24 Jan 2021

By: Ifraz Ali

"ޔާރާ ސިސްޓާސް" ގެ ގޮތުގައި މަޝްހޫރުވި ދިވެހި ސިނަމާގެ ފިލްމީ ދެބެއިން ކަމަށްވާ އައިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަ، މިފަހުން އެކުގައި ފޮޓޯއަކުން ވެސް ނުފެންނަ ކަމަށް ބުނެ އެކި ގޮތްގޮތަށް ވާހަކަ ދައްކައިފި އެވެ. ދެތަރިންގެ މެދުގައި އޮތް ގުޅުމަށް އަސަރެއްކުރީތޯ ސުވާލު ވެސް އުފެއްދި އެވެ. މި ސުވާލުތަކަށް ދެތަރިން ވެސް ދެމުން އައި އެންމެ އާންމު ޖަވާބަކަށްވީ، ދިމާވާ ކޮންމެ ފަހަރަކު އެކުގައި ފޮޓޯ ނުނަގަނީ އެވެ. އަދި އެއީ ކޮންމެހެން ކުރަންޖެހޭ ވެސް ކަމެއް ނޫނެވެ.

ނަމަވެސް އެންމެފަހުން، ދެބެއިން އެކުގައި ނެގި ފޮޓޯއެއް ސޯޝަލް މީޑީއާއަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި އެ ދެބެއިންގެ އިތުރުން އެ މީހުންގެ ފިރިންނާއި މައިންބަފައިން ވެސް އެކުގައި ފެނުމަކީ މި ފޮޓޯ އެންމެ ޚާއްސަވި ސަބަބެވެ.

މިހާ ދުވަސްވަންދެން، އެންމެން ބަލަން ބޭނުންވެގެން އުޅުނު ފޮޓޯ މި ފެނުނީ އެވެ!

View this post on Instagram

A post shared by RISHMY RAMEEZ (@rishmyyr)

މި ފޮޓޯ ނަގާފައި ވަނީ މައިންބަފައިންނާ އެކު ވިލިމާލޭގައި އައްޒަ އާއި މުއާ ދިރިއުޅެމުން އަންނަ އެ މީހުންގެ ގެއަށް، ރިޝްމީ އާއި ރަވީ ގޮސް އުޅުނުއިރު އެވެ. ރަވީގެ ދެމަފިރިން ގޮސް އުޅުނީ އިއްޔެ މެންދުރުގެ ކެއުމަކަށެވެ. ސުފުރާ މަތީގައި ހުރީ އައްޒަގެ އެންމެ ފޭވަރިޓް ދިވެހި ކެއުން ތައްޔާރުކޮށްފަ އެވެ.

ކެއުމަށް ފަހު، އެންމެން އެކުގައި ކަރޯކޭ ވެސް ޖެއްސި އެވެ. މި ހުރިހާ މަންޒަރެއް އައްޒަގެ އިންސްޓަ ސްޓޯރީގައި އޭނާ ރައްކާކުރި އެވެ. ވަރަށް ގިނަ ފޭނުން ވެސް ވަނީ އެހާ ދުވަސްކޮށްލައިފައި، ޔާރާ ފެމެލީގެ އެންމެން އެކުގައި ފެނުމުން އުފާވެރި ކޮމެންޓުތަކެއް ވެސް ފޮނުވައިފަ އެވެ.

އައްޒަ އާއި ރިޝްމީ ދެ ވަނަ ކައިވެނިކުރުމުގެ ކުރިންނާއި ފަހުން، ވަރަށް މަދު ފަހަރަކު ނޫނީ ދެތަރިން އެކުގައި ފެނިފައެއް ނުވެ އެވެ. ރިޝްމީ އާއި ރަވީގެ ކައިވެންޏަށް އައްޒަ ނުގޮސްގެން ވެސް ވަރަށް ގިނަ މީހުން އެއްޗެހި ކިޔެވެ. އެކަމާއި ގުޅޭ ގޮތުން އައްޒަ ފަހުން ބުނީ ފިލްމެއްގެ ޝޫޓިންގައި ބިޒީވެގެން ރިޝްމީގެ ކައިވެންޏަށް ނުދެވުނީ ކަމަށެވެ.

އައްޒަ އާއި މުއާގެ ކައިވެންޏަށް ރިޝްމީ ދިޔަ އެވެ. ދެން މީހުން އެއްޗެހި ކިޔަން ފެށީ، މުޅި ރާއްޖޭގެ ސަމާލުކަން ވެސް ހުއްޓުނު އެ ކައިވެނިން ރަވީ ނުފެނިގެންނެވެ. ރަވީ އާއި މުއާގެ ދެމެދުގައި މައްސަލަގަނޑެއް އޮތް ކަމަށް ތުހުމަތުކޮށެވެ.

އިއްޔެ ފެނުނު ފޮޓޯ އާއި ވީޑިއޯތަކުން އެމީހުންގެ އެކުވެރިކަން ވަނީ ފެނިފަ އެވެ. ރާވި އާއި މުއާ އެކުގައި ކަރޯކޭ ވެސް ޖެއްސި އެވެ. އެންމެން ވަރަށް މަޖާކުރި އެވެ.

މި ފޮޓޯއާ އެކު "ރިޝްމީ އާއި އައްޒަ އެކުގައި ފޮޓޯއަކުން ނުފެންނަނީ ކީއްވެ ހެއްޔެވެ؟" ބުނެ މީހުން ކުރާ ސުވާލަށް އެންމެ ފަހުން ނިމުމެއް އައީ ކަމަށް ބަލާށެވެ. އެހާ ބަލާ ހިތުން ކެތްމަދުވެގެން އުޅުނު "ޔާރާ ފެމެލީގެ" ފޮޓޯގަނޑު ފެނިއްޖެ އެވެ.

އެކްޓްރެސް މަރިޔަމް އައްޒަ އައިޝަތު ރިޝްމީ

Popular