7 Sep 2019

By: Aishath Maaha

ގެއަށް ވަންނަ ގޮތަށް އަކުރުތަކަށާއި ފިލިތަކަށް ދަމާލައިފައި، ކާން ހުރީ ކޯއްޗެއް ހެއްޔޭ އަހާނެ އެވެ. ގަރުދިޔަ އާއި ބަތޭ ނުވަތަ ރިހާކުރާ ބަތޭ ބުނެފި ނަމަ މޫނު މައްޗަށް ކުލަވަރެއް އަރަ އެވެ. ކޮންމެ ދުވަހަކު ވެސް ގޭގައި ހުންނަ އެކައްޗަކަށް ވާތީ އެވެ. ނަމަވެސް ތެލުލި ފަތް އެބަހުއްޓޭ ބުނެފި ނަމަ އިތުރު އެއްޗެއް ބުނަން ވާއިރަށް އިންނާނީ ތަށްޓައް ކާއެއްޗެހި އަޅައިގެން މޭޒު ދޮށުގަ އެވެ.

އެއީ ކޮންމެ ދުވަހަކު ވެސް ކާ އެއްޗެއްސޭ ބުނެ ޝަކުވާކުރާކަށް ނޫޅޭނެ އެވެ. މި ތެލުލި ފަތް ކެއުމުގެ ތެރެއަށް ތައާރަފް ވެގެން އައި ގޮތް ބުނަން ނޭނގުނަސް ތެލުލި ފަތް ނެތި ދިވެހިންގެ ކެއުން ފުރިހަމަނުވާ ފަހަރު ވެސް އާދެ އެވެ.

ތެލުލި ފަތް މާ ކަމުގޮސްގެން އުޅެނީ ހަމައެކަނި ގަރުދިޔަ އާއި ބަތާއި އަދި ރިހާކުރާއި ބަތް ކާކަށް ނޫނެވެ. ގަރުދިޔަ އާއި ރޮށި އަދި ރިހަ އާއި ބަތް ނުވަތަ ރިހަޔާއި ރޮށި ކާއިރު ވެސް ތެލުލި ފަތް ކޮޅެއް ލުމުން ރަހަގަނޑު އިތުރަށް މީރުކޮށްލަ އެވެ. ހާއްސަކޮށް މުގުރިހަ އާ އެކު ތެލުލި ފަތް ހިމަނައިލައިފި ނަމަ އާންމުކޮށް ކާ ވަރަށް ވުރެ ގިނައިން ކެވޭ ކަމަށް ވެސް މީހުން ބުނެ އެވެ.

އެހެންވެ ކާ ކޮންމެ ފަހަރަކު ތެލުލި ފަތް ކޮންމެހެން ހިމަނާ މީހުން އުޅެ އެވެ. ރަށުން ހަދިޔާއެއް ފޮނުވަން އެދުނަސް ތެލުލި ފަތެވެ.

މުރަނގަ ފަތް ނޮޅައިގެން އެ ފަތް ތެލުލުމަކީ ބުރަ ކަމެކެވެ. ފިޔާ އާއި ލޮނުމެދު އަދި މަސް ވެސް އޭގެ ތެރޭގައި ނުހިމަނާ އެންމެ މީރު ރަހަ ނުނުކުންނާތީ އެވެ. މިއީ ކިތަންމެ މީރު ނަމަވެސް ބައެއް މީހުން އެހާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެމީހުންނަށް ފަސޭހަކޮށްލަން ފިހާރަތަކުގައި އެހެރީ ތެލުލިފަތް ޕެކެޓުތައް އެކި ސައިޒުން ވިއްކާށެވެ.

ނަމަވެސް ބައެއް މީހުން ބުނަނީ ރަށްރަށުން ތެލުލައިގެން ފޮނުވާ ތެލުލި ފަތުގައި ހުންނަ މީރު ރަހަ ގިނަ ފިހާރައިން ގަންނަ ފަތް ޕެކެޓުތަކުގައި ނުހުންނަ ކަމަށެވެ. އެހެން ވިޔަސް މައްސަލައެއް ނެތެވެ. ތެލުލި ފަތް ހުރެއްޖެ ނަމަ ގޭމު މުޅިން ބަދަލުވީ އެވެ.

އެކަމަކު ހަނދާން ބަހައްޓައްޗެވެ. ފަހަރުގައި އަބަދު ތެލުލިފަތް ކެއުމަކީ ސިއްހަތަށް މަ ރަނގަޅު ކަމަކަށް ނުވެދާނެ އެވެ.

Popular