12 Jul 2020

By: Aminath Ibrahim

ފޮޓޯގައި ތި ފެންނަނީ ފިލްމީ ތަރި، މުހައްމަދު ޔުނާން އާއި އަންހެނުން ފާތުމަތު ރިހުލާ، އަދި އެ ދެމީހުންގެ ދަރިފުޅު ޔޫން އެވެ. އަށް މަހުގެ ޔޫން ވިހެއީ ހިތުގެ މައްސަލަތަކަކާއި އެކުގަ އެވެ. ދަރިފުޅު ލިބިގެން މިވީ އަށް މަހުގެ ތެރޭގައި، ބަލި ހިތެއް އޮތް ކުއްޖަކު ގޮވައިގެން ކުރަންޖެހޭނީ ކިހާ ވަރެއްގެ ހަނގުރާމައެއް ކަން މި ދެމަފިރިން ތަޖުރިބާ ކޮށްފި އެވެ. މައިލަގޮނޑިޔަށް ކެތްނުވިޔަސް މި ހަނގުރާމާގައި އެމީހުންގެ ކެތްތެރިކަން ވަނީ އިންތިހާގައެވެ.

"ހަ މަހުގައި ހެދި ސްކޭނަކުން އެނގުނީ ޔޫން އަކީ ވަން އަމްބިލިކަލް އާޓްރީ ބޭބީ އެއްކަން. އެހެންވެ ދަރިފުޅު ވިހަންވާ އިރަށް ދެމީހުން ވެސް ވަރަށް ތައްޔާރުވިން. ޑޮކްޓަރުންނާ ވެސް ކޮންސަލްޓް ކުރިން. މެންޓަލީ ވެސް ތައްޔާރުވިން،" ހިތުގެ މައްސަލައެއްގައި މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ތުއްތު ޔޫންގެ ހާލަތު ކިޔައިދޭން ރިހުލާ ފަށައިގަތީ މިހިސާބުންނެވެ.

ވަން އަމްބިލިކަލް އާޓެރީ ބޭބީ

ބަނޑުގައި އޮންނަ އިރު ކުއްޖާ އަށް ބޭނުންވާ އޮކްސިޖަން އާއި ލޭ ފޯރުކޮށްދީ، ބޭނުން ނޫން މާއްދާތައް ކުއްޖާގެ ހަށިގަނޑުން ބޭރުކޮށްދެނީ އަމްބިލިކަލް ކޯޑް އިންނެވެ. އާންމުކޮށް އަމްބިލިކަލް ކޯޑް ގައި ދެ އާޓެރީ އާއި ވެއިންއެއް ހިމެނޭނެ އެވެ. ވެއިންގެ ދައުރަކީ އޮކްސިޖަން ހުންނަ ލޭ ކުއްޖާ އަށް ފޯރުކޮށްދިނުމެވެ. ދެ އާޓެރީ އިން، އޮކްސިޖަން މަދުން އެކުލެވޭ ލޭ ކުއްޖާ އާއި ދުރަށް، ޕްލެސެންޓާއަށް ބޭރުކޮށްދޭނެ އެވެ. ބައެއް ފަހަރަށް އަމްބިލިކަލް ކޯޑްގައި އެންމެ އާޓެރީ ވެސް ހުރެ އެވެ. މިއީ އަމްބިލިކަލް ކޯޑް އުފެދުމުގައި ދިމާވާ އައިބެކެވެ. މީގެ ސަބަބުން ކުއްޖާ އުފެދޭ އިރު ހަށިގަނޑުގައި އައިބެއް ހުރުމުގެ ޗާންސް ވެސް އޮވެ އެވެ.

ޔޫންގެ ބަލި ހިތާއެކު ކުރަން ޖެހުނު ބިރުވެރި ދަތުރު

ބަނޑަށް 36 ހަފްތާ އަށްފަހު ދަރިފުޅު ބޮޑުވުން ހުއްޓިފައިވާކަން ރިހުލާ އަށް އެނގުނީ 38 ހަފްތާގައި ހެދި ސްކޭން އިންނެވެ.

