20 Jul 2020

By: Aminath Ibrahim

ފްރާސްގެ އާޓް އިންސްޓިޓިއުޓާއި ޔުނެސްކޯ ގުޅިގެން މުޅި ދުނިޔެ އަށް މި އަހަރު ހުޅުވާލި ވިޝުއަލް އާޓްސް މުބާރާތަށް 66 ގައުމަކުން 5،500 އަށް ވުރެ ގިނަ އާޓްވޯކް ހުށަހެޅި އެވެ. މިއީ އޭގެ ތެރެއިން އެންމެ މޮޅު ސަތޭކަ ކުރެހުމަށް ނޮމިނޭޓްވާ ކުދިންނަށް، އާޓުގެ އަގު ވަޒަންކޮށް އޮނަރަރީ ޑިޕްލޮމާ އާއި މެޑަލް ދޭ ގޮތަށް ބޭއްވި ބޮޑު މުބާރާތެކެވެ.

ހުނަރުގެ މި ކޮންޓެސްޓުން އޮނަރަރީ ޑިޕްލޮމާ އަށް މުޅި ދުނިޔެ އިން ވާދަކޮށް، ގަދަ ސަތޭކަ ހޮވި އިރު އޭގެ ތެރޭގައި އެއްބަނޑު އެއްބަފާ ދިވެހި ދެ ކުއްޖަކު ވެސް ހިމެނުނެވެ. އެއީ 8 އަހަރުގެ އަބާން އާމިރު އަބްދުﷲ އާއި 11 އަހަރުގެ އިބާ އާމިރު އަބްދުﷲ އެވެ.

ދުނިޔެ އަށް ފޮނުވާލި މާނަފުން މެސެޖަކާ އެކު އިބާ އާއި އަބާންގެ ކުރެހުން ފުރާންސްގެ ސްޓޭޖެއްގައި ވިދައިލި ގޮތުގެ ވާހަކަ މި ކިޔައިދެނީ އެވެ.

އިބާ އާއި އަބާން އަކީ، އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ނުޒުހަތު ޝަމީމާއި ކުރެހުންތެރިޔާ އާމިރު އަބްދުﷲ ގެ ދެކުދިންނެވެ. އިބާ އަކީ އަރަބިއްޔާ ސްކޫލްގެ ދަރިވަރެކެވެ. އަބާން ކިޔަވަނީ މަޖީދިއްޔާގަ އެވެ. ދެ ކުދިންނަކީ ވެސް ބައްޕަ ފަދައިން އާޓަށް ޝައުގު ހުންނަ ހުނަރުވެރި ދެ ކުދިންގެ ގޮތުގައި ސްކޫލުގައި ވެސް ފާހަގަކޮށްލެވޭ ދެ ކުދިންނެވެ.

ނުޒުހަތު އާއި އާމިރް ކުދިންނާއި އެކު

"އެކަމަކު އެވަރުގެ ބޮޑު މުބާރާތެއް ވީމަ ވަނައެއް ލިބޭނެ ކަމަކަށް ވެސް ނޫން ބައިވެރި ކުރުވީ. ކުރެހުމާއި އާޓަށް ދެ ކުދިން ވެސް ވަރަށް ޝައުގު ހުރޭ. އުމުރާ ބަލާފަ ދެ ކުދިން ވެސް އާޓް އުފައްދަން ވަރަށް މޮޅު. ދެން، ބައިވެރިވެގެން އެވަރުގެ ކާމިޔާބީއެއް ލިބުނީމާ ވަރަށް އުފާވެފަ މި ތިބީ،" މީގެ ކުރިން ވެސް ކުރެހުމުގެ އެކި މުބާރާތްތަކުން ވަނަ ހޯދަމުން އަންނަ އޭނާގެ ދެ ކުދިންގެ ވާހަކަ އާމިރު ފެށީ މިހެންނެވެ.

މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީ އިން ބޭއްވި "ވޯޓާ ހީރޯސް" ޑްރޯވިން ކޮމްޕެޓިޝަނުން އެއް ވަނަ ހޯދީ އަބާން އެވެ. އިބާ އަކީ ރެޑް ކްރެސެންޓުން ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި އިންޓަސްކޫލް ކުރެހުމުގެ މުބާރާތުގެ އެއް ވަނަ އެވެ.

"ފްރާންސް މުބާރާތަށް ބަލާ ނަމަ، އޭގެ މެސެޖް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ މޮޅު ވުމުގައި. އެއީ ތިމާވެއްޓަށް ހުރިހާ މައުލޫއެއް ވެސް މި ފަހަރު ހުރީ،" އާމިރު ބުންޏެވެ.

ފްރާންސް ގެ މުބާރާތަށް އިބާ ކުރެހި ކުރެހުން: ތިމާވެށި ރަނގަޅު ގޮތުގައި ދަމަހައްޓަން ޖަނަވާރުތައް މެރުން މަދުކުރުމުގެ މުހިއްމުކަން ބުނެދީފައިވޭ

އިބާ އާއި އަބާންގެ ކުރެހުން ބިނާކޮށްފައިވަނީ، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ޖަނަވާރު ހިމާޔަތްކުރުމާ ގުޅޭ ގޮތުންނެވެ. އެ ދެ ކުރެހުމުގައި ވެސް ކުރެހުމާއި އެކު މާނަ ފުން މެސެޖެއް ހިމަނާފައިވެ އެވެ.

އަބާންގެ ކުރެހުމަކީ ބޭނުން ނެތް ގޮތުގައި ޖަނަވާރުތައް މެރުން ހުއްޓުމަށް ހިތްވަރުދޭ ކުރެހުމެއް؛ އިބާ އާއި އަބާންގެ ދެ ކުރެހުން ވެސް ވަނީ ގަދަ ސަތޭކަ އަށް ނޮމިނޭޓް ވެފައި

ކުރެހުމަކީ އިބާ އާއި އަބާންގެ ޕެޝަން އެވެ. މި ލިބުނު ފަހުރުވެރި ކާމިޔާބީ އާއި މެޑެލަކީ އާޓްގެ ދާއިރާ އިން އިތުރަށް މޮޅުވުމަށް އިބާ އާއި އަބާން އަށް ލިބުނު ބޮޑު އިންސްޕިރޭޝަނެކެވެ. ދެކުދިން އަދި ވަރަށް ކުޑަ އެވެ. އެކަމަކު ހުނަރަކީ، އުމުރުގެ ހަނގު ކަމަކުން، ތަޖުރިބާގެ މަދުކަމުން ދަށްވެގެން ދާނެ އެއްޗެއް ނޫންކަން އަބާން އާއި އިބާ މިވަނީ ސާބިތުކޮށްދީފަ އެވެ.

ކުޑަކުދިން އާޓިސްޓް

Popular