21 Oct 2024

ރެވިއޯގެ އާ ލަވަތައް ޖަހައި ފޫއްސެއްނުވި!

ރެވިއޯގެ އާ ލަވަތައް ޖަހައި ފޫއްސެއްނުވި!

By: Aishath Jazlee

ސަޅި ބީޓާއި މެލޮޑީއަށް ދިރުން ގެނެސްދޭ ލިރިކްސްތައް ވިރުވާ އަޅާލެއް ހިތްގައިމެވެ. ކޮންމެ ލަވައެއް ވެސް ކެޗީވެފައި ދެ ވަނަ ފަހަރަށް ވެސް އަހާލަން ބޭނުންވެ އެވެ. މިއީ މި މަހުގެ ކުރީކޮޅު ރަވިއޯ ބޭންޑުން ނެރުނު "ޑީއެންވީއާރު" އަލްބަމް އެވެ.

އެކި މައުޟޫތަކަށް, އެކި ވާހަކަތަކާއި އިހުސާސްތައް ގެނެސްދޭ މި އަލްބަމުގައި 8 ލަވަ ހިމެނެ އެވެ. ކޮންމެ ލަވައެއް ވެސް އެއް ލަވަ އަނެއް ލަވަޔާ ތަފާތެވެ. ލަވަތައް އަތުރާލާފައިވާ ގޮތުން ލަވަތަކުގެ ފްލޯ ރީތިވެފައި ހިތްގައިމެވެ. އަޕްބީޓް ލަވަތަކަކުން ފަށާ މި އަލްބަމުގެ ފޯރި ގަދަވަމުން ގޮސް ނިންމާލަނީ ބޯ ޖަހާނުލައި ނީނދެވޭވަރުގެ ލަވައަކުންނެވެ. އަލްބަމް ނިމޭއިރަށް އަނެއްކާ ވެސް ޕްލޭއަށް ފިތާނުލައި އިނދެވޭ ވަރެއް ނުވާނެ އެވެ.

ރެވިއޯގެ ލީޑް ސިންގަ އަހުމަދު ހުމާމް (ޒޯލޯ) ހާސިލްކުރަން ބޭނުންވި ކަމަކީ މިއީ އެވެ. ރިޕީޓުކޮށް ޖެހޭނެ ލަވަތަކެއް ފޭނުންނަށް ދިނުމެވެ.

"ބޭނުންވީ އަމިއްލައަށް ވެސް އެހެން މީހުން ވެސް ލޫޕުގައި އަޑުއަހަން ބޭނުންވާނެ ކަހަލަ ލަވަތަކެއް ނެރެން،" ޒޯލޯ ބުންޏެވެ.

ރެވިއޯގެ ލީޑް ސިންގަ ޒޯލޯ

"މި އަލްބަމްގައި އަހަރުމެންގެ ކުރީގެ ސައުންޑާ ތަފާތުވާނެ. އެކްސްޕެރިމެންޓުކުރިން. އެ ތަފާތު ފެންނާނެ. ރެޓްރޯ, ސިންތްވޭވް ސްޓައިލެއްގެ މިޔުޒިކް މިއީ،" އޭނާ ބުންޏެވެ.

"ދަންވަރު" ނަމަކަށް ކިޔަން ބޭނުންވި މި އަލްބަމްގެ ޓައިޓަލްގައި މޮޑާން ޓުވިސްޓެއް ހިމެނުމަށް "ޑީއެންވީއާރު" އަކުރުތައް ނަމަކަށް ބޭނުންކޮށް ނެރުނު މި އަލްބަމުގައި ޒޯލޯ ބެލީ އަމިއްލަ ތަޖުރިބާއިން ބޭރުން ލަވަ ލިޔާށެވެ. އަދި ފުރަތަމަ "އަލްބަމް" ކުރެހުން" ގައި ހިމެނުނު ލަވަތަކުގެ ވައިބާ ތަފާތު ކޮށްލާށެވެ.

މި އަލްބަމަކީ ރެވިއޯއިން ފައިންޓިއުންކުރުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް މަސައްކަތްކޮށް ނެރުނު އަލްބަމެކެވެ. އަލްބަމުގެ ލަވަތައް ލިޔެ, ކިޔައިދެނީ ޒޯލޯ އެވެ. މި ލަވަތައް ފުރިހަމަކޮށްދިން މިއުޒިކުގައި މަސައްކަތްކުރީ ބޭންޑުގެ ޑްރަމަރު ޖީމް ނިޔާޒާއި ކީބޯޑް ކުޅޭ ހުސެއިން ހިސާން އާއި ލީޑް ގިޓަރިސްޓަކީ ޒަޔާން ފައިސަލް އާއި ބޭސިސްޓް އިނާން އާދިލްގެ ހުނަރުވެރިކަމުންނެވެ.

