By: Ahmed Nadym
މި ވާހަކައެއް ދެއްކީމަ، ތޫލި އަޑުގެ މި ލަވަކިޔުންތެރިޔާ އަހަރެން ދެކެ އަންނާނީ އަމަށަކު ރުޅިއެއް ނޫންކަން ވެސް އެނގެ އެވެ. އެކަމަކު ފަޒީލާ އާމިރުހައި ޑިމާންޑުބޮޑު ލަވަކިޔުންތެރިޔަކު ރިޓަޔާމަންޓުގައި ހުރެފައި ސުނީތާ އަލީހާ ފަސޭހައިން ވައިރަލްވާ މީހަކަށް ލަވައެއް ކިޔައިދިނީމާ މިކަހަލަ އާޓިކަލްތަކުގެ ޑިމާންޑު ވެސް ބޮޑުވާނެއެއް ނޫންތޯއެވެ؟
ތިޔަ ރިޓަޔާމަންޓު ކެންސަލްކޮށްލާފައި ދިވެހި ލަވަ އާއި މިއުޒިކްގެ ދުނިޔެ އަށް ފަޒީލާ އާމިރު އެނބުރި އަންނަން ހަމަ ހުރިހައި ދިވެހިން ވެސް ބޭނުންވަނީ އެވެ. ސުނީތާ އާއި ޑިސްކޯ އަބްދުﷲ ނަށައި ވަރުބަލިކޮށްލި "މައި ނޭމް އިޒް ޕީސީ" އޭ ކިޔުނު އެ ލަވައެއް ވެސް ހަގީގަތުގައި މިފަހަރު ވައިރަލްވީ ފަޒީލާ އާމިރުގެ އަޑުގައިވީ ހިތްގައިމު ކަމަކާއި ބާރަކުންނެވެ.
އާންމުކޮށް ސުނީތާ އަލީގެ ލަވަތައް ވައިރަލްވާން ސުނީތާ އަލީ އިން ފުދެ އެވެ. އެކަމަކު ސުނީތާއާ އެއްވަރުގެ އެހެން ބާރެއް އެ ލަވައާ އެކު އެނބުރި އައުމަކީ ޔަގީނަށް ވެސް "މައި ނޭމް އިޒް ޕީސީ" މުޅިން އެހެން ހަނދާނަކަށް ބަދަލުކޮށްލި ސަބަބެކެވެ. ޕީސީ އާއި ސުނީތާގެ "ލަވް ސްޓޯރީއަށް" ވުރެން މިފަހަރު އެންމެނަށް ވެސް ހާއްސަވީ ފަޒީލާ އާމިރު އެވެ.
އެކަމަކު މި ވާހަކައެއް މިގޮތަށް މާ ދިގުކޮށް ދެއްކޭކަށް ނެތެވެ. ސަބަބަކީ ކިތަންމެ ދިގުކޮށް މި ވާހަކައެއް ލިޔުނަސް ލަވަ އާއި މިއުޒިކްގެ ދުނިޔެ އަށް އެނބުރި އައުމުގެ ހިޔާލެއްފިކުރެއް ވެސް ފަޒީލާގެ ނެތީމަ އެވެ. ފަޒީ ބުނަނީ މިހެންނެވެ.
"އެއީ އެނބުރި އައުމެއް ނޫން. އަދި އެއީ އެނބުރި އައުމެކޭ އަޅުގަނޑު ވެސް އަދި ސުނީ(ތާ) ވެސް އެއްވެސް އިރަކު ބުނެފައެއް ނެތް،" މާނަ އޮޅޭ ގޮތަށް ސުރުޚީ ލިޔެފައިވާ ކަމަށް ބުނެ ޝަކުވާކޮށް މިދިޔަ ބުދަ ދުވަހު އާންމުކޮށްފައިވާ ފޭސްބުކް ސްޓޭޓަސްއެއްގައި ފަޒީލާ ލިޔެފައިވެ އެވެ.
އޭނާ ބުނީ ސުނީގެ ހިތްދީވާނާގެ އާ އަލްބަމަށް ރިކޯޑްކޮށްދިން އެ ލަވައަކީ ވައުދެއް ފުއްދާލުމެއް ކަމަށެވެ.
"އެއީ މީގެ އަހަރުތަކެއް ކުރިން ސުނީއަށް ވެފައިވީ ވައުދެއް ފުއްދުމަށް ކޮށްލަދިން ކަމެއް."
ފަޒީލާ ކިޔައިދިން ލަވައާ ބެހޭ ގޮތުން ސުނީތާ ވެސް ބުނީ މިހެންނެވެ.
އެކަމަކު ވެސް ދިވެހިން އެދި ގޮވަނީ ފަޒީލާ އާމިރުގެ އެނބުރި އައުމަކަށެވެ. އާދައިގެ އެނބުރި އައުމަކަށް ވެސް ނޫނެވެ. – ނިކަން ވަރުގަދަ އެނބުރި އައުމަކަށެވެ.
"އަސްލު ހާދަ އުފާ ވެއްޖޭ ފަޒީގެ އަޑުން އާ ލަވައެއް އިވުނީމަ.. ލެޓް އަސް ހިއަރ ޔުއަރ ވޮއިސް މޯރ!،" ސުނީތާގެ ލަވަ އަށް ކޮމެންޓްކޮށްފައިވާ ފަޒީގެ ފޭނަކު ބުނެފައިވެ އެވެ.
