25 Jul 2021

ފުވައްމުލަކު ކޮޑަކިޅިއަށް ވެއްޓި 23 މިލިއަން ވިއުސް

By: Ahmed Jaishan

ފުވައްމުލަކުގައި އޮންނަ ކޮޑަކިޅި ނުވަތަ މަޑްބާތަކީ ދިވެހިންނަށް އާ ތަނެއް ނޫނެވެ. ނަމަވެސް ދާދި ފަހުން ކޮޑަކިޅީގައި ކުޅުނު ޓިކްޓޮކަކާ އެކު ދުނިޔޭގެ އެތައް ބަޔަކަށް ވެސް އެ ތަން ފެނިއްޖެ އެވެ. އަދި ޓިކްޓޮކްގެ މަޖާކަމާއި ކުޅީގެ ރީތި ވާހަކަ ވެސް ވަނީ ދައްކަން ފަށައިފަ އެވެ.

އެ ވީޑިއޯ އަކީ ރާއްޖެ އައިސް އުޅޭ އިނގިރޭސި ޓޫރިސްޓެއްގެ އެކައުންޓެއް ކަމަށްވާ "ތްރީ ޑަމްބެލްސް" އިން އަޕްލޯޑުކުރި ޓިކްޓޮކް ވީޑިއޯއެކެވެ. އެ ވީޑިއޯގެ ކުރިން ވެސް އެ އެކައުންޓުން ވަނީ ރާއްޖޭގައި އެކި ޓިކްޓޮކްތައް ކުޅެފަ އެވެ. އޭގެތެރޭގައި ކޮމެޑީ އާއި ރޭސިން އަދި އެނޫން ވެސް ސްކެޗް ހިމެނެ އެވެ.

މިހާރު ވައިރަލް ވެގެން އުޅޭ ވީޑިއޯ އަކީ މީގެ ތިން ދުވަސްކުރިން އަޕްލޯޑްކޮށްފައިވާ ޓިކްޓޮކް ވީޑިއޯއެކެވެ. އެ ވީޑިއޯ އިން ފެންނަނީ ތްރީ ޑަމްބެލްސްގެ ޔޫސާ ކޮޑަކިޅިއަށް ގޮސް އުޅޭ ތަނެވެ. އަދި ޗަކަގަނޑުގެ ތެރެއިން ފެންގަނޑު ހުރަސްކޮށް ހިކިކޮށް އޮތް ތަންކޮޅަށް އޭނާ ދާން އުޅޭ މަންޒަރު ފެނެ އެވެ.

"އައި ޑޯންޓް ނޯ ހައު އައި އެމް ގޮނަ ގެޓް އެކްރޮސް" ކިޔާފައި އޭނާ ކުރިއަށް ދާން އުޅެފައި ބުނަނީ އޭނާގެ ފަޓުލޫނު ހަޑި ވާނެ ކަމަށެވެ. ދެން އޭނާ ފައިވާން ބޭލުމަށް ފަހު އޭނާ އަޅާ ފިޔަވަޅާ އެކު ހުރިގޮތަށް ދަނީ އަޑިއަށެވެ. އޭނާ ބުނީ ތެދެކެވެ. އޭނާގެ ފަޓުލޫނު ހަމަ ރަނގަޅަށް ވެސް ހަޑިވެއްޖެ އެވެ.

ވީޑިއޯގެ ބެކްގްރައުންޑުން އިވެނީ މަންޒަރު ނަގަން ތިބި މީހުން ހޭ އަޑެވެ.

އެ ވީޑީއޯ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. ތިން ދުވަހުގެ ތެރޭގައި އެކަނި ވެސް އެ ވީޑިއޯ އަށް މިހާރު 23 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ.

ވީޑިއޯ ބެލި ގިނަ ބަޔަކަށް އެ ވީޑިއޯ ވަރަށް މަޖާ ވެގެން އުޅެ އެވެ. އަދި ކުދިކުދި ކޯރުގެ ފުންމިނާ މެދު އެއްވެސް ވަރަކަށް "އަންޑައެސްޓިމޭޓް" ކޮށްގެން ނުވާނެ ކަމަށް ވެސް އެތައް ބަޔަކު ބުނެ އެވެ.

ފުވައްމުލައް ސޯޝަލް މީޑިއާ

Popular