ސަނާ އަށް ވީ ވެސް އެހެންނެވެ. އެންމެފަހުން ލޯބި ވެވިއްޖެ އެވެ.
ބަހުސް ބޮޑުވި "އެހެނަސް" ޑްރާމާ އަށް ފަހު، އަހްމަދު އިގްބާލް (އައިކިއު) އެނބުރި މި އަންނަނީ ޒަމާނީ ލޯބީގެ ވާހަކަތަކެއް ކިޔައިދޭ "ނޫންތަ؟" ހިފައިގެންނެވެ. މި ވެސް އަނެއްކާ ވަރަށް ހޫނު ބަހުސަކަށް ވެދާނެ އެވެ. އެކަމަކު މިހާރު މީހުން ލޯބިވާ ގޮތާއި ލޯބި ސިފަކުރާ ގޮތާއި ލޯބިދޭ ގޮތާއި އަދިވެސް، އަދިވެސް ބައިބަރު ލޯބީގެ ފޮނި ވާހަކަތައް މި އެންތޮލޮޖީ ސީރީޒްގައި ހިމެނޭނެ އެވެ.
މިއީ ކޮން "ނޫންތަ؟" އެއް
މި އާ ޖެނަރޭޝަންގެ ލޯބީގެ ވާހަކައެއް ދިވެހި ފިލްމަކުން ނުވަތަ ޑްރާމާއަކުން ވެސް ނުފެނޭ ދޯ އެވެ. ދިވެހި ޑްރާމާ/ފިލްމުތަކުގައި "ފުރަތަމަ ނަޒަރުން ހިތް ކަތިލި" ނުވަތަ "މެލޮޑްރާމާ" ގެ ޒަމާނަށް ފަސްދީ، ބައިސްކޯފުން ގެނެސްދޭން ތައްޔާރުވާ "ނޫންތަ؟" އަކީ ޒަމާނީ ލޯބީގެ ވާހަކަތަކެއް، ވަރަށް ޒަމާނީ ސްޓައިލަކަށް ދައްކައިދޭނެ ހަ އެޕިސޯޑުގެ ސީރީޒެކެވެ.
"މުޅިން ވެސް އެއް ކަހަލަ ލޯބީގެ ވާހަކަތަކެއް ބަލަން މި ލިބެނީ. އެ ބަދަލުކޮށްލާނީ މި ސީރީޒުން،" އޭނާގެ ދެ ވަނަ ސީރީޒްއާ ބެހޭ ގޮތުން އިގްބާލް ބުންޏެވެ.
މިފަހަރު ސީރީޒްގެ ޑައިރެކްޝަންއާ ވެސް ހަވާލުވެހުރީ އިގްބާލެވެ. އަދި މި ދާއިރާގެ މަސައްކަތްތަކުގައި އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ނާއިޝާ ނާޝިދުގެ ޑައިރެކްޝަންތަކެއް ވެސް މި ސީރީޒުން ފެންނާނެ އެވެ. މި ވާހަކަ ލިޔުނީ ވެސް އެ ފަންނުވެރިންގެ ބައިވެރިވުމާ އެކު އެވެ.
މީގެ އެޕިސޯޑުތައް އުޅޭނީ 30 މިނެޓާއި ދޮޅުގަޑިއިރާ ދެމެދުގަ އެވެ. އަދި ކޮންމެ އެޕިސޯޑެއްގައި ވެސް ކިޔައިދޭނީ ތަފާތު ވާހަކައެކެވެ. މި ހުރިހާ ވާހަކަތައް ކިޔައިދޭނީ މަންޒާރާ އެކު ޑައިލޮގުތަކާއި އަދި ބައިވަރު ލަވަތައް ވެސް ހިމަނައިގެންނެވެ. މި ސީރީޒްގައި އަމިއްލަ ރާގުގެ ލަވަތައް ވެސް ހިމެނެ އެވެ.
މިހާރު މީގެ ފުރަތަމަ އެޕިސޯޑުގެ ޓީޒާ ވަނީ ދައްކާލައިފަ އެވެ. މި އާޓިކަލް ފެށީ ފުރަތަމަ ޓީޒާގެ ވާހަކަތަކުންނެވެ. އޭރު ބުނި ސަނާ އަކީ އެ އެޕިސޯޑުގައި ލީޑު ކުޅޭ، މަޝްހޫރު ފިލްމީ ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. ނުޒޫއާ އެކު، އަހްމަދު އާސިމް ވެސް ފެންނާނެ އެވެ. އަލަށް ތައާރަފުވާ، އަދުހަމް ލަޔާލް ގާސިމް ވެސް ފެންނާނެ އެވެ.
ދެވަނަ އެޕިސޯޑުގެ ޓީޒާގައި ފެންނަނީ މަޝްހޫރުވަމުން އަންނަ މޮޑެލް/އެކްޓާ ވާޝިއާ އަހްމަދެވެ. "އެހެނަސް" ގައި އުޅުނު މުހައްމަދު ވިޝާލް (ރޯމަން) އާއި ޝާރިފްގެ ރޯލެއް ވެސް މި އެޕިސޯޑުން ފެންނާނެ އެވެ. މި އެޕިސޯޑުން އަލަށް ތައާރަފުވާ އެކްޓަރުންގެ ތެރޭގައި ފަރުހާދު އާއި ޝިމަލް ހިމެނެ އެވެ.
މި ސީރީޒް ސްޓްރީމް ކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ބައިސްކޯފަށް ދެން އަންނަނީ ކޯއްޗެއް؟
ބައިސްކޯފަށް ތިން އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، އެ ސްޓްރީމިން ޕްލެޓްފޯމުން ގެނެސްދޭ އާ ޝޯތަކުގެ ޓީޒާތައް ވަނީ ދައްކާލައިފަ އެވެ.
އެއީ ޑާކްރެއިންއާ ގުޅިގެން ގެނެސްދޭ ރޮމޭންޑިކް ކޮމެޑީ ސީރީޒް "ގިރިޓީ ލޯބި" އާއި ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ބައި ލިންގުއަލް" ލިޔުންތެރިޔާ އަފްނާން އިބްރާހިމް (ދިންގްލިޝް) ގެ ޓޯކް ޝޯއެއް ކަމަށްވާ "ސަޕް ރާއްޖެ" އާއި ކޮމެޑީ ސީރީޒް "އޮފިސް" ވެސް ހިމެނެ އެވެ.
"ސަޕް ރާއްޖެ" ގެ ފުރަތަމަ އެޕިސޯޑު މިދިޔަ ހުކުރު ދުވަހު ވަނީ ސްޓްރީމް ކުރަން ފަށައިފަ އެވެ.