިބާ ކުރެވޭނެ ކަމެއް ކުރުމުގެ ވިސްނުން ފެށުނު ގޮތް މަޖުމްދަރު ވިދާޅުވެފައިވެ އެވެ.

ޖުމެއިރާ ވިޓަވެލި ރިސޯޓުގެ އައިސް ރިންކް

ބޮޑުމިނުގައި 87 އަކަމީޓަރު ހުންނަ މި ރިންކް ހުޅުވައިދިނީ ފިގަ ސްކޭޓިންގައި އޮލިމްޕިކް ރަން މެންޑަލް ހޯދާފައިވާ، ރަޝިޔާގެ ކުރީގެ މަޝްހޫރު އެތުލީޓް އެވްޖެނީ ޕްލަޝެންކޯގެ ހުށަހެޅުންތަކާ އެކުގަ އެވެ. ޕްލަޝެންކޯއާ އެކު އޭނާގެ އަންހެނުންނާއި ފަސް އަހަރުގެ ފިރިހެން ދަރިފުޅު ވެސް ބައިވެރިވެ ހަފުލާ އިތުރަށް ފުރިހަމަކޮށްދީފައިވެ އެވެ.

މި ރިންކް ހަދާފައި ވަނީ އާޓިފިޝަލް " އައިސް" ހަދާ ސްވިޓްޒަލެންޑުގެ ކުންފުންޏެއް ކަމަށްވާ "ގްލައިސް" އިންނެވެ. ފެނާއި އެ ފެން ގަނޑުކުރުމަށް ވަރަށް މަތީ މިންވަރަކަށް ކަރަންޓު ބޭނުންކޮށްގެން ނޫނީ އަސްލު އައިސް ރިންކެއް ނުހެދެ އެވެ. އެކަމަކު ރިސޯޓްގައި ހެދި ރިންކްގައި ބޭނުންކޮށްފައި ވަނީ "ޕްލާސްޓިކް އައިސް" އެވެ. އެހެންވެ މިއީ ތިމާވެއްޓަށް ރައްކާތެރި އެއްޗަކަށްވެ އެވެ. މީގައި ހުންނާނީ ޕްލާސްޓިކާއި ސިލިކަން އެވެ.

މުޅި ތަން ފިނިކުރަން ހަކަތަ އަންދަން ނުޖެހި މި ތަފާތު އީޖާދު ކުރެވުނީ ވަރަށް ގިނަ ރިސާޗްތަކަށް ފަހުގައި ކަމަށް ރިސޯޓްގެ ޖެނެރަލް މެނޭޖަރު ވިދާޅުވެފައިވެ އެވެ.

ޖުމެއިރާ ވިޓަވެލި ރިސޯޓުގެ އައިސް ރިންކް ހުޅުވުމުގެ ހަފުލާގައި ޕަފޯމް ކުރަނީ

"އެ ތަނުގެ މާހައުލު ފިނިވާނެ އެއީ ހިޔާކޮށްފައި އޮންނަ ތަނަކަށް ވާތީ. އެކަމަކު އާޓިފިޝަލްކޮށް ތަން ފިންޏެއް ނުކުރަން،" ޖީއެމް ވިދާޅުވި އެވެ.

"އައިސް ރިންކް" އެކޭ ކިޔާތީ މިއީ ފިނި ތަނެއް ކަމަށް މީހުންނަށް ހީވެދާނެ ކަމަށާއި އެކަމަކު މިއީ ފިނި ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު މެންދުރު 12:00 އިން ހަވީރު 6:00 އަށް ހުޅުވާ މި ރިންކް ދެ ގަޑިއިރަށް ބޭނުންކުރުމަށް 75 ޑޮލަރު ދައްކަން ޖެހެ އެވެ. މި އަގުގައި، ސްކޭޓް ކުރުމަށް ބޭނުންކުރާ ސާމާނުގެ ކުއްޔާއި ސްކޭޓްކޮށް ނިމުމުން ބޯލާނެ މީރު އައިސް ކްރީމް ސަންޑޭއީ އަކާއި ބައެއް ހަދިޔާ ވެސް ހިމެނެ އެވެ.

ކޮންމެ އުމުރެއްގެ މީހަކަށް ވެސް މިތަން ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު 8 އަހަރުން ދަށުގެ ކުދިންނާ އެކު ބެލެނިވެރިޔަކު ހުންނަން ޖެހޭނެ އެވެ.

ޓޫރިޒަމް ރިސޯޓްތައް ޖުމެއިރާ ވިއްޓަވެލި

Popular