1 Mar 2018

ޝައްމޫގެ ބަހާރުމޫސުމް

"މަލެކޭ އެއްފަދަ" ލަވައާ އެކު އޭނާގެ މިއުޒިކީ ހަޔާތަށް ބަހާރު މޫސުން އައިސް ލަވައަށް ލޯބިކުރި އެންމެންގެ ހިތުގައި ފޮޅުނު އެންމެ ފަރި މަލަކަށް އޭނާ އިސާހިތަކު ބަދަލުވެގެން ދިޔަ

"މަލެކޭ އެއްފަދަ" ލަވައާ އެކު އޭނާގެ މިއުޒިކީ ހަޔާތަށް ބަހާރު މޫސުން އައިސް ލަވައަށް ލޯބިކުރި އެންމެންގެ ހިތުގައި ފޮޅުނު އެންމެ ފަރި މަލަކަށް އޭނާ އިސާހިތަކު ބަދަލުވެގެން ދިޔަ

By: Ahmed Nadym

ދިވެހި މިއުޒިކާއި ލަވައިގެ އުޑަށް އޭނާ އަރައިގެން ދިޔައީ މީގެ ގާތްގަނޑަކަށް އަށެއްކަ އަހަރު ކުރިންނެވެ. ޓީވީއެމްގެ އެހަނދާނުގައި ރިމިކްސް ޝޯގައި މީރާ މުހައްމަދާ އެކު ހުށަހަޅައިދިން "މަލެކޭ އެއްފަދަ" ލަވައާ އެކު އޭނާގެ މިއުޒިކީ ހަޔާތަށް ބަހާރު މޫސުމް އައިސް ލަވައަށް ލޯބިކުރި އެންމެންގެ ހިތުގައި ފޮޅުނު އެންމެ ފަރި މަލަކަށް އޭނާ އިސާހިތަކު ބަދަލުވެގެން ދިޔައީ އެވެ. އެއަށް ފަހު މުހައްމަދު ޝަމްއޫނަކީ އަބަދުވެސް ތަރިއެކެވެ. އެކަމަކު މި ރާއްޖޭގެ އެންމެ މަގްބޫލު އެއް ފިރިހެން ލަވަކިޔުންތެރިޔަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ބަދަލުވެގެން ދިޔަ ސިއްރަކީ ކޮބައި ހެއްޔެވެ؟-- އެ ކާމިޔާބީގެ ފަހަތުގައި ވަނީ ހަމަ އެންމެ "މަލެކޭ" ބުނެވޭކަށް ނެތެވެ.

އާންމުކޮށް ރާއްޖޭގައި މޮޅެތި ލަވަކިޔުންތެރިންނާއި މިއުޒީޝަނުން އުފެދިފައި ތިބީ ނުވަތަ މަޝްހޫރުވެގެން އައިސްފައި ވަނީ އާއިލީ ނަސަބާއި ހުނަރާއި ނުފޫޒުގެ ތެރެއިންނެވެ. ދިވެހި ލަވައިގެ އެންމެ ނުފޫޒުގަދަ އުޑުގައި ފިޔަޖަހަމުން އަންނަ ގިނަ ލަވަކިޔުންތެރިންނަކީ އެ މީހުންގެ އާއިލާގެ ހުނަރާއި ނުފޫޒާއެކު ފަސޭހަ ހަރުގަނޑަކުން މައްޗަށް އަރައި ތިބި ބައެކޭ ބުނެވިދާނެ އެވެ. ނަމަވެސް 29 އަހަރުގެ މި ލަވަކިޔުންތެރިޔާ އަދި އާދަޔާހިލާފަށް އެޑިކްޓިވް ލޯބީގެ ލަވަތައް ލިޔަން ކުޅަދާނަ ޝަމްއޫން ނުވަތަ އެންމެން ވެސް އެންމެ ލޯބިން އޭނާ ދަންނަ ނަމުން ނަމަ، ޝައްމޫގެ އަމިއްލަ ރާގުގައި އޭނާ ފިޔަވައި އެހެން ހުނަރުވެރިއެއް ނެތެވެ. އޭނާގެ އާއިލާގައި އޭނާ ފިޔަވައި އެހެން ލަވަކިޔުންތެރިއެއް ނެތެވެ.

