12 May 2018

ޑިސްކު ރިހާކުރު ދުވަސް ރަހަ މީރުކޮށް ފާހަގަކޮށްފި

ޑިސްކު ރިހާކުރު ދުވަސް ކަމަށް ބުނެ އިއްޔެ އެ ދުވަސް ފާހަގަކޮށްފި އެވެ. މިއީ ދުވަހުގެ މުނާސަބަތުގައި ޓްވިޓާގައި ފާތިމަތު ޒާހިޔާ ޕޯސްޓްކުރި ފޮޓޯއެކެވެ.

ޑިސްކު ރިހާކުރު ދުވަސް ކަމަށް ބުނެ އިއްޔެ އެ ދުވަސް ފާހަގަކޮށްފި އެވެ. މިއީ ދުވަހުގެ މުނާސަބަތުގައި ޓްވިޓާގައި ފާތިމަތު ޒާހިޔާ ޕޯސްޓްކުރި ފޮޓޯއެކެވެ.

By: Aishath Mihna Nasih

ޑިސްކާއި ރިހާކުރުގެ ވާހަކައިން އިއްޔެ ޓްވިޓާގައި ރަހަ މީރުކޮށްލި އެވެ. ސޯޝަލް މީޑިއާގެ "ރައްޔިތުން" އެއީ ގައުމީ "ޑިސްކް ރިހާކުރު ދުވަސް" ކަމަށް ހެދީ އެވެ. އެހެންވެ އިއްޔެ އޮތީ DiskuRihaakuruDay ހޭޝްޓެގްގައި ޑިސްކާއި ރިހާކުރު ބްރެކްފާސްޓް ފޮޓޯ ސޯޝަލް މީޑިއާ އަށް ލުމެވެ.

އެކަމަކު ކުއްލިއަކަށް މި ދުވަހެއް މި އައީ ކީއްވެހެއްޔެވެ؟ މި ހޭޝްޓެގް ފެށީ ޓްވިޓާގައި "ފޮނިލުނބޯ" ހޭންޑްލްގައި އުޅޭ މޫސަލް މުއީން އެވެ. މޫސަލް ބުނީ އޭނާ މިކަން ކުރީ 30 ވަނަ އުފަން ދުވަސް "ޑިސްކާއި ރިހާކުރާ އެކީ" ފާހަގަކޮށްލަން ކަމަށެވެ.

އޭނާ މި ހިޔާލު ފާޅުކުރީ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު އެވެ. މޫސަލް އޭނާގެ 30 ވަަނަ އުފަންދުވަސް ކަމުގައިވި މެއި 11 އަކީ ޑިސްކު ރިހާކުރު ދުވަސް ކަމަށް އިއުލާނުކުރި އެވެ. އަދި މި ދުވަސް ފާހަގަކުރުމަށް ޑިސްކު ރިހާކުރު ޑޭ ހޭޝްޓެގް ބޭނުންކޮށް ސޯޝަލް މީޑިއާ އަށް ފޮޓޯއެއް ދޫކޮށްލި އެވެ.

"އަސްލު ބޮޑަށް މީހުންގެ މެދުގައި މިކަން ހިނގައިގަތީ އަޅުގަނޑު ތައްޔާރުކުރި ޕޯސްޓަރުން،" އެމްވީޓީވީގައި ގްރެފިކްސް ޑިޒައިނިން އާއި އެޑިޓިންގެ މަސައްކަތްކުރާ މޫސަލް ބުންޏެވެ.

ޓްވިޓާގެ އިތުރުން ފޭސްބުކާއި ވައިބާގެ އެކިއެކި ގްރޫޕްތަކުގައި ވެސް މި ޕޯސްޓަރު ވައިރަލްވެ މޫސަލްގެ ޑިސްކު ރިހާކުރު ދުވަހަށް ބޮޑު ތަރުހީބެއް ލިބުނެވެ. ރާއްޖެ އާއި ރާޢްޖޭއިން ބޭރުގައި ތިބި އެތައް ދިވެހިންނަކާއި ރާއްޖޭގެ މަޝްހޫރު ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް ހުކުރުދުވަހުގެ ސައި ހާއްސަވީ ޑިސްކު ރިހާކުރުންނެވެ.

ސީ ހައުސް ކެފޭ އިން "ޑިސްކް ރިހާކުރު ދުވަސް" ފާހަގަކޮށްފައި

މޫސަލް އޭނާގެ އުފަން ދުވަސް ޑިސްކާއި ރިހާކުރަށް ހާއްސަކުރީ އޭނާ އަށް މާ މީރު އެއްޗަކަށް ވެގެންހެއްޔެވެ؟

"ވަކި ސީދާ މިވެނި ސަބަބެއް އޮވެގެނެއް ނޫން ކޮންމެހެން ޑިސްކު ރިހާކުރު ދުވަސް ފާހަގަކުރަން އެ ދުވަހު ޓްވީޓް ކުރީ. ރިހާކުރަކީ އަބަދުވެސް ވަރަށް މީރު އެއްޗެއް. ބައިވަރު ހަނދާންތަކާއި ރިހާކުރާ ވަނީ ގުޅިފައި. އަނެއްކާ ރިހާކުރަކީ މުޅިންވެސް ދިވެހި ބާވަތްތަކުން ތައްޔާރުކުރާ އެއްޗެއް."

މޫސަލް ހީކުރި ވަރަށް ވުރެ މާބޮޑު ތަރުހީބެއް ޑިސްކު ރިހާކުރަށް ލިބި އެތައް ބަޔަކު އިއްޔެ ވަނީ އެ ހޭޝްޓެގް ބޭނުންކޮށް ފޮޓޯ ޓްވީޓްކޮށްފަ އެވެ. މޫސަލް ބުނީ އަންނަ އަހަރުގެ މެއި 11 ގައި މާލޭގައި ހުރެވިއްޖެ ނަމަ ޑިސްކު ރިހާކުރު ދުވަހު ބްރޭކްފާސްޓް ޕާޓީއެއް ބާއްވާނެ ކަމަށެވެ.

ރިހާކުރު ސޯޝަލް މީޑިއާ

Popular