By: Aminath Ibrahim
"މަޖާ" ހަދަންޏާ، ގިނަވާނީ ހެލެނބެއްޔާއި ރިހާކުރު ނާޅައި މަޖާ ނުވާ މީހުންނެވެ. އެކަމަކު ރަހަގަނޑުގައި ކުޑަ ތަފާތެއް ހުއްޓަސް، އާންމުކޮށް ހުރިހާ ރަށެއްގައި ހަދާ މަޖަލުގެ ރެސިޕީ ދާދި އެއްގޮތެވެ. ރިހާކުރާއި ހެލެނބެއްޔާއި ފިޔާ މިރުހުގެ ތެރެއަށް ހުތް އަނބު ނުވަތަ ފަޅޯ އަޅައިގެން ހަދާ މަޖާގެ ރަހަގަނޑު އަހަރެމެން އެންމެންނަށް އެނގެ އެވެ. އެކަމަކު ރ. ދުވާފަރުގައި މިކަން ކުރާ ގޮތް ތަފާތެވެ. ރަހަ ވެސް ތަފާތެވެ. އަޅާ ބާވަތްތައް ވެސް ތަފާތެވެ. މިހާރުވެސް ކުޅު ދިޔާވެއްޖެ ދޯ އެވެ؟
"ދުވާފަރު މަޖަލަކީ އަދި މުޅިން ތަފާތު މަޖަލެއް. ފުރުޓް ވެސް އަޅަންވީ. ކިހާ ނެތިއްޔާ އަދި މަޖާގަނޑުގެ ހާއްސަކަމެއް ނުވެސް އަންނާނެ. ރަހަ ގަނޑު މީރުކުރަން ވެސް ބަދިގެ ތެރެއިން އަތު ޖެހުނު ހުރިހާ އެއްޗެއް އަޅާނެ،" ދުވާފަރު މީހަކު ކިޔައިދިނެވެ.
މި ދެނީ މި މަޖަލުގެ ރަހަ ބަލައިލަން ސީދާ ދުވާފަރުން ގެނެސް ނަގައި ހިއްޕައިލި ރެސިޕީ އެވެ.
ލޮނުމިރުސް ގަނޑު ތައްޔާރުކުރުން
ދުވާފަރު މަޖަލުގެ މައިގަނޑު އެއްޗަކީ އެއަށް ހާއްސަކޮށް ތައްޔާރުކުރާ މީރު ލޮނުމިރުސް ގަނޑެވެ. މިރުސްގަނޑު ތައްޔާރުކުރުމަށް؛
ހިކިމިރުސް، ލޮނުމެދު، ކުދި ދިރި، ބޮޑު ދިރި، ހިކަނދިފަތް، ފިޔާ އަދި އިނގުރު ލައިގެން އެއްކޮށް ފުނޑާލާނީ އެވެ. ދެން ލޮނު ހެޔޮވަރުކޮށްފައި މޮޑެލާށެވެ.
މަޖާގަނޑެއް: މަޖާ ހަދާ ގޮތް ވެސް އެކި ރަށުގައި ތަތާފު
މަޖާ ތައްޔާރުކުރަން ބޭނުންވާ ތަކެތި
ކިހާ، ފަޅޯ، ލުނބޯ، ހުތް އަނބު/ދޮން އަނބު، އޮރެންޖް، ރިހާކުރު، ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ސޯސް، ހަކުރު، ލޮނުމިރުސް، ލޮނު.
ލޮނުމިރުސް، ލުނބޯ، އޮރެންޖް، ހަކުރު، ރިހާކުރު، ޓޮމާޓޯ ޕޭސްޓާއި ސޯސް، ކުޑަ ލޮނުކޮޅެއް ލާފައި މިކްސް ކޮށްލާނީ އެވެ. އަދި ކޮށާފައި ހުރި ފަޅޮލާއި އަނބާއި އެނޫން ވެސް ބާވަތްތައް އެއްކޮށް މޮޑެލާ ށެވެ. އެއަށްފަހު، މޮޑުނު މިކްސްގެ ތެރެއަށް، ކޮށާފައި ހުރި ކިހާ އެއްކޮށްލުމުން މަޖާ ތައްޔާރުކޮށްލެވުނީ އެވެ.
ނޯޓް؛ ރަހަ ހެޔޮވަރުކުރަން ނޫޑްލްސް ލޮނު ޕެކެޓް ވެސް އެޅިދާނެ އެވެ. އަދި އާފަލާއި އެ ނޫންވެސް މޭވާގެ ބާވަތްތަކާއި ކުންނާރާއި ކުއްޅަވައް ވެސް ބައެއް މީހުން މަޖާގަނޑުގެ ތެރެއަށް އަޅައެވެ.
މަޖާ ކާން އެންމެ ރަނގަޅީ މެންދުރު
މިހެން ބުނީމާ ކުޅިކޮށް ކައިގެން ދާހިއްލާ މީހަކު ނަމަ ކަންބޮޑުވެދާނެ އެވެ. އެކަމަކު ދުވާފަރު މީހުން ބުނާގޮތުން އެރަށު މީހުން އާންމުކޮށް މަޖާގަނޑު ތައްޔާރުކޮށް އުޅެނީ މެންދުރުގެ އަވި ގަދަ ވަގުތު ގޭގެ އެންމެން އެއްތަންވެގެން ވަރަށް އާއިލީ އަދި އިޖުތިމާއީ ގޮތަކަށެވެ. އެހެންވީމަ އެންމެ މަޖަލީ މެންދުރުގެ އަތްވާއެކު ކުޅިކޮށް ކާލާ މަޖާގަނޑެވެ.
ގޮނޑުދޮށުގައި މޫދުން ތެމިލައިގެން އައިސް މިއިން މަޖާކޮޅެއް ކާލުމުން އެ އަންނަ އިހްސާސްތައް މިހާރުވެސް އެބަ ކުރެވޭ ދޯ އެވެ.