ފޮޓޯ: ޝަމްއޫން އަފީފު/ މިހާރު

އެކަމަކު ބައްޕައަކީ އަބަދުވެސް މިއުޒިކަށް މަރެކޭ ކިޔައި ފަށައިގަންނަމުން ޝައްމޫ ކިޔައިދިނީ ލަވައިގެ ދުނިޔެ އަށް އޭނާގެ ކަންފަތް ހުޅުވާލަދިން ބައްޕަގެ މާސިންގާ ލަވަޖަހާ ސެޓެއްގެ ވާހަކަ އެވެ.

"އަހަރެން ވަރަށް ކުޑައިރު ބައްޕަ ގެއަށް ގެންނަނީ ބޮޑު ސިންގާ ލަވަޖަހާ ސެޓެއް. އޭގެ އެންމެ އިސްޕީކަރެއް ވެސް އޭރު ވޭ އަހަރެން ވަރު ސައިޒުން. ދެން ބައްޕަގެ ކަމަކަށް އޮންނާނީ ގަންސް އެންޑް ރޯސަސް އާއި ބޮން ޖޯވީގެ ލަވަތައް ކެސެޓު ރޯލުތަކުން ޖެހުން. ވީހާ ވެސް އަޑުގަދަކޮށް،" ލޯބީގެ ރޮކް ލަވައިގެ ތެރެއަށް ގެނބިގެން ދިޔަ ގޮތް ކިޔައިދެމުންނާއި ލަވައަށް ހިތްޖެހުނު ގޮތް ކިޔައިދެމުން ޝައްމޫ ބުންޏެވެ.

އޭނާ ބުނީ ޓީވީއެމްގައި އިންތި އޭރު ހުށަހަޅައިދިން "ސްޕޮޓްލައިޓް" ލަވަ ޕްރޮގްރާމަކީ ވެސް ލަވައިގެ ދުނިޔެ އަށް އޭނާގެ ސިކުނޑި އާއި ލޯ ވަރަށް ބޮޑަށް ހުޅުވައިދިން ތަޖުރިބާއެއް ކަމަށެވެ. މި ހުރިހާ ރަހަތެއްގެ ތެރެއިން ލަވަކިޔުމުގެ ހުނަރު އަމިއްލަ އަށް ޑިސްކަވާކުރެވުނު ނަމަވެސް އާންމުންގެ ކުރި މައްޗަށް ނުކުމެ ލަވަކިޔާކަށް އޭނާ އަކަށް އެންމެ ފުރަތަމަ ނުކެރުނެވެ. ސްކޫލްގައި ރައިވަރުކިޔަން ކެރުނަސް ސްޓޭޖަށް އަރައި ލަވައެއް ކިޔަން ކެރޭވަރެއް ފުރަތަމަ ނުވި އެވެ.

ފޮޓޯ: ޝަމްއޫން އަފީފު/ މިހާރު

ނަމަވެސް 2004ގެ ފަހުކޮޅު އޭނާ ދިޔައީ މައްޗަން ގޮޅީ ސަހަރާގެ ގޯޅި ކަންމައްޗެއްގައި ހިސާބުގަނޑުގެ އެކުވެރިންނާ އެކު ގިޓާކުޅެ ލަވަކިޔައި އަމިއްލަ ރާގުގެ ނިކަން ހިތްގައިމު ދުނިޔެއެއް މަޑުމަޑުން އުފައްދަމުންނެވެ. އެގޮތުން ސަހަރާގެ ކަންމައްޗަށް އޭނާ އުފަންކުރުވި ފުރަތަމަ ހިޓަކީ އޭނާގެ ކެރިއަރުގައި އަދިވެސް އެންމެ ހާއްސަ ނުވަތަ އެންމެ މަޝްހޫރު އެއް ލޯބީގެ ލަވައިގެ ގޮތުގައި ދެމިގޮތް "ލޯބިން" އެވެ. އެއަށް ފަހު އޭނާ ގިޓާޖަހައި ކިޔަން ފެށި "ބުނެދެންހޭ" ވެގެން ދިޔައީ އަދި އެއަށް ވުރެން ބޮޑު ހިޓަކަށެވެ.