"އެހެންވެ އިންޑިއުސް ކޮށްގެން ވިއްސީ. ހަމަ ނޯމަލް ޑެލިވަރީއެއް. ނެގި ގަޑީގައި ބޭބީ ރޯލި އަޑު އިވުނު. އެކަމަކު އެވަގުތު ބޭބީ ނޭވާލާން އުނދަގޫވެގެން އުޅެގަތީމަ، އައިސީޔޫ އަށް ގެންދިޔައީ ދެ ވަރަކަށް ގަޑި އިރު ފަހުން ބުއް ޖައްސަން ބޭބީ ގެންނާނަމޭ ބުނެފަ. އެކަމަކު ދެ ގަޑި އިރު ފަހުން ބޭބީ އެއް ނުގެނޭ. ޔުނާން ވަކިން ގެންގޮސްފަ ބުނީ ބޭބީ ވެންޓިލޭޓަރަށް ލާންޖެހުނު ވާހަކަ،" ރިހުލާ ކިޔައިދިނެވެ.

"އޭރު ބޭބީގެ ފުއްޕާމޭ ހުރީ ވަރަށް ބޮޑަށް ހިކިފަ. ހިތުން ލޭ ޕަމްޕް ކޮށް ނުދޭ ބޭނުން ވަރާ ގާތަށް ވެސް. ދެން ފިޓު ވެސް ޖެހުނު،"

ޔޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި

އިތުރު މައްސަލައެއް އުޅޭތޯ ބަލަން ހެދި ހިތުގެ ސްކޭނުން އެނގުނީ ޔޫންގެ ހިތުގެ ވާތްފަރާތުގައި ހުންނަން ޖެހޭ ނާރުތައް ކަނާއަތް ފަޅީގައި ހުރިކަމާއި 72 ގަޑި އިރު ތެރޭގައި ނާރުތައް ބަދަލުކޮށް ހިތުގެ ހިނގުން ހިނގުން ހަމައަކަށް ނޭޅުވިއްޖެ ނަމަ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމެވެ.

"ދެން ވަގުތުން އާސަންދަ ސިޓީއާއި، ޑޮކްޓަރަކާއި ނަރުހަކާއި އެކު ބޭބީ އިންޑިއާއަށް ގެންދަން މަސައްކަތް ފެށުނީ. ކޮޗިން އަށް ސީދާކޮށް ދާ ފްލައިޓެއް ނުލިބިގެން ޓްރިވަންޑްރަމަށް ގޮސް އެތަނުން ފަސް ގަޑިއިރުގެ އެމްބިއުލެންސް އެއްގައި އަމްރިތާ އަށް ގެންދިޔައީ،"

އަމްރިތާގައި ކުރި ސާޖަރީ އަށްފަހު ޔޫންގެ ހިތުގެ ހިނގުން އާންމު ހާލަތަށް ގެނެވުނެވެ. އެކަމަކު އޭގެ ފަހުން ވެސް ރަނގަޅަށް ނޭވާ ނުލާތީ އެތައް ދުވަހެއް ވަންދެން ވެންޓިލޭޓަރުގައި ބާއްވަން ޖެހުނެވެ.

"ފުރަތަމަ އަށް ވެސް އުރާލާފައި ކައިރިން ބުއް ދޭން ވެސް ލިބުނީ ވިހޭތާ 20 ވަރަކަށް ދުވަސް ފަހުން. ކުރިން އޮތީ އައިވީ ފްލުއިޑް ގަ. އޭރު ޔޫން އޮތީ ވަރަށް ކުޑަ ވެފަ. ހުރީ އެންމެ ކިލޯއެއް. އެކަމަކު ޔޫން އަކީ ވަރަށް ހިތްވަރު ގަދަ ބޭބީ އެއް،" ރިހްލާ ބުންޏެވެ.

ޔޫން

"ދެން އެފަހުން ފުރައިގެން މާލެ އައިސް، ވަރަށް ނޯމަލް ކޮށް ޔޫން އުޅުނީ މިހާ ދުވަހު،"

އަށް މަސް ފަހުން އިތުރު މައްސަލަ ތަކެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ މާ ބޮޑަށް ހުން ގަދަވެގެން ޔޫން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ހަދައި ސްކޭން ކޮށް ބެލި އިރު ހިތުގެ ވާތްފަޅި ވަނީ އާދަޔާ ހިލާފަށް ބޮޑުވެ ފުފިފަ އެވެ. އެއާ އެކު ލޭގެ ހިނގުން ދަށްކޮށްދޭ ބްލޮކޭޖެއް ހިތުގައި ހުރިކަން ވެސް އެނގުނެވެ.