ރެވިއޯގެ ކޮންސެޓުގައި ބޭންޑުގެ ޑްރަމަރު.

ރެވިއޯއިން މި އަލްބަމް ނެރުނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ބޭއްވި ކޮންސެޓުގަ އެވެ. ރާއްޖެއިން ބޭރުގެ ކޮންސެޓުތަކުގައި ނަގާހާ ފޯރީގައި, އެފަދަ އެނާޖީއެއްގައި އަލްބަމްގެ ލަވަތައް ފޭނުންނަށް ދޫކޮށްލި އެވެ.

ދެހާހަށް ވުރެ ގިނަ ފޭނުންގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ލައިވްކޮށް އާ ލަވަތަކެއް ޕާފޯމްކުރަން ކޮންމެވެސް ވަރަކަށް ޒޯލޯ ޖެހިލުންވި އެވެ.

"އާ ލަވަތަކެއް ވީމާ ކުޑަކޮށް ހެސިޓަންޓްވި ކިޔައިދޭން. ފޭނުންގެ ރިއެކްޝަން އަންނާނެ ގޮތް ނޭނގޭތީ. ރެވިއޯގެ ކޮންސާޓެއް ވީމަ ހުސް ރެވިއޯ ފޭނުންތާ ތިބޭނީ. އަލްބަމް ރިލީޒްކޮށް ފެށި ފުރަތަމަ ލަވައަށް ފޭނުން ރިއެކްޓުކުރި ގޮތް ފެނި މިއީ ފޭނުންނަށް ކަމުދާނެ އަލްބަމެއްކަން އެނގިއްޖެ،" ޒޯލޯ ބުންޏެވެ.

ޒޯލޯ ބުނީ ކޮންސެޓުގައި ޕާފޯމްކުރަން އެންމެ އުނދަގޫވީ އަލްބަމުގައި ހިމެނޭ "ތިހަނދާން" ލަވަ ކަމަށެވެ.

"މިއީ ޒޯލޯގެ މާމަގެ ހަނދާނުގައި ލިޔުނު ލަވައެއް. ބޭނުންވީ ވަކިވެ ގޮސްފައިވާ މީހެއްގެ މެމޮރީގައި ޖެހޭނެ ސަޅި ލަވައެއް ލިޔަން. މި ލަވަ ފޭނުންނަށް ޕާފޯމްކޮށްދިން އިރު ވަރަށް އިމޯޝަނަލްވި އެ މީހުން ވެސް ޒޯލޯ ވެސް. އަނެންހެން ބުނަންޏާ ރޮވޭހާވި. އެ ތަނުގެ އެނާޖީ އެހާ ވެސް ސްޓްރޯންގް،" ޒޯލޯ ކިޔައިދިނެވެ.

މި އަލްބަމުން ޒޯލޯއަށް އެންމެ ރީތީ "ވަށާ ވިޔޭ" ލަވަ އެވެ. މިއީ ގިނަ ފޭނުންނަށް ވެސް އެންމެ ރީތި ލަވަކަމަށް ޒޯލޯ ބުންޏެވެ. އަލްބަމްގައި، ދާދި ފަހުން ވީޑިއޯ ލަވަ ނެރުނު "ވޭ އުމުރަށް" ލަވަ ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ ރީތި ކަމަށް ލިޔެފައިވާ "އޯ ރީއްޗޭ" އާއި ރާއްޖެއިން ފެންނަ ބައެއް ކަހަލަ ރިލޭޝަންޝިޕްތަކަށް ބިނާކޮށް ލިޔެފައިވާ "ދޮގެކޭ ބުނޭ" ވެސް ހިމެނެ އެވެ.

ރާއްޖޭގައި ބޭންޑަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ކޮންސެޓް ބާއްވައި ނެރުނު މި އަލްބަމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޒޯލޯ ބުނީ މި އަލްބަމްގެ ކާމިޔާބީއާ އެކު ތިން ވަނަ އަލްބަމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ރެވިއޯގެ ކޮންސެޓަކީ ވެސް އާ އަލްބަމަކީ ވެސް ވަރަށް ބޮޑު ސަކްސެސްއެއް. އަހަރުމެންނަށް އާ ސްޓޭންޑަޑަކަށް ދެވިއްޖެކަމަށް ގަބޫލުކުރަން. ބޭނުމީ މިހާރަށް ވުރެ ވެސް ދުރަށް ދާން. އެކަމަށް ވަރަށް ގިނަ އެކްސައިޓިން ޕްރޮޖެކްޓުތަކެއް އެބަ ހުރި."

Popular