ނަމަވެސް ފުރާވަރުގައި ލަދުރަކިގޮތެއް ހުރި މި ޒުވާނާ އަށް ދެން ވެސް އޭނާގެ މި ހުނަރުވެރިކަން މެއިންސްޓްރީމްކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ އެ ހިތްގައިމު އަމިއްލަ ރާގުތައް މަތީގައި ނިދާލައިގެން އޭނާގެ އާދައިގެ ދިރިއުޅުމާއިގެން އުޅުނީ އެވެ. ސްކޫލް ނިންމާލިއިރު ވެސް މިހާރު މި ފެންނަވަރުގެ މިއުޒީޝަނަކަށް ވުމުގެ ވިސްނުމެއް ވެސް އޭނާގެ ހަގީގަތުގައި ނެތެވެ. އޭނާ އެންމެ ފުރަތަމަ ވެސް ދަސްކުރީ ގްރެފިކްސް ޑިޒައިނިން އާއި ވެބް ޑިޒައިނިން އެވެ. އެއަށް ފަހު ދެން ވަޒީފާ އަދާކުރަން ފެށީ އައިލެންޑް އޭވިއޭޝަންގެ ކެބިން ސާވިސް ޑިޕާޓްމަންޓްގަ އެވެ. މަތިންދާ ބޯޓަށް ކޭޓަރިން އެރުވުމުގެ މަސައްކަތެވެ. އަދި އެއް ދުވަސްކޮޅެއްގައި ޝީގެ ރިސެޕްޝަނުގައި އެޕޮއިންޓްމަންޓް ނަގައި ނޯޓުކުރަން ވެސް އޭނާ އުޅުނެވެ.

ޝައްމޫގެ ލަވަތަކާ އެކު ކުއްލިއަކަށް ބޮޑު މަޝްހޫރުކަމެއް ހޯދި ސްކޯސް އޮފް ފްލެއާ އިން އޭނާ އަށް ފުރުސަތު ލިބުނުއިރު ވެސް ހުރީ ޝީގައި މީހުންނަށް އެޕޮއިންޓްމަންޓް ނޯޓުކޮށްދޭށެވެ.

"ޝީގައި އުޅެނިކޮށް ރައްޓެއްސެއްގެ ބާތު ޑޭ އަކަށް ދައުވަތެއް ލިބެނީ. އެ ޕާޓީގެ ތެރެއިން ދިމާވީ މިއުޒިކްގެ ވަރަށް ގިނަ މީހުންނާ. އެތަނުގައި އަމިއްލަ ލަވަތައް ފުރަތަމަ ފަހަރަށް އާންމުންނަށް ކުޅެލީ. އެ ދުވަހު މީހަކު ބުނި ސަލްޓަންސް ބޭންޑަށް ލަވަކިޔަން ބޭނުން ހެއްޔޭ ވެސް،" ކުޑައިރުގެ ފެވަރިޓް އެއް ބޭންޑުން ލިބުނު އެ ފުރުސަތު މަތިން ހަނދާންކޮށް ޝައްމޫ ބުންޏެވެ.

އެކަމަކު އެ ޕާޓީ ނިމުމަކަށް އައިއިރު އޭނާ އަށް ހަގީގީ ފުރުސަތެއް ލިބުނީ އޭރު އަލަށް އެކުލަވާލައިގެން އުޅުނު ސްކޯސް އޮފް ފްލެއާއިންނެވެ.