"މީގެ ކުރިން ހެދި ސްކޭނަކުން ވެސް ބްލޮކޭޖެއް ހުރިކަން އެނގިގެން އިންޑިއާ އަށް ދާން އަންގައިގެން ދިޔައިން. އެކަމަކު އެކޮޅުގެ ވަރަށް ސީނިއާ ޑޮކްޓަރަކު ޔޫން ބަލާފަ ބުނީ ނެތޭ އެއްވެސް މައްސަލަ އެއް. އެހެން ކިޔާފަ ފޮނުވާލީ،" ރިހުލާ ބުންޏެވެ.

"ދެން އިއްޔެ ހެދި އެކޯއިން އެނގުނީ، ކުރިން މިކޮޅުން އޭރު ޑރ ޝާނީޒް ހެދި އެކޯ އަކީ ރަނގަޅު އެކޯ އެއް ކަން."

މި ހާލަތުގައި މާލެއިން ދެން ކުރެވޭނެ އިތުރު ފަރުވާއެއްވެސް ނެތެވެ. އެހެންވެ، ދަރިފުޅު ހޮސްޕިޓަލުގައި އޮބްޒަވޭޝަނުގައި ބައްވައިގެން ރިހުލާ އާއި ޔުނާން އަނެއްކާވެސް ތައްޔާރުވަމުން އެދަނީ ދެވަނަ ދަތުރަށެވެ. މި ދަތުރުގައި އެމީހުންގެ ބޯމައްޗަށް ނަގައި އެއްލައިލާނީ ކިހާ ވަރުގަދަ ރާޅެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު، އެއް ކަމެއް ޔަގީނެވެ. ދަތުރު ފަސޭހައެއް ނުވާނެ އެވެ.

ޔޫން އަށް އެހީވާން ބޭނުންވާ މީހުންނަށް އެކައުންޓް ޑީޓެއިލް އާއި ފޯން ނަންބަރުގެ އިތުރުން ބޭބުންވާ އިތުރު މައުލޫމާތު މި ޕޯސްޓުން ލިބޭނެ. ރިހްލާ އާއި ޔުނާން ދަނީ ވީހާވެސް އަވަހަށް ދަރިފުޅު ގޮވައިގެން ފުރަން ތައްޔާރުވަމުން

މިފަހަރު އޮތް ދައްޗަކީ، ޑޮކްޓަރު ސުނިލް އަމްރިތާ ގައި ވޯކެއް ނުކުރާތީ އަމިއްލަ އަށް ހުރިހާ ހަރަދެއް ކުރަން ޖެހުމުގެ ހާސްކަން. ޑރ ސުނިލް އަކީ ކުރިން ޔޫންގެ ސާޖަރީ ހެދި ޑޮކްޓަރު. ޔޫން މިހާރު އޮތް ހާލަތުން ޑރ ސުނިލް އަށް ދައްކަން ޑޮކްޓަރު އެލީނާ ވެސް ލަފާދެއްވީ. އެކަމަކު ޑރ ސުނިލް މިހާރު މަސައްކަތް ކުރާ ހޮސްޕިޓަލަށް އާސަންދަ ނުލިބޭތީ އަޅުގަނޑުމެން މިވަނީ އެހީއަށް ބޭނުންވެ، ގޮތް ހުސްވެފަ،"

ދަރިފުޅަށްޓަކައި ކުރާ އުންމީދު ކިތަންމެ ބޮޑަސް، ރިހުލާ އާއި ޔުނާންގެ ކުރިމަތީގައި އޮތީ ހުސް އުނދަގުލާއި ތުރާ ތަކެވެ. އަތުގައި ލާރިއެއް ނެތެވެ. އެކަމަކު މި ފަހަރު ވެސް ހިތްވަރު ދޫނުކޮށްލާނެ އެވެ. މި ހަނގުރާމާގައި ބަލިވާން އެ ދެ މީހުންގެ ހިތެއް ނޭދެއެވެ. -- ދަރިފުޅުގެ ހިތަށްޓަކައެވެ.

ސިއްހަތު

Popular