"ކޮބާތަ ފަޒީ. އަޅެ އަލްބަމެއް އަޅާބަލަ. ނޫނީ ލަވައެއް ކިޔާ ޔޫޓިއުބަށް ދޫކޮށްލަބަލަ. އަހަރެމެން ތިޔަތި ހިފައިގެން ދުއްވައިގަންނާނެ. މިސް ޔޯރ ވޮއިސް،" މިއީ އަދި އެހެން ސުޕަފޭނެއްގެ ކޮމެންޓެކެވެ.
ތައުރީފާއި އާދޭހުގެ މިކަހަލަ ކޮމެންޓުތައް ބަރިބަރިއަށް ފަތިފަތްޗަށް މި އާޓިކަލްއެއް ނިމެންދެން ވެސް ލިޔެވިދާނެ އެވެ. އެކަމަކު ވެސް ފަޒީލާ އާމިރުގެ ހިޔާލު ބަދަލުވެދާނެ ކަމަކަށް ނުބެލެވެ އެވެ. އެ ބަހުސަކަށް ބޯކޮށްޕަން ވެސް އޭނާ ބޭނުންނުވަނީ އެވެ. ފޯނަށް ގުޅައިގެން ވެސް ޚަބަރެއް ނުވީ އެހެންވެ ކަމަށް ވެދާނެ އެވެ.
އެކަމަކު ފަޒީލާގެ ސުޕަ ފޭނުންނާ ހެދި މި އާޓިކަލްގަނޑެއް ވެސް ކުރިއަށް ގެންދަން ފަސޭހައެއް ނޫނެވެ. މިއޮތީ އަނެއްކާ ވެސް ސުޕަފޭނެކެވެ.
"މިހާރު އަޑު މާރީތިހެން ވެސް ހީވޭ. އަޅެ ޕްލީސް ފަޒީ ގެ އަމިއްލަ ރާގުގެ އަލްބަލެއްގެ އަޑު އަހާލަން ވަރަށް ބޭނުންވޭ."
ހަގީގަތް ގަބޫލުކުރަން ބޭނުންނުވާ ފަޒީލާ އާމިރުގެ ފޭނުން އުޅޭ ވައްތަރަކީ މިއީ އެވެ. އެކަމަކު ތިޔަ ފޭނުން އުފާވާނެ ކަމެއް މަކޮށްފާނަމެވެ. މިއޮތީ ފަޒީލާ އާމިރުގެ ހަނދާން އިތުރަށް، ވީހާ ވެސް ގަދަކޮށް އާކޮށްލުމަށް ނިކަން ސަޅި ފަސް ލަވައެވެ.
"އާމިރުންތަކެއް" ދިވެހި މިއުޒިކަށް ނެރެ އެތައް ހާސް ބަޔަކަށް އުފާވެރިކަން ގެނެސްދިން ލަވަ އާއި މިއުޒިކްގެ އާއިލާއަކުން ފަޒީލާގެ މިއުޒިކްގެ ރަން ހަޔާތް ފެށީ 1993 ވަނަ އަހަރު ނެރުނު "ހިތްފަހި" އަލްބަމުންނެވެ.
އެއަށް ފަހު ދިވެހި ސިނަމާ ތާއަބަދަށް ބަދަލުކޮށްލި މަޝްހޫރު ދިވެހި ފިލްމު "ދެރިޔާ" ބެލި މީހުން އޭގެ ޖާދޫގައި ޖެއްސި އެންމެ މުހިންމު އަޑަކީ ވެސް ފަޒީލާގެ ތޫލި އަދި އެވަރަށް ހިތްގައިމު ރަން އަޑެވެ. އެ ފިލްމުގެ ހުރިހާ ލަވައެއް މިކަމަށް ހެކިވެ އެވެ.
ފަޒީލާގެ ކެރިއަރުގެ ކުރީކޮޅަކީ ދިވެހި ލަވަ އާއި ލަވަ އަލްބަމްގެ ފޯރި މާލެ އާއި ރަށްތަކުގައި އެންމެ ގަދަވެގެން އައި ދުވަސްވަރެވެ. މޭނާ ހައްސާނާއި އުމަރު ޒާހިރުމެންގެ އަލްބަމާއި ލަވައިގެ އީދަށް ފަހު ދެން އައީ ފަޒީލާ އާމިރު ނުވަތަ ފަޒީލާ އާމިރު އާއި އަލީ ރަމީޒުގެ އީދެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
އެއަށް ފަހު އޭނާގެ އަޑު ކުއްލިއަކަށް މެދުކެނޑިގެން ދިޔައީ 2004ގެ ހިސާބުގަ އެވެ. އެއަށް ފަހު މީހުން ބުނަނީ މިހެންނެވެ. ދިވެހި މިއުޒިކުގެ ތަހުތުގައި ރަސްކަންކޮށް ރަނިކަންކުރި ޑުއެޓަށް ނިމުން އައިފަހުން އެ ތަހުތަށް ހައްގު ޑުއެޓެއް އަދިވެސް ނާދެއޭއެވެ.
ރިޓަޔާމަންޓުގައި ހުއްޓަސް ފަޒީލާ އާމިރު އިސްޓޭޖަށް އަރުވަން އެންމެން ވެސް ބޭނުންވާ ސަބަބަކީ މިއީ އެވެ.