"އަދިވެސް ހަނދާން އެބަހުރި އެ ފުރުސަތު ލިބިގެން ސްކޯސް އޮފް ފްލެއާ (ސްޓޫޑިއޯ) އަށް ޝީގައި ހުރެފައި އަހަރެން ދިޔައީ ވާރެއާ ވެސް ތެމިގެން،" ޝައްމޫ ކިޔައިދިނެވެ.ނތެރ

ޝައްމޫގެ މިއުޒިކް ކެރިއަރުގައި ރަސްމީ ކުލަ ޖައްސައިދިން މި ބޭންޑާ އެކު އޭނާ އަށް އާދައިގެ މަޝްހޫރު ކަމަކާއި މަގްބޫލުކަމެއް ލިބިގެން ދިޔަ ނަމަވެސް ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ފަހުން ސްކޯސް އޮފް ފްލެއާގެ މާހައުލު އޭނާ އަށް ވިހަވީ އެވެ. ބޭންޑްގެ އެތެރޭގެ މައްސަލަތަކާ އެކު ޝައްމޫ އެ ބޭންޑުން ނުކުމެގެން ދިޔަ ބާރުމިނުގައި އޭނާގެ ކެރިއަރު ވެސް ސަލާމަތްކުރެވުނީ ހަމަ ކިރިޔާ އެވެ.

"ހިތަށް އެރީ އެ ހިސާބުން ދެން ނިންމާލާނީއޭ މިއުޒިކް ކެރިއާ. މިއުޒިކްގެ ތެރޭގައި ވެސް އުޅެވިއްޖެއޭ. ދެން ބޭނުމޭ ޝަމްއޫނުގެ ގޮތުގައި އުޅެން އަލުން. މީހުން ސަމާލުކަން ލިބޭ މީހަކަށް ވާން ބޭނުން ނުވީ. އެ ދުވަސްކޮޅު ދެން ބޮޑަށް ބެލީ ވަޒީފާ އަށް ވަގުތު ދީގެން އެކަމާއިގެން އުޅެވޭތޯ. އޭރު އުޅުނީ ސިމްޑީގައި ގްރެފިކް ޑިޒައިނަރަކަށް،" ޝައްމޫ ބުންޏެވެ.

އޭނާގެ މިއުޒިކީ ހަޔާތުގައި އަލުން ފިޔަފަޅައިގެން ދިޔައީ ގްރެފިކް ޑިޒައިނަރަކަށް އުޅެނިކޮށް ރިސޯޓް މިއުޒިކް އިންޑަސްޓްރީ އިން ލިބުނު ރަނުގެ ފުރުސަތަކާ އެކުގަ އެވެ. އެހިސާބުން އޭނާ އަނެއްކާވެސް ބޭންޑެއް އެކުލަވައި "ދަ ފައިވް"ގެ ނަމުގައި ރިސޯޓް މިއުޒިކް ސީން އަށް ފުންމާލީ އެވެ. އެއަށް ފަހު އެ ބޭންޑް، އެ ލައިންއަޕާ އެކު، އަހަރެމެން އެންމެންގެ ފެވަރިޓް އިކްއެޓިކް ވައިބަށް ރީބްރޭންޑް ކުރިޔަސް ދެން ފަސްއެނބުރި ބެލުމެއް ނެތެވެ.

"މިހާރު މި ދަނީ އަނެއްކާ ވެސް އާ އަލްބަމަކަށް ތައްޔާރުވަމުން. އޭގެ ހުރިހާ ލަވަތަކެއް ވެސް ވަނީ ނިމިފައި މިހާރު ވެސް،" ކުލަތައް އަލްބަމަށް ފަހު މިހާރު ތައްޔާރުކުރަމުން އަންނަ އާ އަލްބަމާ ބެހޭ ގޮތުން ޝައްމު ބުނެލި އެވެ.

Popular